Roadha Mihaaru

ޓިކްޓޮކްގައި "ފްރީ ފަލަސްތީން" އާއި ބައެއް ޝިއާރުތައް ސެންސަރުކުރަނީ

އެމެރިކާގައި ޓިކްޓޮކް މަނާވާ ގާނޫނު ތަންފީޒުކުރަންޖެހޭ ވަގުތު ހަމަވުމާ އެކު އެ އެޕްލިކޭޝަން ޑައުންކުރުމަށް ފަހު އަލުން ހިދުމަތް ފެށި ފަހުން "ފްރީ ފަލަސްތީން" އާއި އެހެން ބައެއް ޝިއާރުތައް ވެސް ސެންސަރުކުރާ ކަމަށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުން ބުނަން ފަށައިފި އެވެ.

ޓިކްޓޮކްގައި "ފްރީ ފަލަސްތީން" ސެންސަރުކުރާތީ ޝަކުވާ!

އެމެރިކާގައި ޓިކްޓޮކް މަނާވާ ގާނޫނު ތަންފީޒުކުރަންޖެހޭ ވަގުތު ހަމަވުމާ އެކު އެ އެޕްލިކޭޝަން ޑައުންކުރުމަށް ފަހު އަލުން ހިދުމަތް ފެށި ފަހުން "ފްރީ ފަލަސްތީން" އާއި އެހެން ބައެއް ޝިއާރުތައް ވެސް ސެންސަރުކުރާ ކަމަށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުން ބުނަން ފަށައިފި އެވެ.

ޓިކްޓޮކް އެމެރިކާގައި ބަންދުކުރީ ކުންފުނީގެ މައި ކުންފުނި، ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ ސަބްސިޑަރީ ކުންފުނި، ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލަން ލާޒިމްކޮށް ގާނޫނުން ދިން ސުންގަޑި ހަމަވި އިރު ވެސް އެކަން ނުކުރެވުމުންނެވެ. އެކަމަކު ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ މިކަން ފުރިހަމަކުރުމަށް 75 ދުވަހުގެ މުހުލަތެއް ދެއްވައި، އެޕްލިކޭޝަން އަލުން ފަށަން ހުއްދަ ދެއްވައިފަ އެވެ.

ނަމަވެސް ޓިކްޓޮކް ބޭނުންކުރާ މީހުން މިހާރު ބުނަމުންދަނީ އަލުން ހިދުމަތް ފެށި ފަހުން ޕްލެޓްފޯމުން ތަފާތުތަކެއް ފެންނަ ކަމަށެވެ. ލައިވްސްޓްރީމްތައް ފެނުން މިހާރު ކުރިއަށްވުރެ މަދު ކަމަށާއި މީގެ ކުރިން ޕްލެޓްފޯމްގައި ހުއްދަ ބައެއް ކަންކަން މަނާވެ، މިހާރު ރިމޫވްކުރާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ބައެއް ކޮމެންޓްތަކާއި ކޮންޓެންޓްތައް ޕްލެޓްފޯމްގެ އުސޫލާ ހިލާފް ކަމަށް ބުނެ ފްލެގްކުރާ ކަމަށް ވެސް އެތައް ބަޔަކު ބުނެފައިވެ އެވެ.

މިހާރު ފްލެގްކޮށް ރިމޫވްކުރާ ކޮންޓެންޓުގެ ތެރޭގައި "ފްރީ ފަލަސްތީން" ވެސް ހިމެނޭ ކަމަށް މީހުން ބުނެފައިވެ އެވެ. އަދި އެމެރިކާގެ ހެލްތު އެގްޒެކެޓިވްއެއް މަރާލިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ލުއިގީ މިނިވަންކުރުމަށް ގޮވާލާ ކޮންޓެންޓް ވެސް ކުރިން ސެންސަރު ނުކުރާ ކަމަށާއި އެކަމަކު މިހާރު އެ ވެސް މަނާވެއްޖެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ޓިކްޓޮކުން ބުނީ އެމެރިކާގެ އޮޕަރޭޝަނަށް އަދި ސިޔާސަތަށް ވެސް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

"ހަފުތާ ބަންދުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކާއި އެލްގޮރިދަމްތަކަށް ބަދަލެއް ނާދެ،" ރޮއިޓާސް އަށް ދިން ބަޔާނެއްގައި ޓިކްޓޮކުން ބުންޏެވެ. "އެމެރިކާގެ އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރަން. ހިދުމަތްތައް ކުރީގެ ހާލަތަށް އިއާދަކުރާއިރު ވަގުތީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ އަދި އެކަމުގެ ސަބަބުން ޓިކްޓޮކް ފީޗާތަކަށް ނުވަތަ އެޕްލިކޭޝަނަށް ބޭނުންކުރާ ފަރާތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވޭ."

އެކަމަކު ޓިކްޓޮކުން ބުނީ ހަރުކަށި ނުވަތަ ނަފުރަތު އުފެދޭ ކަންކަން ޕްރޮމޯޓްކުރާ ކޮންޓެންޓަކަށް އެ ޕްލެޓްފޯމުގައި ފުރުސަތު ނުދޭ ކަމަށެވެ.