Roadha Mihaaru

ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް

ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް އޭނާގެ އެޑްވައިޒަރު އަދި ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް

ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް އޭނާގެ އެޑްވައިޒަރު އަދި ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އެކްސްގެ ސްޕޭސްގައި ބޭއްވޮ ލައިވް ސެޝަނެއްގައި މަސްކް ވިދާޅުވީ ޔޫއެސްއެއިޑާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ރައީސް ޓްރަމްޕާ ވާހަކަ ދެއްކެވި ކަމަށެވެ.

"އެއްބަސްވީ އެތަން ބަންދުކުރަން،" މަސްކް ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "އެންމެ ފަންޏެއް އޮތް އާފަލެއް" ކަމަށް ހީކުރެވުނަސް އެއީ "ފަނިން ފުރިފައިވާ އެއްޗެއް" ކަން މިހާރު ޔަގީންވެއްޖެ ކަަމަށެވެ.

"މި ޖެހޭނީ ނައްތާލަން. މިއީ ރަނގަޅުކުރެވޭ ހާލަތެއްގައި އޮތް އެއްޗެއް ނޫން."

ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ ޔޫއެސްއެއިޑްގެ އިސް ދެ ވެރިޔަކު، ސަރުކާރުގެ ސިއްރުގެ ގޮތުގައި ހުރި އެ ޖަމިއްޔާގެ ލިޔުންތަކެއް، މަސްކާ ހަވާލުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) އަށް ހާމަކުރެއްވުމަށް ދެކޮޅު ހެއްދެވުމާ އެކު އެ ދެ ބޭފުޅުން ޗުއްޓީއަށް ފޮނުވާލާފައި ވަނިކޮށެވެ. މިކަން އެމެރިކާ ސަރުކާރުގެ މިހާރުގެ އޮފިޝަލަކާއި ކުރީގެ އޮފިޝަލަކު ވެސް ވަނީ އެސޯސިއޭޓެޑް ޕްރެސް އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޑޮޖް އަށް މިހާރު ވަނީ އެމެރިކާ ސަރުކާރުގެ ޕޭމަންޓް ސިސްޓަމްގެ އެކްސެސް ވެސް ދީފަ އެވެ. އެއީ ރައްޔިތުންގެ ވަރަށް ޒާތީ މައުލޫމާތު ހިމެނޭ ސިސްޓަމެއް ކަމަށް ވާތީ، އެ އެކްސެެސް ދިނުމާ ދެކޮޅު ހެއްދެވި ބޭފުޅަކު ވެސް ވަނީ ގެޔަށް ފޮނުވާލައިފަ އެވެ. އަދި ފަހުން އޭނާ ވަނީ ރިޓަޔާކުރައްވައިފަ އެވެ.

އެހެން ގައުމުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޔޫއެސްއެއިޑް އަކީ ކުށްވެރިންގެ ޖަމާއަތެއް ކަމަށް މަސްކް ވިދާޅުވެފައި ވާއިރު ޓްރަމްޕް ވަނީ އެއީ "ހަރުކަށި މޮޔައިން" ހިންގާ ތަނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ މި ޖަމިއްޔާގެ ކުރިމަގާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބަލަހައްޓަ އެވެ.