Roadha Mihaaru
ނަޖީބުގެ މަރު: ޑޮކްޓަރުގެ ބަސް ކޯޓުން ހޯދައިފި

ނަޖީބު މަރުވި ގޮތް ސާފުކުރަން ޑޮކްޓަރުގެ ބަސް ސުޕްރީމް ކޯޓުން ހޯދައިފި

25 ނޮވެމްބަރ 2024

ގާނޫނީ ވަކީލް އަހުމަދު ނަޖީބަށް ދިން ހަމަލާތަކުގައި އޭނާ މަރުވި ސަބަބު ސާފުކުރަން، ހަށިގަނޑު ބެއްލެވި ޑޮކްޓަރުގެ ބަސް ސުޕްރީމް ކޯޓުން ހޯދައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގާނޫނީ ވަކީލް އަހުމަދު ނަޖީބަށް ދިން ހަމަލާތަކުގައި އޭނާ މަރުވި ސަބަބު ސާފުކުރަން، ހަށިގަނޑު ބެއްލެވި ޑޮކްޓަރުގެ ބަސް ސުޕްރީމް ކޯޓުން ހޯދައިފި އެވެ.

ނަޖީބުގެ މަރާލި ކަމުގެ ކުށް ސާބިތުވެފައިވަނީ ފާތިމަތު ހަނާ އާއި އޭނާގެ ލޯބިވެރިޔާ އަހުމަދު މުއްރަތުގެ މައްޗަށެވެ. ޖޫން، 2012 ގައި ހަނާ އާއި މުއްރަތު ބައިވެރިވެގެން، ނަޖީބް ރަހީނުކޮށް، އޭނާ އަތުން ފައިސާ އަތުލުމަށް ފަހު، ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ހަނާ އާއި މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.

ހަނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާތީ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ.

ނަޖީބުގެ ހަށިގަނޑު ބެއްލެވި ޑރ. އަބްދުﷲ އަދްސަރު މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ވިދާޅުވީ ނަޖީބު މަރުވި ސަބަބު ދެނެގަތީ ބޭރުފުށުން ފެންނަން ހުރި އަލާމަތްތަކަށް ބަލައިގެން ކަމަށެވެ. މަރުވި ކަމަށް ބެލެވޭ ފުރަތަމަ ސަބަބު ކަމަށް ޑޮކްޓަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކަރުގެ ވަށައިގެން އެއްޗެއް އޮޅައި ބަނުމުގެ ސަބަބުން ނޭވާހާސްވުމެވެ. އަދި އެކަމުގެ ސަބަބުން ސިކުނޑިއަށް ލޭދިޔުން ހުއްޓި ސިކުނޑި މަރުވުމުގެ ސަބަބުން ނަޖީބުގެ ފުރާނަ ދިޔައީ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ނަޖީބު މަރުވި ކަމަށް ބެލެވޭ ދެވަނަ ސަބަބެއް ވެސް ރިޕޯޓްގައި ޑޮކްޓަރު ފާހަގަކުރައްވާފައިވެ އެވެ. އެއީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލޭ ބޭރުވެ، ލޭނާރުތަކުގައި ލޭ މަދުވެ ގުނަވަންތަކަށް ލޭ ނުލިބުމެވެ.

ނަޖީބުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ނުހަދަ އެވެ. އެހެންވެ މަރުގެ ސަބަބު ކަމަށް ޑޮކްޓަރުން ބަޔާންކޮށްފައިވަނީ ބޭރުފުށުން ފެންނަން ހުރި އަލާމަތްތަކަށް ބަލައިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ޑޮކްޓަރުގެ ބަހުންނާއި ފެންނަން ހުރި ކަންކަމުން ނަޖީބު މަރުވި ސަބަބު ވަރަށް ރަނގަޅަށް ސާފުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ހަނާގެ ބައިވެރިވުން އޮތް ގޮތް ވެސް ވަރަށް ސާފު ކަމަށް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ހަނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، މީގެ ތިން އަހަރު ކުރިން މި މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި އޭނާ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެ އެވެ.

ހަނާގެ މައްޗަށް މަރުގެ ކުށް ސާބިތުވެފައިވީ ނަމަވެސް އޭނާގެ ދިފާއުއަކީ ނަޖީބު މަރާލުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެފަދަ ނިޔަތެއް ވެސް އޭނާގެ ނެތުމެވެ. ނަޖީބު މަރުވެފައިވަނީ ހަނާ ދިން އަނިޔާތަކަކުން ކަމާ މެދު ވެސް އޭނާ ސުވާލު އުފައްދަ އެވެ.

ހަނާ ބުނެފައިވާ ގޮތުގައި ނަޖީބުގެ ކޭޝްކާޑާއި ޕިން ނަމްބަރުު އަތުލައިގެން އެރޭ މުއްރަތާ ދެ މީހުން ރަލާއި އެކި ކާބޯތަކެތި ގެނެސް، ރާ ބޮއެގެން ނިދީ އެވެ. އޭނާ އަށް ހެނދުނު ހޭލެވުނީ މުއްރަތު ވަރަށް ހާސްވެގެން އޭނާ އަށް ގޮވުމުން ކަމަށާއި އޭރު ނަޖީބު މަރައިލާފައިވާ ކަމަށް ހަނާ ބުންޏެވެ.

"ވަރަށް ހާސްވެގެން ގޮވާފައި ބުނަނީ މުއްރަ އަތުން ނަޖީބު މަރުވެއްޖެއޭ. ބުނީމާ އަޅުގަނޑު ބުނިން ކީއްހޭ ތިކުރީ. އެ ވަގުތު އަޅުގަނޑު ވެސް ވަރަށް ހާސްވި. އެއްވެސް އިރަކު އަޅުގަނޑުގެ އިންޓެންޝަނެއް ނޫން އެގޮތަށް ހެދުމަކީ،" ހަނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައިި ނަޖީބުގެ ހަށިގަނޑު ފޮރުވަން އުޅުމުގައި ބައިވެރިވީ ވެސް ހާސްވެފައި ހުރިވަރުންނެވެ.

ހަނާ ކުރިން އެކަމަށް އެއްބަސްވެފައިވާތީ އެކަމާ ބެހޭގޮތުން ވެސް ހަނާ ވާހަކަ ދެއްކި އެވެ. ހަނާ ބުނީ އޭރު އެކަމަށް އެއްބަސްވީ އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލު ކުރެވިގެން އަމިއްލަ ނަފްސު ކުށްވެރި ކުރެވުމުން ކަމަށެވެ. އެކަމަކު، މިހާރު އެގޮތަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަސްލު އަމިއްލަ ސެލްފަށް ބްލޭމް ކުރެވުނީ އެގޮތަށް ކަންތައްތައް ވެފައި ހުރީމާ. އެކަމަކު އަސްލު ވިސްނާލާއިރު އެނގޭ އަޅުގަނޑު މިހާރު އައިސްފައި އިންނަ ސެންޓެންސަކީ [ހުކުމަކީ] އަޅުގަނޑަށް ޑިޒާވް ސެންޓެންސެއް ނޫން،" ހަނާ ބުންޏެވެ.

މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ، އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫން ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

މުއްރަތު މެރުމަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން 2016 ގައި ވަނީ ތާއީދު ކޮށްފަ އެވެ. އެކަމަކު އެ ހުކުމް މިހާތަނަށް ތަންފީޒު ކޮށްފައެއް ނުވެ އެވެ.