Roadha Mihaaru
ބަންދުކުރި ދެ ޑްރައިވަރުން ދޫކޮށްލައިފި

ބަންދުކުރި ދެ ޑްރައިވަރުން ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި

17 ޑިސެމްބަރ 2024

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި މައްސަލާގައި ފަސް ދުވަހަށް ބަންދުކުރި ދެ ޑްރައިވަރުން މިއަދު ގެއަށް ދޫކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި މައްސަލާގައި ފަސް ދުވަހަށް ބަންދުކުރި ދެ ޑްރައިވަރުން މިއަދު ގެއަށް ދޫކޮށްލައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެއީ، މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން، 33 އެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖުގެ ތެރެއިން މަގު ބްލޮކްކުރި މައްސަލާގައި އިތުރު ދެމީހަކު ހައްޔަރުކުރި އެވެ. އެއީ، ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު، 36 އާއި މއ. ނަހީދީމަންޒިލް، މިސްބާހު ޝަރީފު، 31 އެވެ.

ނުއުމާން ވަނީ ހައްޔަރު ކުރި ދުވަހު ޝަރުތު ކުރުމަށް ފަހު ގެއަށް ދޫކޮށްލައިފަ އެވެ. ނަމަވެސް، އެ އިހުތިޖާޖު ބޭއްވިތާ ތިން ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި، ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ މިސްބާހު ވަނީ ފަސް ދުވަހަށް ބަންދުކޮށްފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

ޓެކްސީ ޑްރައިވަރުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި އިހުތިޖާޖުން ވަނީ 22 ޓެކްސީ ވެސް ޓޯކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި، އެ ޓެކްސީތައް ޓޯކުރީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް އުޅަނދުތައް ބޭވުމުންނެވެ. ނަމަވެސް، ޑްރައިވަރުން މި ވާހަކަ ދޮގުކުރި އެވެ.

ޑްރައިވަރުން އެ ވާހަކަ ދޮގުކުރި ނަމަވެސް، ޑްރައިވަރުން އިހުތިޖާޖުކުރީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގުގެ މެދުގައި ކާރުތައް އެއް ލައިނަކަށް މަޑުކޮށްގެން ތިބެ އެވެ. ޑްރައިވަރުން ވެސް ތިބީ ކާރުން ފައިބައިގެންނެވެ. އެހެންވެ، އެ ރޭ އެ މަގު ވަރަށް ބޮޑަށް ތޮއްޖެހި، އާންމު ދަތުރުފަތުރަށް ބުރޫއެރި އެވެ.