Roadha Mihaaru
ފުރުސަތު ބަންދުވުމުންވެސް މާޔޫސްނުވެ ދިއްދޫ ކުރިއަށް

ދިއްދޫ؛ ކުރީގެ ފުރުސަތު ބަންދުވުމުން ވެސް މާޔޫސްނުވެ ފުޓްބޮޅައިގައި ކުރިއަށް!

25 ނޮވެމްބަރ 2024

ދިވެހި ލީގު ހޯމް އެންޑް އަވޭ އުސޫލުން މި އަހަރު ބާއްވާނެކަމަށް، އެފްއޭއެމުން އިއުލާން ކުރުމުން އެ ފުރުސަތުގެ އިންތިޒާރުގައި އެންމެ ފުރަތަމަ ތައްޔާރުވާން ފެށީ ހއ. ދިއްދޫންނެވެ. ލީގު ކޮލިފިކޭޝަންގައި އަތޮޅު ޗެމްޕިއަންކަމާއި އެ ޒޯނަށް ބޭއްވި ދެވަނަ ޑިވިޝަން ވެސް ކާމިޔާބުކޮށް ދިއްދޫގެ ކްލަބް، ބްލެކްޒީނޯ ސްޕޯޓްސް (ބީއެކްސް ސްޕޯޓްސް) އުތުރު ލީގުގެ އެއްވަނަ ޑިވިޝަނަށް ކޮލިފައިވި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ލީގު ހޯމް އެންޑް އަވޭ އުސޫލުން މި އަހަރު ބާއްވާނެކަމަށް، އެފްއޭއެމުން އިއުލާން ކުރުމުން އެ ފުރުސަތުގެ އިންތިޒާރުގައި އެންމެ ފުރަތަމަ ތައްޔާރުވާން ފެށީ ހއ. ދިއްދޫންނެވެ. ލީގު ކޮލިފިކޭޝަންގައި އަތޮޅު ޗެމްޕިއަންކަމާއި އެ ޒޯނަށް ބޭއްވި ދެވަނަ ޑިވިޝަން ވެސް ކާމިޔާބުކޮށް ދިއްދޫގެ ކްލަބް، ބްލެކްޒީނޯ ސްޕޯޓްސް (ބީއެކްސް ސްޕޯޓްސް) އުތުރު ލީގުގެ އެއްވަނަ ޑިވިޝަނަށް ކޮލިފައިވި އެވެ.

އެކަމަކު އޭރު ވެސް ބޮއްސުންލާފައި އޮތް އެފްއޭއެމުން ފުނޑި، ކޮލިފިކޭޝަންގެ ބާކީ މަރުހަލާތައް ހުއްޓާލި އެވެ. ރާއްޖޭގެ މައި ލީގުގައި ކުޅުމުގެ އުއްމީދުގައި ދިއްދޫން ފެށި އެ މަސައްކަތް ވެސް ފެނަށް ވެގެން ދިޔައީ އެވެ. ފުޓްބޯޅައިގެ އެ އުއްމީދުގައި ބީއެކްސް ސްޕޯޓްސްއިން ވެސް ބޮޑު ހަރަދެއް ކުރި އެވެ. ދިވެހި ލީގު ކޮލިފިކޭޝަނަށް ތައްޔާރުވި އެތައް ރަށެއްގެ އެ އުއްމީދު ވަޅުލެވިގެން ދިޔައީ އެވެ.

އެކަމަކު ވަޅުނުލެވި އޮތީ ދިއްދޫން ވެސް ފުޓްބޯޅަ އަށް ކުރާ މަސައްކަތެވެ. މިފަހަރު ގޯލްޑް ކަޕްގައި ވާދަކުރަން، ދިއްދޫން ނިންމީ ފުޓްބޯޅައިގައި އެ ރަށުގެ ނަން ދެމެހެއްޓުމުގެ ގޮތުންނެވެ.

ގޯލްޑް ކަޕަކީ، ފުޓްބޯޅަ އަށް އުއްމީދު ކޮށްގެން އޮތް ދިއްދޫ އަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް ދެއްކި ގޮންޖެހުންތަކާ އެކު ވެސް މުބާރާތުގައި އެ ޓީމު ދެމިއޮތީ ރަށުގެ ޒުވާނުން ވެސް އެކަމަށް ބޭނުންވާތީ ކަމަށް ޓީމުގެ މެނޭޖަރު އަބްދުﷲ ރަޝީދު ބުންޏެވެ.

މުބާރާތުގައި 22 ޓީމެއް ވާދަކުރަން ޝައުގުވެރިވި އެވެ. އެކަމަކު މާލީ ބައެއް ސަބަބުތަކާ ހެދި ބައެއް ރަށްރަށަށް ޓީމު ހަމަ ނުކުރެވުނެވެ. އެހެންވެ ސްކޮޑް ހުށަހަޅަން ހުޅުވަލި ހިސާބުން ޓީމުތަކުގެ އަދަދު މަދުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވި އެހެން ވާކަށް. ބޭނުންވީ ގޮންޖެހުންތަކާ އެކު ވެސް ކުޅެން. ކަންދިމާކުރި ގޮތުން މުޅި ބޮޑުތިލަދުންމަތިން [ހއ.، ހދ.، ށ.] ވެސް މިހާރު މުބާރާތުގައި މިއޮތީ ދިއްދޫ އެކަނި،" އަބްދުﷲ ބުންޏެވެ.

އޭނާ ބުނީ ދިއްދޫ ޓީމު މެޗަށް ނުކުންނާނީ އެއްވެސް ޕްރެކްޓިހެއް ނެތި ކަމަށެވެ. ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނެވެ.

"ރަށުގައި ދިރިއުޅޭ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ތިބޭނީ ޓީމުގައި. "ޓީމު އެކުގައި ހަމަ ވާނީ ވެސް މެޗަށް އެކަނ،" އަބްދުﷲ ރަޝީދު ބުންޏެވެ.

އޭނާ ބުނީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނާ އެކު ވެސް ޓީމު ހަމަކޮށް މުބާރާތުގައި ދެމިއޮންނަން ނިންމީ ފުޓްބޯޅައިން ލިބޭ ފުރުސަތެއް ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވޭ ދިއްދޫގެ ނަން ފުޓްބޯޅައިގައި ބާއްވަން. ގަލޮޅު ދަނޑުގައި ދިއްދޫގެ ކުޅުންތެރިން ކުޅެން ޒުވާނުން ބޭނުންވޭ،" އޭނާ ބުންޏެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ކުޅުންތެރިންނަށް ވިޔަސް އެ ކުޅުންތެރިންނަކީ ފުޓްބޯޅައިގެ ހުނަރު ހުރި ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. ޓެކާސްއިން ބާއްވާ ރިސޯޓް ފުޓްސަލް ކަޕްގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިއްދޫގެ ގިނަ ކުޅުންތެރިން ކުޅެފައިވާ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

"އެ ކުދިންނަކީ ފުޓްސަލް ކުޅޭ ކުޅުންތެރިންނެއް ނޫން. އެއީ ދިއްދޫގައި ނޯންނާނެ ފުޓްސަލް ދަނޑެއް [މިނީ ފުޓްބޯޅަ ޕިޗް]. ދިއްދޫގައި އޮންނާނީ ހަމަ ބޮޑު ފުޓްބޯޅަ ޓާފް ދަނޑެއް. ދިއްދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ކުޅުންތެރިން އެއީ. ވާދަކުރާނެ ފުޓްބޯޅަ މުބާރާތެއް ނެތީމަ ފުޓްސަލުން ބޮޑަށް ފާހަގަ ވެފަ އެތިބެނީ."

ގޯލްޑް ކަޕްގައި ދިއްދޫގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ފުވައްމުލަކާ ދެކޮޅަށެވެ. ފުވައްމުލައް ކުޅުނު ފުރަތަމަ މެޗުގައި ކުޑަހުވަދޫ އަތުން މޮޅުވި އެވެ.