Roadha Mihaaru

ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުންނަށް އެކްސެސްތައް ކަނޑާލައިފި

އެމެރިކާ ސަރުކާރުން އެހީގެ މަސައްކަތްތައް ހިންގާ ބޮޑު އެޖެންސީ ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ މައި އޮފީސް ހޯމަ ދުވަހު ބަންދުކޮށް އެތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ކަނޑާލައިފި އެވެ.

ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!

އެމެރިކާ ސަރުކާރުން އެހީގެ މަސައްކަތްތައް ހިންގާ ބޮޑު އެޖެންސީ ކަމަށްވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ މައި އޮފީސް ހޯމަ ދުވަހު ބަންދުކޮށް އެތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ކަނޑާލައިފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް ޔޫއެސްއެއިޑާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް ފަހު އޮފީސް ބަންދުކުރި އިރު އެތަނުގެ ވެބްސައިޓް ވެސް ޑައުންކޮށްލި އެވެ. އެއާ އެކު ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ އެ ޖަމިއްޔާ އޭނާގެ ކޮންޓްރޯލްގެ ދަށަށް އަންނާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރުބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ "އެމެރިކާގެ މަސްލަހަތު ޒިންމާދާރުކަމާ އެކު ގައުމުން ބޭރުގައި ކުރިއެރުވުމުގެ އަސްލު މަގްސަދާ އެ އެޖެންސީން ހިލާފްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ" ކަމަށެވެ. އޭނާ ވިދާޅުވީ ޔޫއެސްއެއިޑް ރިވިއުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރުބިއޯ މިހެން ވިދާޅުވި އިރު ޔޫއެސްއެއިޑްގެ 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެ މީހުންގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށް އެކްސެސް ވެސް މިހާރު ނުލިބޭ ކަމަށް އޭބީސީ ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ.

މި ކަންބޮޑުވުންތަކާ އެކު އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުންނާ އެކު ފަންސާހަކަށް މީހުން ވަނީ ޔޫއެސްއެއިޑްގެ އޮފީސް އިމާރާތުގެ ކައިރީގައި "ސޭވް ޔޫއެސްއެއިޑް" ޖަހާފައިވާ ލިޔުންތަކާ އެކު މުޒާހަރާ ވެސް ކޮށްފަ އެވެ. އެކަމަކު ސެނެޓަރުން ޔޫއެސްއެއިޑް އޮފީހުގެ ޕަބްލިކް ލޮބީއާ ހިސާބަށް ވެސް ވަނަ ނުދީ ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ.

އެމެރިކާގެ ފޮރިން ޕޮލިސީގެ ދަށުން އެހީ ދޭ ގޮފި ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެންމެ ފަގީރު ސަރަހައްދުތައް ހިމެނޭގޮތަށް ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްހީ އަދި އިމަޖެންސީ ޕްރޮގްރާމްތަކަށް ފަންޑުކުރެ އެވެ. ޔޫއެސްއެއިޑަކީ ޓްރަމްޕުގެ އެކުވެރި ބިލިއަނަރު މަސްކުގެ ވިޔަފާރީގެ މަސްލަހަތު ވަރަށް ބޮޑަށް އޮންނަ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ "ސޮފްޓް ޕަވަ" ގެ މުހިންމު ބައެކެވެ.