16 ޑިސެމްބަރ 2024
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރާ ބަލާއިރު އިތުރުވިޔަސް، ހަރަދު ވެސް ގާތަގަނޑަކަށް އެ މިންވަރަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރާ ބަލާއިރު އިތުރުވިޔަސް، ހަރަދު ވެސް ގާތަގަނޑަކަށް އެ މިންވަރަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް 31.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 78 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ޖީއެސްޓީ ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ.
ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައިވާ 24.3 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
ނަމަވެސް، ޓެކްސް ނޫން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު ވަރަށް ވުރެ ދަށްވެފަ އެވެ. ނޮން-ޓެކްސް ރެވެނިއުގެ ގޮތުގައި މިދިޔަ އަހަރު 7.79 ބިލިއަން ރުފިޔާ ލިބުނަސް، މި އަހަރު އެ އަދަދު ވަނީ ގާތްގަނޑަކަށް ހަތް ބިލިއަނަށް ވެއްޓިފަ އެވެ.
ނޮން-ޓެކްސް ރެވެނިއު ދަށްވި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް ބިމު ކުއްޔާއި އެސްއޯއީތަކުން ލިބުނު ޑިވިޑެންޑް ދަށްވުން ހިމެނެ އެވެ.
މި މަހުގެ ފަސް ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއަށް ކުރިއެރުންތަކެއް ލިބިފައި ވިޔަސް، އެ މުއްދަތުގައި ކުރި ހޭދަ ވަނީ އިތުރުވެފަ އެވެ.
ޖުމްލަ ހަރަދުގެ ގޮތުގައި މި އަހަރުގެ އެހާތަނަށް ހަރަދު ވެފައިވާ 43.6 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 670 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާންމު އުސޫލާ އެއްގޮތަށް، ޖުމްލަ އާމްދަނީގެ ބޮޑު ބައި ހިއްސާ ކުރަނީ ރިކަރަންޓު ނޫނީ ދައުލަތް ހިންގުމުގެ ހަރަދެވެ. ރިކަރަންޓްގެ ހަރަދުގެ ގޮތުގައި، މިއަހަރުގެ އެހާތަނަށް ހޭދަވެފައިވާ 30.6 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރިކަރަންޓު ހަރަދު އިތުރުވީ މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަ ވަރަށް ބޮޑަށް އިތުރު ވެފައިވާތީ އެވެ. މިދިޔަ އަހަރު މުސާރަ އާއި ޕެންޝަނަށް 11 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު، އެ އަދަދު މި އަހަރު ވަނީ 12.4 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
މުސާރައިގެ ހޭދައިގެ އިތުރުން، އިދާރީ ހިންގުމުގެ ހަރަދު ވެސް މި އަހަރު ވަނީ 197 މިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.
ނަމަވެސް، ހިންގުމުގެ ހަރަދުގެ ތެރޭގައި ހިމެނޭ އާސަންދަ އާއި ސަބްސިޑީ ދޭން ކުރި ހޭދަ ވަނީ މިދިޔަ އަހަރާ ބަލާއިރު ދަށްވެފަ އެވެ.
މި އަހަރު އާސަންދަ އަށް ހަރަދު ކުރި 1.88 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރާ އަޅާބަލާއިރު، ގާތްގަނޑަކަށް 101 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ސަބްސިޑީ އަށް ކުރި ހޭދަ ވެސް ވަނީ 233 މިލިއަން ރުފިޔާ އިން ދަށްވެފަ އެވެ.
ރިކަރަންޓު ހަރަދުތައް އިތުރުވެފައިވާއިރު، މި މަހުގެ ފަސް ދުވަހާ ހަމައަށް ކެޕިޓަލަށް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރުގެ އެހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އެ އަދަދު މި އަހަރު ވަނީ 12.97 ބިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ. ކެޕިޓަލް ހަރަދުތައް މިހާ ބޮޑަށް ދަށަށް ގޮސްފައިވަނީ، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ މަދުވުމުންނެވެ.
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ފިޔަވަޅުތަކުން އާސަންދަ/ސަބްސިޑީ ހޭދަ ކުޑަވާން ފަށައިފި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި