Roadha Mihaaru
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުން ތިން މީހަކު ހައްޔަރުކުރި؛ 22 ކާރު ޓޯކުރި

12 ޑިސެމްބަރ 2024

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުން ތިން މީހަކު ހައްޔަރުކޮށް، 22 ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުން ތިން މީހަކު ހައްޔަރުކޮށް، 22 ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުން މިއަދު ކޯޓަށް ހާޒިކުރުމުން ދެ މީހަކު ފަސް ދުވަހަށް ބަންދުކޮށް، އަދި ދެން ހުރި މީހާ ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ޓޯކުރީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 22 ޓެކްސީ ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އެކަމުގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އަމީން ވިދާޅުވި ގޮތުގައި، މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ އެވެ.