22 ޑިސެމްބަރ 2024
ޑިސެމްބަރު 7، 2005 ވީ ބުދަ ދުވަހުގެ ގެ މެންދުރުފަހު ޕާކިސްތާނުގެ ކަރާޗީގައި ކުޅުނު އެ މެޗުގެ ފުރަތަމަ އެގާރައިގައި، ބައިނަލްއަގްވާމީ މާބޮޑު ތަޖުރިބާއެއް ނެތް، ޒުވާން ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނުމުން ގައުމީ ޓީމުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފްގެ އެ ނިންމުމާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ.
ޑިސެމްބަރު 7، 2005 ވީ ބުދަ ދުވަހުގެ ގެ މެންދުރުފަހު ޕާކިސްތާނުގެ ކަރާޗީގައި ކުޅުނު އެ މެޗުގެ ފުރަތަމަ އެގާރައިގައި، ބައިނަލްއަގްވާމީ މާބޮޑު ތަޖުރިބާއެއް ނެތް، ޒުވާން ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނުމުން ގައުމީ ޓީމުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް އިވަނޯފްގެ އެ ނިންމުމާ މެދު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ.
އެކަމަކު، އަފްޣާނިސްތާން އަތުން 9-1 އިން މޮޅުވެ ރާއްޖޭން ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބު ފެށުމެއް ހޯދި އެ މެޗު ނިމުނުއިރު އެ އެންމެން ތިބީ ސްޓޮއިކޯފުގެ އެ ނިންމުމާ މެދު ހިތްހަމަޖެހިފަ އެވެ. ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެއް މެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ރާއްޖޭން ހެދި އެ މެޗު ނިމުނީ، ދިވެހި ފުޓްބޯޅައިން އާ ތަރިއެއް އަނެއްކާ ވެސް ފިޔަޖަހަން ފެށުމުގެ އުފަލާ އެކު އެވެ.
މިއީ އޭގެ 19 އަހަރު ފަހެވެ. އެކަމަކު އަދިވެސް އެ ކުޅުންތެރިޔާގެ ނަމެއް ފަނޑެއް ނުވެ އެވެ. އެތައް ކާމިޔާބެއް ހޯދުމަށް ފަހު، ކުޅުން ހުއްޓާލައިގެން ހުރުމަށް ފަހު އޭގެ އަށެއްކަ އަހަރު ފަހުން، އެނބުރި އައިސް އުމުރުން 42 އަހަރުގައި ގޯލްޑް ކަޕުގައި ބޮންޑާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އުފަން ރަށް ނިސްބަތްވާ އައްޑޫ ސިޓީ ޓީމުގެ ކެޕްޓަންގެ ޒިންމާ ނަގައިގެން ބޮންޑާ ވަނީ ރޭ އެ ޓީމު ފައިނަލަށް ގެންގޮސްދީފަ އެވެ. ސެމީ ފައިނަލުގައި ރޭ ރ. އަލިފުށި އަތުން 2-0 އިން އައްޑޫ ސިޓީ މޮޅުވި މެޗުގައި ބޮންޑާ ވަނީ ފުރަތަމަ ގޯލު ޖަހައި، ދެ ވަނަ ގޯލު ޖަހަން ޕްރީ އެސިސްޓްކޮށް، މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ބޮންޑާ (11) 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި އަފްޣާނިސްތާނާ ދެކޮޅަށް ނުކުންނަން ލައިންއަޕުގައި.
އުމުރާއި، ބުންވަރާއި، ހަކަތައިގެ ގޮތުން ވެސް ބޮންޑާ އަށް ވުރެ ކުރީގައި ތިބި ޒުވާން އެތައް ކުޅުންތެރިންތަކެއްގެ ތެރެއިން ވެސް އޭނާ އަށް ތަފާތު ދެއްކެނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލަށް ޖަވާބުދިނީ، ބޮންޑާއާ އެކު ގައުމީ ޓީމަށް ކުޅެފައިވާ، މިހާރުގެ މަޝްހޫރު ކޯޗެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ބޮންޑާ އަށް ލިބުނުކަން އިއުލާންކުރުމާ އެކު، ދަނޑުގައި ހުރި ބޭރު ކުޅުންތެރިއެއް ގާތު އެ ކޯޗު ބުނީ އެ މަގާމު އެ ހޯދީ ސާޅީހުން މަތީގެ ކުޅުންތެރިއެއް ކަމަށާއި ތަފާތަކީ ސިކުނޑި ކަމަށެވެ.
"ބޯ ބަހައްޓައިގެން އެ ކުޅެނީ،"
އައްޑޫގައި ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ބޮންޑާ ވެސް ބުނީ، އޭނާ އަށް މިހާރު ތަފާތު ދެއްކެނީ ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެ، ތަޖުރިބާގެ ބޭނުންކޮށްގެން ކަމަށެވެ. ރަށުގައި އުޅޭއިރު އޭނާ އަށް ގަވާއިދު ކުޅެން ނުދެވެ އެވެ. ދިޔަޔަސް ދެވެނީ ދޭތެރެއަކުން ފުޓްސަލް މެޗެއް ކުޅެލާށެވެ. އެހެންވެ 90 މިނެޓުގެ ފުޓްބޯޅަ މެޗުތަކެއް ކުޅެން ބަލާއިރު އޭނާގެ ފިޓްނަސްއެއް ނެތެވެ. އެކަމަކު ދަބަރުތަޅާލާއި ނުކުމެ ބޮންޑާ އޭނާގެ ތަޖުރިބާގެ ބޭނުން ހިފީ އެވެ.
"ފެށިއިރު ވެސް އެނގޭ މި ޒުވާން ކުޅުންތެރިންނާ އެއްކޮށް، ދުވެގެން ހިފަހައްޓަން އުނދަގޫވާނެކަން،"
ރޭގެ މެޗުގެ ފުރަތަމަ ގޯލު، ކޯނަރަކުން ހުރަސްވި ބޯޅައަކުން ބޮންޑާ ބޮލުން ކާމިޔާބުކުރިއިރު ވެސް ތަޖުރިބާގެ ބޭނުން ހިފިތަން ފެނުނެވެ. އައްޑޫގެ ދެ ވަނަ ގޯލު އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ޖެހީ ވެސް، ބޮންޑާ ވަރަށް ވިސްނުންތެރިކަމާ އެކު އޭރިއާ ތެރެއަށް ފޯރުކޮށްދިން ބޯޅައަކުން އުފެއްދި ހަމަލާއެއްގަ އެވެ.
ބޮންޑާ ބުނީ އައްޑޫ ޓީމުގެ ފަރާތުން ފެންނަނީ ވަރަށް ބޮޑަށް ޓީމު ރޫހުގައި ކުޅޭތަން ކަމަށާއި އޭގެ ސަބަބުން އޭނާ އަށް ފަސޭހަވި ކަމަށެވެ.
"އެންމެން އެންމެންގެ ކުޅުން ވަރަށް އަންޑަސްޓޭންޑްވޭ. ވަރަށް ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެނީ. އެހެންވެ ފިޓްނަސް ދަށްވިޔަސް އެކަމެއް ނުދައްކާ،"
ބޮންޑާ ގައުމީ ޖާޒީގައި.
ބޮންޑާ ބުނީ، މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ގޯލު، ހާއްސަކުރާނީ މި އަހަރު ނިޔާވީ، އައްޑޫގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) އަށް ކަމަށެވެ. ބޮންޑާ އާއި ބަކާ އަކީ 2001 ވަނަ އަހަރު އައްޑޫ ވިޔަފާރިވެރިންތަކެއް ގުޅިގެން އުފެއްދި އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަށް ކުޅެން އެ އަތޮޅުން ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑަށް ވިދާލި ދެ ކުޅުންތެރިންނެވެ. ބޮންޑާ ވަނީ ވަރަށް ޒުވާން އުމުރެއްގައި އައިއެފްސީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު 2002 އާއި 2003 ގެ އެފްއޭ ކަޕް ކާމިޔާބުކޮށް 2004 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ކުޅެފަ އެވެ.
އެކަމަކު އޭނާގެ ކުޅުން ގިނަ ބަޔަކަށް ފާހަގަކުރެވުނީ 2005 ގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ. އެ ހިސާބުން އޭނާގެ ސޮއި ހޯދަން ރާއްޖޭގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ފެށި އެވެ. އެކަން ކާމިޔާބުކުރީ 2007 ގައި ނިއު ރޭޑިއަންޓުންނެވެ. ބޮންޑާ ގެނައުމުން ނިއުގެ ސަޕޯޓަރުން އެކަން ފާހަގަކޮށް ބުނަން ފެށީ ޓީމަށް މި ލިބުނީ "ފަންޏެއް ދުވާ ހެން" ދުވާ ކުޅުންތެރިއެއް ކަމަށެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި އުންޑައިން ސަލާމަތްވުމަށްޓަކައި، ފަންޏެއް ދުވާ ހެން ޒިގްޒެގްކޮށް ދުވާ ގޮތަށް، ބޮންޑާ ދަނޑުމަތީގައި ބޯޅަ ހިފައިގެން ޒިގްޒެގްކޮށް ޑްރިބަލްކުރާ ކުރުމަށް އިޝާރާތްކޮށެވެ.
އޭނާގެ އެ ތަފާތު އެޓޭކިން ކުޅުމާ އެކު، ނިއު އިން އެ ސީޒަނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން އެ ކްލަބުން އެފްއޭ ކަޕް ދެ ވަނަ ފަހަރަށް މިލްކުކުރުމުގެ ޝަރަފް ހޯދިއިރު ފައިނަލުގައި ބޮންޑާ ވަރަށް މޮޅަށް ކުޅުނެވެ. އަދި އެ އަހަރުގެ ގައުމީ ޗެމްޕިއަންކަން ނިއު ހޯދިއިރު ފައިނަލުގައި ވިކްޓްރީ ކޮޅަށް އޭނާ ގޯލް ޖެހި އެވެ.
އޭރު ބޮންޑާ އަކީ ގައުމީ ޓީމުގެ ވެސް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ކޯޗު ކޯޗު ޖޯސެފް ޔަންކޭޒްގެ ސިސްޓަމް ރޭވިފައި އޮތް ގޮތުން ބޮންޑާ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގެ އެގާރައިން ޖާގަ ނުލިބުނު ނަމަވެސް، ރާއްޖެ ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރަން މެޑަލް ހޯދި އެ މުބާރާތުގެ ހުރިހާ މެޗެއްގައި އޭނާ ފަހު ހާފުގައި ކުޅެން އެރި އެވެ.
ބޮންޑާ ޓީސީއާ އެކު ކާމިޔާބުކުރި ޝެއިޚް ކަމާލް ކަޕުގެ ޓްރޮފީއާ އެކު.
ކްލަބް ކެރިއަރުގައި ބޮންޑާ ދެން ބަދަލުވީ ވެލެންސިއާ އަށެވެ. އެއް ސީޒަން އެ ޓީމަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު އެނބުރި ދިޔައީ އައިއެފްސީގެ ނަން ބަދަލުކޮށްގެން، ވީބީން ހިންގަމުން ދިޔަ ވީބީ އައްޑޫ އެފްސީ އަށެވެ. އެ ޓީމާ އެކު އޭނާ 2010 އާއި 2012 ގައި ޗެރިޓީ ޝީލްޑް، އަދި 2011 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވިކްޓްރީ ކޮޅަށް އޭނާ އޯވާހެޑް ކިކަކުން ވައްދާލި ގޯލު ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.
"އެއީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާވަރުގެ ރީތި ލަނޑެއް،" ވީބީގެ ކޯޗު ޖޭން ވަންލީ އޭރު ބުންޏެވެ.
އޭރު ވެސް ބޮންޑާ ދިޔައީ، ރަށުގައި ދިރިއުޅުމެއް ފަށަން ބޭނުންވާތީ ރިޓަޔާކުރަން ވިސްނަމުންނެވެ. މަޑުކުރަން ވަންލީ އެދިފައި އޮއްވާ ވެސް، މާލޭގައި ހުރެވެން ނެތުމުން ބޮންޑާ އެ އަހަރުގެ ވަކި ހިސާބަކުން އައްޑު އަށް ބަދަލުވީ އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން އެނބުރި އައިސް ވެލެންސިއާ އާއި ނިއު އަށް ކުޅުމަށް ފަހު، ރަސްމީކޮށް ރިޓަޔާކުރި އެވެ.
އެހެންވިޔަސް މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އެދުމުގެ މަތިން 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެދޭން މާލެ އަ އެވެ. ޓީސީން އެ އަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕުގެ ދެ ވަނަ މަގާމް ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ބޮންޑާ އެވެ. އޭނާ ވަނީ އެ އަހަރު މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ނޮމިނޭޓްވެފަ އެވެ.
އެކަމަކު ޓީސީގައި އެންމެ ހާއްސަ ކާމިޔާބަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރުމެވެ. ކަކުލުގެ އަނިޔާއާ އެކު ވެސް ކުޅެ ބޮންޑާ އެ ތަށި ހޯދުމާ އެކު އޭނާ ވެގެންދިޔައީ ގައުމީ ޓީމާއި، ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ތަށްޓެއް ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އަށެވެ.
ބޮންޑާ (ކ) ޓީސީ އަށް ކުޅެނީ.
ހޮލީވުޑްގެ ޖާސޫސީ ކެރެކްޓަރު ޖޭމްސް ބޮންޑުގެ ނަމާ ގުޅުވައިގެން ބޮންޑާ ނުވަތަ އައްޑޫ ފުޓްބޯޅައިގެ ޖޭމްސް ބޮންޑުގެ ގޮތުގައި ކުޑައިރު އެ އަތޮޅަށް މަޝްހޫރުވި ކުޅުންތެރިޔާ ވަނީ އެ ކާމިޔާބީތަކާ އެކު އެތައް އަހަރުތަކެއް ވަންދެން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ސަފުގައި އައްޑޫގެ ނަން ދިރުވައިފަ އެވެ. އެހެންވެ ބޮންޑާގެ ވިދުން ގަދަ ކެރިއަރަށް، ގޯލްޑް ކަޕުން އިތުރުވާނެ އެއްޗެއް އޮންނާނެ ކަމަށް ހީ ނުވެދާނެ އެވެ. އެކަމަކު އޭނާ އަށް މިއީ ވަރަށް ހާއްސަ މުބާރާތެކެވެ. ސަބަބަކީ މިއީ އައްޑޫ ހުރިހާ ރަށެއް ތަމްސީލުވާ ގޮތެއް ސީދާ އައްޑޫގެ ނަމުގައި ކުޅޭ ފަހަރަކަށް ވުމެވެ.
"މި ހުރިހާ ދުވަހު ކުޅުނީ އައްޑޫ ވަކިވަކި ކުޅުންތެރިން. އަލަށް މި ކުޅެނީ އައްޑޫ ހުރިހާ އެންމެން ވެގެން ޓީމެއް ހަދައިގެން،" ބޮންޑާ ބުންޏެވެ.
"މިއީ ވެސް އޭގެ ޒާތުގައި ކާމިޔާބެއް. އެކަމަކު މިހާރު ހުރިހާ ވެސް ވިސްނުމަކީ ތަށި."
އޭނާ ބުނީ ފައިނަލުގައި ވާދަކުރަން ޖެހޭ ބ. އޭދަފުށްޓަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ވަރުގަދަ ޓީމެއް ކަމަށާއި އެ މެޗަށް ނުކުންނާނީ އެކަން ދަނެގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ބެސްޓް ދޭނަން އިރާދަކުރެވިއްޔާ. ދެން އޮތީ ސަޕޯޓަރުންގެ ހިތްވަރު. މިހިސާބަށް އައުމުގައި ވެސް ސަޕޯޓަރުންގެ ދައުރު ބޮޑު. އުއްމީދުކުރަނީ ފައިނަލުގައި ވެސް އެ ފޯރި ފެންނާނެ ކަމަށް،" ބޮންޑާ ބުންޏެވެ.
ބޮންޑާ، އައްޑޫ ކައުންސިލަށް ވާދަކުރަނީ
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
ރާއްޖޭގައި ފުޓްބޯޅަ ކުޅޭގޮތް ޒަމާނީކޮށްލީ އައްޑޫން!
އައްޑޫގެ ސަޕޯޓަރުން ދަތުރުކުރަން ވަކި ފްލައިޓެއް
އަލިފުށި ކަޓުވާލުމަށް ފަހު އައްޑޫ ފައިނަލަށް
މާފުށި ކަޓުވާލުމަށް ފަހު އައްޑޫ ސެމީ އަށް
ހަތް ލަނޑު ޖަހައި އައްޑޫން ފެންވަރު ދައްކާލައިފި