Roadha Mihaaru
ޓެކްސީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ފަށައިފި

ޓެކްސީ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ފަށައިފި

10 މާޗް 2022

ޓެކްސީ ދަތުރު ކޮށްދޭ އަގުތައް ސަރުކާރުން މުރާޖައާ ކޮށްނުދިނުމުން ޓެކްސީ ސެންޓަރުތަކުން ދަތުރުތައް މިއަދު ހުއްޓާލައި ހުޅުމާލޭގައި އިހުތިޖާޖެއް ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޓެކްސީ ދަތުރު ކޮށްދޭ އަގުތައް ސަރުކާރުން މުރާޖައާ ކޮށްނުދިނުމުން ޓެކްސީ ސެންޓަރުތަކުން ދަތުރުތައް މިއަދު ހުއްޓާލައި ހުޅުމާލޭގައި އިހުތިޖާޖެއް ފަށައިފި އެވެ.

އެ ހަރަކާތުގައި އިސްކޮށް އުޅޭ ޑްރައިވަރަކު "މިހާރު" އަށް ބުނީ، އަގުތައް މުރާޖައާ ކޮށްދޭން ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނަސް ސަރުކާރުގެ އޮފީސްތައް މިއަދު މެންދުރު ދޭއް ޖެހުމާ ހަމައަށް ބަންދުކުރިއިރު ވެސް އިޖާބަދީފައި ނެތް ކަމަށެވެ.

"އެ ކަމަށް ބީރު ކަންފަތެއް ދިނީ. ރަނގަޅު ގޮތެއް ވާނެއޭ ބުންޏަސް ޚަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

އެހެންވެ ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ފަހު، ޑްރައިވަރުން މިހާރު ދަނީ ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ. ރާއްޖޭގެ ބާޒާރުގައި ވެސް ޕެޓްރޯލްގެ އަގު އުފުލެމުންދާއިރު ޓެކްސީ ދަތުރުތައް ކުރިން ކަނޑައަޅާފައިވާ އަގުތަކަށް ކުރާނެ ގޮތަކާ މެދު އެ މީހުން ސުވާލު އުފައްދަ އެވެ.

ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ފަހު ޑްރައިވަރުން އިހުތިޖާޖުގައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ފަހު ޑްރައިވަރުން އިހުތިޖާޖުގައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޑްރައިވަރުން ފާހަގަކުރާ ގޮތުގައި ޓެކްސީ ދަތުރުކުރަނީ އެ މީހުން ވެސް ކައިބޮއި ހަދާ މަސައްކަތެއްގެ ގޮތުގަ އެވެ. މާލެތެރޭގެ ދަތުރަކަށް 25ރ. އަށް ނަގަން ކަނޑައެޅީ އަށް ރުޕިޔާ އަށް ޕެޓްރޯލް ލިޓަރެއް ލިބުނު ޒަމާނުގައި ކަމަށް އެ މީހުން ބުނެ އެވެ. އެކަމަކު މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގު އުޅެނީ 14.60ރ. ގަ އެވެ.

ޑްރައިވަރުން ބުނަނީ މި ފަހަރު އިހުތިޖާޖު ފެށީ ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ. ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދަށް އެއްވާ ޑްރައިވަރުންގެ އަދަދު ވެސް އިތުރުވަމުންދާއިރު، އެ މީހުން ތިބީ ޕޯސްޓަރުތަކުގައި ކަންބޮޑުވުންތައް ވެސް ލިޔެގެންނެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ބައިވެރިވަނީ: ޓެކްސީގައި މީޓަރު ހަރުކުރެވެންދެން އަގުތައް އުފުލައިދޭން ޑްރައިވަރުން އެދޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ބައިވެރިވަނީ: ޓެކްސީގައި މީޓަރު ހަރުކުރެވެންދެން އަގުތައް އުފުލައިދޭން ޑްރައިވަރުން އެދޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މިހާރު ކުރިއަށް މި ދަނީ ހުއްޓާ ގޮތަކަށް ނޫން. ފަހަރަކު ސްޓެޕެއް ވަރުގަދަ ކުރަމުން އަޅުގަނޑުމެން ދާނީ. މަގުމައްޗަށް ނުކުންނަން ޖެހިއްޖެއްޔާ މަގުމައްޗަށް ވެސް ނުކުންނާނަން،" ޑްރައިވަރަކު ބުންޏެވެ.

ހުރިހާ ޓެކްސީ ސެންޓަރެއްގެ އާންމު ދަތުރުތައް ހުއްޓާލިޔަސް ކޮންމެ ސެންޓަރަކަށް ވެސް ދެ ޓެކްސީ ދުއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭނާ ބުނީ އެއީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ދުއްވާ ގޮތަށް އޮތް ޓެކްސީތަކެއް ކަމަށާއި އެ ޓެކްސީތަކުން ފައިސާ ނުނަގާނެ ކަމަށެވެ.

"އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ޖެހިއްޖެ ހާލަތުތަކުގައި އެ ޓެކްސީ ދަތުރުތައް ކުރާނީ. އެއީ މުޅިން ހިލޭ ކުރާ ދަތުރުތަކެއް،" އިހުތިޖާޖުގައި ހުރި ޑްރައިވަރަކު ބުންޏެވެ.