Roadha Mihaaru
ހަތަރެއްގެ ކުދިންނަށް ގައުމިއްޔަތު ކިޔަވައިދޭން ފަށައިފި

11 ރަށެއްގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް "ގައުމިއްޔަތު" ކިޔަވައިދޭން ފަށައިފި

28 ޖެނުއަރީ 2024

ބައެއް ސްކޫލުތަކުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބައެއް ސްކޫލުތަކުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މިއަދު ފަށައިފި އެވެ.

އެ މާއްދާ ޕައިލެޓްކޮށްފައިވަނީ މާލެ އާއި އަތޮޅުތަކުގެ 11 ސްކޫލެއްގަ އެވެ. ނަމަވެސް، ރަސްމީކޮށް ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ އަންނަ މޭ މަހު ފަށާ، ދިރާސީ އާ އަހަރާއެކު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގައުމިއްޔަތު މާއްދާގެ ބޭނުމަކީ ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެ ލޯބިވާ ގައުމާ މެދު ވިސްނައި ގައުމާމެދު ފަހުރުވެރިވާ ދަރިވަރަކު އުފެއްދުން ކަމަށެވެ.

މަންހަޖުގައި ގައުމިއްޔަތު މާއްދާ އެކި ކީސްޓޭޖަށް ބަހާލިއަސް ހުރިހާ ގްރޭޑެއްގައި ގައުމިއްޔަތުގެ ބަހާތައް ހިމެނިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ގައުމިއްޔަތު ކިޔަވައިދޭން ފެށި ސްކޫލުތައް:

1. ބ. އަތޮޅު ތައުލީމީ މަރުކަޒު (ބ. އޭދަފުށި)

2. ޅ. އަތޮޅު ތައުލީމީ މަރުކަޒު (ޅ. ހިންނަވަރު)

3. ފ. މަގޫދޫ ސްކޫލު

4. އަބޫބަކަރު ސްކޫލު (ގދ. ތިނަދޫ)

5. ހިތަދޫ ސްކޫލު - ޖީއެސް03

6. މުހައްމަދު ޖަމާލުއްދީން ސްކޫލު (ފުވައްމުލަކު ސްކޫލު)

7. ކަލާފާނު ސްކޫލު

8. ތާޖުއްދީން ސްކޫލު

9. މުހިއްދީން ސްކޫލު

10. ސަލާހުއްދީން ސްކޫލު (ހުޅުމާލެ ފޭސް 2)

11. ވ. އަތޮޅު ތައުލީމީ މަރުކަޒު (ވ. ފެލިދޫ)

މަންހަޖުގައި ގައުމިއްޔަތު މާއްދާ އެކުލެވިފައިވާ މައުލޫމާތު ދިނުމަށް އެ ސްކޫލުތަކަށް ވަނީ ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ.

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވަކި މާއްދާއެއް ގޮތަށް ކިޔަވައިދިނުމަށް ނިންމާނެ ކަމަށް ރައީސް އޭރު ވިދާޅުވީ ގައުމާމެދު ތުއްތު ކުދިންގެ ހިތުގައި ގައުމީ ލޯބި އުފެއްދުމުގެ ބޭނުމުގަ އެވެ. ގައުމަށް ހަމަޖެހުން ގެނެވޭނީ މީހުންގެ ވިސްނުން ތަރައްގީ ކޮށްގެން ކަމަށާއި ގައުމިއްޔަތު މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ކުދިންނަށް ތަރުބިއްޔަތާއި އަހުލާގު ދަސްކޮށްދޭނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު މިހާރު މި ހިނގާ 2023 ގެ ދިރާސީ އަހަރު ނިމޭނީ އަންނަ އޭޕްރީލް މަހު އެވެ. މި އަހަރު، 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26ގަ އެވެ.