Roadha Mihaaru

އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕީޖީން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން (އެންސީސީ) ކުންފުންޏަށް ހަވާލުކުރި މަޝްރޫއުއަކަށް 44 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

އެންސީސީއަށް 44 މިލިއަން ދިނުން:ތަހުގީގު އަވަސްކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 ޑިސެމްބަރ 2024

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން (އެންސީސީ) ކުންފުންޏަށް ހަވާލުކުރި މަޝްރޫއުއަކަށް 44 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

އާސަންދަ ކުންފުންޏަށް ހަ ބުރީގެ އިމާރާތެއް އެޅުމަށް އެންސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު، 2016 ގަ އެވެ. އެއީ 61 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އޭރު އަންދާޒާ ކުރި ގޮތުން ނަމަ، އެ ޕްރޮޖެކްޓުން އެންސީސީއަށް ތިން ޕަސެންޓުގެ ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ނުގޮސް އޮއްވާ އާސަންދައިން އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގީ 2017 ވަނަ އަހަރު ބަޖެޓުގެ ދަތިކަމާ ހުރެ އެވެ. އެކަމަކު ޕްރޮޖެކްޓަށް ވަގުތު ހުސްކުރަން ކުންފުނީގެ ބައެއް ވަސީލަތްތައް ބޭނުންކުރުމުން މާލީ ގެއްލުންތަކާ ކުރިމަތިވި ކަމަށް ބުނެ އެމްޑީޕީގެ ވެރިކަމުގައި ހެދި ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ބަދަލުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަދާ 10 ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރި އެވެ.

ފަހުން ހަވާލުކުރި ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ޖުމްލަ 44 މިލިއަން ރުފިޔާ ދޫކުރި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ބަލަމުން އަންނައިރު އެ ކޮމިޓީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައަކީ ދިވެހި ދައުލަތާއި އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް މައްސަލައަކަށް ވާތީ، އެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން އަދި އެ މައްސަލައަށް ހާއްސަ ތަހުގީގީ ޓީމެއް އެކުލަވާލައި އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްގެ އެއްބަސްވުމެއް ހަދާފައިވާނަމަ، އެކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ވަނީ އަންގައިފަ އެވެ.

އެ މައްސަލާގައި މީގެކުރިން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ވަނީ އެންސީސީ އާއި އާސަންދަ އަދި އެޗްޑީސީގެ ބޭފުޅުން ވެސް ހާޒިރުކޮށްފަ އެވެ.

އެ މައްސަލާގައި ކޮމެޓީގައި އޭރު އަލީ ހަމީދު ވިދާޅުވީ އެ ކުންފުންޏަށް އެ މަޝްރޫއުގެ ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ކަމަށާއި އެތަނުގެ ޕަވާ އޮފް އެޓާނީ ލިބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ލަސްވީ ބިމާއި ފެނާ ގުޅޭ މައްސަލަތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ އަލީ ހަމީދު ފާހަގަ ކުރެއްވި އެ މައްސަލަތައް ދިމާވި ކަމަށާއި އޭގެ ސަބަބުން ވަގުތު ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އަލީ ހަމީދު ވެސް ޕީއެންސީއަށް ސޮއި ކުރެއްވި އެވެ.