Roadha Mihaaru
ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް ނުފަށާ

ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ

12 ޑިސެމްބަރ 2024

ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެ ގޮތަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ފޯމަކަށް އިއްޔެ ދިން ޖަވާބުގަ އެވެ.

އެ އާރުޓީއައި ހުށަހެޅީ ޓެކްސީ ޑްރައިވާސް ކޮމިއުނިޓީގެ ރައީސް އިބްރާހިމް ނިޔާޒެވެ.

ނިޔާޒު އެދިފައި ވަނީ ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް "ދެ ހަފުތާގެ ތެރޭގައި" ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި މިދިޔަ އޮކްޓޯބަރު މަހުގެ 29 ގައި އިއުލާންކުރައްވާފައި ވާތީ އާއި އެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާތީ، އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ސާފުކޮށްދިނުމަށެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން އޯޑަރު ދިން ކާރުގެ އަދަދާއި ކާރުތައް ރާއްޖެ އަށް ގެނެސްފައިވޭތޯ އާއި އެ ހިދުމަތް ދިނުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސާނެ ގޮތާއި އެ ހިދުމަތް ފެށުމަށް އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯ އަދި އެ ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހާ ގުޅޭ މައުލޫމާތު ދިނުމަށް ވެސް ނިޔާޒު ހުށަހެޅި އާރުޓީއައިގައި އެދިފައިވެ އެވެ.

މިނިސްޓްރީން ދިން ޖަވާބުގައިވާ ގޮތުން ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ކާރުތަކަށް އަދި އޯޑަރު ނުދެ އެވެ. އެ ހިދުމަތް ދިނުމަށް ހަރަދުތައް ހަމަޖައްސާނެ ގޮތަކާއި ހިދުމަތް ފަށާނެ ދުވަހެއް ވެސް ނުނިންމާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ވަނީ ރޭ ހުޅުމާލޭގައި އިހުތިޖާޖު ކޮށްފަ އެވެ. އިހުތިޖާޖުގައި ބައިވެރިވި ޓެކްސީ ޑްރައިވަރުންގެ ތެރެއިން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ އިހުތިޖާޖުގައި، ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 22 ޓެކްސީއެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.