Roadha Mihaaru
ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ މުޒާހަރާކޮށްފި

ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ޑްރައިވަރުން ނިކުމެއްޖެ

04 އޯގަސްޓް 2024

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ކަންބޮޑުވެ، ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މިއަދު މުޒާހަރާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ކަންބޮޑުވެ، ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި މިއަދު މުޒާހަރާކޮށްފި އެވެ.

ހުޅުމާލެ 1 ގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އުމަރު ޒާހިރު ބިލްޑިންގެ ބޭރުގައި ޑްރައިވަރުން އަޑު އުފުލީ އެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށެވެ.

ޓެކްސީ ޑްރައިވަރުންނާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމަކަށް ފަހު، އެ ޑްރައިވަރުން އެތަނުގައި މުޒާހަރާ ފެށީ ޑްރައިވަރުން ހުށަހެޅި ކަންކަމަށް މިނިސްޓްރީން އެއްބަސް ނުވި ކަމަށް ބުނެ އެވެ.

ޕޯސްޓަރުތައް ހިފައިގެން ތިބެ އެ މީހުން ކަންބޮޑުވުން ފާޅުކުރީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށައިފި ނަމަ އެ މީހުން ހާލުގައި ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާ އަށް ވެސް އެ މުޒާހަރާގައި ގޮވި އެވެ.

އެ މުޒާހަރާ ނިންމާލިޔަސް، ޑްރައިވަރުން ވަނީ މާލެ ސަރަހައްދުގެ އެހެން ޑްރައިވަރުންތައް މިހާރު ކުރަމުންދާ ދަތުރުތައް ހުއްޓާލައި، ހުޅުމާލޭގެ އެހެން ސަރަހައްދަކަށް އެއްވެ އަޑުއުފުލަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު "މާލެ ފަހި" ޕްރޮގްރާމުގައި ޒަމާނީ އަދި ސަލާމަތީ ގޮތުން ރައްކާތެރި، ރިލަޔަބަލް ޓެކްސީލައިނެއް ތައާރަފުކޮށް ހިދުމަތް ދޭން ހިމަނާފައިވެ އެވެ. އެހެންވެ، އެ ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ކަމަށް އެ ޕްލޭންގައި ހިމެނެ އެވެ.

އެ ޕްލޭނުގައި ބުނެފައިވާ ގޮތުން ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިނަކީ މަދުވެގެން 25 ޕަސެންޓް ތިމާވެއްޓާއި ރަށްޓެހި، އިލެކްޓްރިކް އުޅަނދު ބޭނުން ކޮށްގެން ފަށާނެ ޓެކްސީ ލައިނެކެވެ.