Roadha Mihaaru
ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރުން ވިދާލި ދެ ކުދިން

ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރުން ވިދާލި ދެ ކުދިން

08 ޑިސެމްބަރ 2024

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި، މަރުހަބާ ދެންނެވި ދެ ކުއްޖެއްގެ ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި، މަރުހަބާ ދެންނެވި ދެ ކުއްޖެއްގެ ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެ ޖަލްސާގައި މަރުހަބާ ދަންނަވަން ސްޓޭޖަށް އެރި، އުމުރުން ފަސް އަހަރުގެ ޝާއިމް ޝާހިދު ހަލީމާއި އަދުލް އިސްމާއިލް މުހްތަބް ފަރިތަކަމާ އެކު ވާހަކަ ދައްކައި އޯޑިއަންސަށް ދިން މެސެޖްތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ޝާއިމް ވާހަކަ ދެއްކީ އެއްވެސް އެއްޗެއް ނުބަލަ އެވެ. އެކަމަކު، ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް އެއްވެސް ޖެހިލުމެއް ނެތި، ހިނިތުންވެ ހުރެ ހުށަހަޅައި ދިނެވެ.

"އެއްވެސް ނޯޓެއް ނުބަލައި، ހިތުން އެއްވެސް ޖެހިލުމެއް ނެތި އެންމެން އާޝޯހް ކުރުވަމުން، އެންމެންގެ މޫނު މައްޗަށް އުފާވެރި ހިނިތުންވުން ގެނުވަމުން، އެ ތުއްތު ޝާއިމްގެ ވާހަކައިގެ ޝައުގުވެރިކަން ގެއްލުނަ ނުދީ ހިފަހައްޓާލުމަކީ މާޝާﷲ ކޮންމެ ކުއްޖަކަށް ކުރެވޭނެ ކަމެއް ނޫން. އަދި އެންމެންނަށް ލިބިގެންވާ ހުނަރެއް ވެސް ނޫނެވެ،" ވާހަކަ ދެއްކުމަށް ތައުރީފްކޮށް އަހަމްދު ނަޖާހް ކިޔާ މީހަކު ފޭސްބުކްގައި ލިއެފައިވެ އެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ސްކޫލުގެ ޔޫކޭޖީގެ ދަރިވަރު ޝާއިމް ވާހަކަ ދައްކަނީ-- ފޮޓޯ: ރައީސް އޮފީސް

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ސްކޫލުގެ ޔޫކޭޖީގެ ދަރިވަރު ޝާއިމް ވާހަކަ ދައްކަނީ-- ފޮޓޯ: ރައީސް އޮފީސް

އޭނާ ސިފަކޮށްފައިވާ ގޮތުގައި، ދެ ކުދިންގެ ވާހަކަ އިން "ހިތަށް އުފާވެރިކަން" ލިބުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވެރިން އަދި މާފަންނު މަދަރުސާގެ ޓީޗަރުންނާއި ބެލެނިވެރިން ހާޒިރުވި ޖަލްސާގައި، ޝާއިމް އާއި އަދުލްގެ ވާހަކަ އިން ދިނީ ވަރަށް ޝައުގުވެރި އަދި މުހިއްމު މެސެޖްތަކެކެވެ. ސްކްރީން ބެލުމުގެ ދަރިވަރުން ހޭދަކުރާ ވަގުތު ގިނަވުމުން ލިބޭ ގެއްލުމާއި އުމުރުން ދުވަސްވީ މީހުންނަށް އިހްތިރާމްކުރުމާ އެކު ރަނގަޅު ސިފަތަކުގެ މަތީ ދެމިތިބުމުގެ މުހިއްމު ކަމަށް ވާހަކަ ދެއްކި އެވެ.

ދަރިވަރުން ސްކްރީން ބެލުމުގައި ހޭދަކުރާ ވަގުތު ގިނަވުމުން، ލޮލާއި ވިސްނުމަށް ލިބޭ ގެއްލުންތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ވިސްނައިދިނެވެ. ކުޑަކުދިންނަކީ ސަމާލުކަން ބޭނުންވާ ކުދިން ކަމަށާއި ސަމާލުކަން ދޭން ބޭނުން ނަމަ، ސްކްރީނާ ދުރުވެގެން އެކަން ކުރަންޖެހޭ ކަން ބެލެނިވެރިންނަށް ވެސް ހަނދާންކޮށްދިނެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ޔޫކޭޖީގެ ދަރިވަރު އަދުލް ވާހަކަ ދައްކަނީ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ޔޫކޭޖީގެ ދަރިވަރު އަދުލް ވާހަކަ ދައްކަނީ.

"ވާހަކަކޮޅު ފެށުމުގެ ކުރިން އަޅުގަނޑުގެ އެދުމަކީ ތިޔަ އެންމެ ބޭފުޅުން ވެސް ފޯނާ ދުރުވެލުން އަދި މިކަން އާދައަކަށް ހައްދަވަމާތޯ. އޭރުން ކުރެވޭ ކޮންމެ ކަމެއް ވެސް ކުރެވޭނީ ރަނގަޅަށް،" ޖަލްސާގައި މަރުހަބާ ދަންނަވަމުން އަދުލް ބުންޏެވެ.

ލިޔެފައިވާ އެއްޗެއް ބަލައިގެން އަދުލްގެ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އޭނާގެ ވާހަކަ ދެއްކުމުގައި ވެސް ފެނިގެންދިޔައީ ކެރުންތެރިކަމެކެވެ. އޯޑިއަންސަށް ބަލަމުން އަދުލްގެ ވާހަކަ ކުރިއަށް ގެންދިޔައީ ވަރަށް ފުރިހަމަ ކޮށެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ، އަރިހުގައި އެ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޔޫސުފް(ވ) ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގިނަ ބައެއްގެ ސަމާލުކަން ޖަލްސާގައި ޝާއިމަށް ލިބުނީ، ނޯޓެއް ނުބަލައި އޭނާގެ ވާހަކަތައް އެއްކޮށް ނިންމާލުމުންނެވެ. އެއްވެސް ޖެހިލުމެއް ނެތި، ދިވެހި ބަހަށް ފަރިތަކޮށް، އޭނާގެ މުޅި ވާހަކަ ކުރިއަށް ގެންދިޔައީ އޯޑިއަންސަށް ބަލަހައްޓައިގެން ހުރެ އެވެ. އޭނާގެ ހިނިތުންވުން ގެއްލުވައި ނުލައި ވާހަކަ ކުރިއަށް ގެންދިޔަ ގޮތުން އޯޑިއަންސްގެ ސަމާލުކަން ހުއްޓުނެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޔޫކޭޖީގައި ކިޔަވަމުން އަންނަ ޝާއިމް އާއި އަދުލް ވާހަކަ ދައްކަނީ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޔޫކޭޖީގައި ކިޔަވަމުން އަންނަ ޝާއިމް އާއި އަދުލް ވާހަކަ ދައްކަނީ.

ދެ ކުދިންގެ ވާހަކަ އަޑުއަހަން ތިބި، އިރު އެންމެންގެ މޫނު މަތިން ވެސް ފެނުނީ ހިނިތުންވުމެވެ.

އެ ކުދިންގެ ވާހަކައިގެ މެދު ތެރެއިން ކުޑަ ތަންކޮޅަކުން އޮޅުން އެރުމުން ވެސް އޯޑިއަންސުން ފެނިގެންދިޔައީ ވާހަކަ ކުރިއަށް ގެންދަން، ދެ ކުދިންނަށް ހިތްވަރު ދިން މަންޒަރެވެ.

ވީޑީއޯ ވައިރަލްވުމާ އެކު މި ދެ ކުދިންގެ ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރު ކުރިއަރުވަން ވެސް އަންނަނީ ހިތްވަރު ދެމުންނެވެ.