Roadha Mihaaru
އެންސްޕާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް އޭސީސީއަށް

އެންސްޕާ ބަދަލުކުރާ ތަން ހޯދި ގޮތުގެ ތަހުގީގެއް ކޮށްދިނުމަށް އޭސީސީގައި އެދިއްޖެ

30 ނޮވެމްބަރ 2024

"އެމްއެމް ޓީވީ" ގެ ނަމުގައި އިއްޔެ ރޭ އިފްތިތާހުކުރި ޗެނަލް ހިންގާ ކުންފުނިން ކުއްޔަށް ދޫކުރާ ފްލޯތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އެވޯޑް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ދައްކާ ވާހަކައިގެ ހަގީގަތް ސާފުކޮށްދިނުމަށްޓަކައި މިނިވަން ތަހުގީގަކަށް އެ އެޖެންސީން އޭސީސީގައި އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"އެމްއެމް ޓީވީ" ގެ ނަމުގައި އިއްޔެ ރޭ އިފްތިތާހުކުރި ޗެނަލް ހިންގާ ކުންފުނިން ކުއްޔަށް ދޫކުރާ ފްލޯތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އެވޯޑް ކުރުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ދައްކާ ވާހަކައިގެ ހަގީގަތް ސާފުކޮށްދިނުމަށްޓަކައި މިނިވަން ތަހުގީގަކަށް އެ އެޖެންސީން އޭސީސީގައި އެދިއްޖެ އެވެ.

އެންސްޕާ އިން އޭސީސީގެ ރައީސް އާދަމް ޝާމިލަށް ރޭ ފޮނުވި ސިޓީއެއްގައި ވަނީ އެ ކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު، އެ ރިޕޯޓް ވީ އެންމެ އަވަހަކަށް އެ އެޖެންސީއާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

"ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުންނާއި މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ މި ކަމާ ގުޅޭ ފުރިހަމަ، މިނިވަން ތަހުގީގެއް ވީ އެންމެ އަވަހަކަށް ހިންގަވައި ދެއްވައި ރައްޔިތުންނަށް ހާމަކޮށް ދެއްވުމަކީ މި އެޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ،" އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސޮއިކުރައްވައި އޭސީސީ އަށް ފޮނުއްވި ސިޓީގައި ވެ އެވެ.

އެންސްޕާ ހިންގަން ނެޝަނަލް ޓެންޑަ ބޯޑުގެ އުސޫލުތަކުގެ ތެރެއިން އިއުލާން ކޮށްގެން ތިން ފްލޯ ނަގާފައި ވަނީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ މއ. ސީރާޒީ ގެއިންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ. އެނގިފައިވާ ގޮތުގައި އެމްއެމްޓީވީ ހިންގަނީ އޭގެ ތެރެއިން އެއް ފްލޯގަ އެވެ. ބާކީ ފްލޯތައް ވަނީ އެ ކުންފުނިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފަ އެވެ.

ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ހިންގަން އެވޯޑް ކުރަން ޓެންޑަ ބޯޑުން ނިންމުމުންނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ޓެންޑަ ބޯޑުގެ ޑޮކިއުމަންޓުން އެނގޭ ގޮތުގައި ސީރާޒީގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓްމަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ފަސް އަހަރު ދުވަހުގެ ކުއްޔަކީ އެ ޑޮކިއުމަންޓުން އެނގޭ ގޮތުގައި 34.8 މިލިއަން ރުފިޔާ އެވެ. އެންސްޕާ އަށް އެ އިމާރާތުން ދޫކުރީ ތިން ފްލޯ އެވެ.

އެންސްޕާގެ ސީއީއޯ ހީނާ: އެންސްޕާ ހިންގާނެ ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީއާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

އެންސްޕާގެ ސީއީއޯ ހީނާ: އެންސްޕާ ހިންގާނެ ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީއާ އެކު ކުރީ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

މި މައްސަލާގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އެ ކުންފުނިން އަމަލުކުރީ ޕްރޮކިއުމަންޓް ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ، އެންސްޕާ މިހާރު ހިންގަމުން އަންނަ ތަނުން މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނުކުންނަން ޖެހޭތީ ސަރުކާރުގެ އިމާރާތަކުން ތަނެއް ހޯދަން އެދިވަޑައިގެންނެވި ކަމަށާއި އެކަމަކު އެކަން ހަމަނުޖެހުމުން ޓެންޑަ ބޯޑު މެދުވެރިކޮށް ތަނެއް ހޯދަން ޖެހިވަޑައިގަތީ ކަމަށެވެ.

"ޓެންޑަ ބޯޑުން އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރީ. ދެ ފަހަރެއްގެ މަތިން އިއުލާންކުރި އެންސްޕާ ހިންގާނެ ތަނެއް ހޯދަން. ފުރަތަމަ ބުރުގައި ދެ ފަރާތަކުން ކުރިމަތިލި. އެކަމަކު ކޮންމެވެސް އިޝޫތަކެއް އެ ފަހަރު ދިމާވެގެން ދެ ވަނަ ފަހަރަށް ވެސް ޓެންޑަ ބޯޑުން އިއުލާން ކުރުމުން ކުރިމަތިލީ މޯލްޑިވްސް މީޑިއާ ހައުސް އިން އެކަނި ކަމަށް އެނގިފައި ވަނީ،" ހީނާ ވިދާޅުވި އެވެ.

"ވަކި ބަޔަކަށް މަންފާ ހޯދަައިދޭން އެންސްޕާ އިން މިހާތަނަށް އެއްވެސް މަސައްކަތެއް މިކަމުގެ ތެރޭގައި ކޮށްފައެއް ނޯންނާނެ. އެ ޔަގީންކަން އަޅުގަނޑު ދެން."

އެންސްޕާ އަށް އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން އެ އެޖެންސީން ރޭ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ، އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މުއާމަލާތްކުރީ ގަވާއިދާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އޭގެ ތެރެއިން އަމިއްލަ އެއްވެސް ފަރާތަކާ އެކު އެންސްޕާ އިން މުއާމަލާތެއް ނުކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މި އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލު ކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަމެވެ،" އެންސްޕާ އިން ބުންޏެވެ.

އެންސްޕާ މިހާރު ހިންގަމުންދަނީ މޫކައި ސުއިޓްސްގަ އެވެ.