Roadha Mihaaru
"ނުކެރިގެން ދޫކޮށްލި މައްސަލަތަކުގެ ނަތީޖާ ނެރެދޭނަން"

އަތްލާން ނުކެރިގެން ދޫކޮށްލާފައި ހުރި ބޮޑެތި މައްސަލަތަކުގައި ނަތީޖާ ނެރެދޭނަން: ރައީސް

11 ނޮވެމްބަރ 2024

މި ގައުމުގައި އުފެދުނު ސަރުކާރުތަކަށް އަތްލާން ނުކެރިގެން ހައްލު ނުކޮށް ދޫކޮށްލާފައި ހުރި، ބޭހުގެ މާފިއާގެ ކޮންޓްރޯލް ނައްތާލުމާއި ޑޮލަރުގެ ކަޅު ބާޒާރު ދުއްވާލުމާއި ވޭޕް މަނާކުރުން ފަދަ އުނދަގޫ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ގައުމުގައި އުފެދުނު ސަރުކާރުތަކަށް އަތްލާން ނުކެރިގެން ހައްލު ނުކޮށް ދޫކޮށްލާފައި ހުރި، ބޭހުގެ މާފިއާގެ ކޮންޓްރޯލް ނައްތާލުމާއި ޑޮލަރުގެ ކަޅު ބާޒާރު ދުއްވާލުމާއި ވޭޕް މަނާކުރުން ފަދަ އުނދަގޫ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަކި ތަރުތީބަކުން، ހައްލުކުރައްވަން ފެއްޓެވީ ފަސޭހަ ކަންކަމެއް ނޫން ކަމަށެވެ. އެ ކަންކަމަކީ ބޮޑެތި، އުނދަގޫ މައްސަލަތަކެއް ކަަމަށާއި އޭގެތެރެއިން ވަރަށް ގިނަ ކަންކަން ނުކޮށް ދޫކޮށްލާފައި ހުރީ ފަސޭހައަކަށްޓަކައި ކަމަށް ވިދާޅުވި އެވެ.

"އެކަންކަން ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ވެރިކަން ކުރާ ނަމަ ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ. އެހެންވީމަ ޑްރަގުގެ މައްސަލަ ހައްލުކުރުމަށްޓަކައި ތެދުވީ. އެހެންވީމަ މިތަނުގައި ގޭންގް މާރާމާރީ މައްސަލަ ހައްލުކުރަން ތެދުވީ. އެހެންވީމަ ވޭޕް މަނާކުރަން ނިންމީ. އެހެންވީމަ މިތަނުގައި އޮތް ބޭހުގެ މާފިޔާ ނައްތާލަން ތެދުވީ. އެހެންވީމަ މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދޭން ނިންމީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެ، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސެވުމަށެވެ.

"އެހެންވެ ގިނަ ދުވަސްތަކެއް ވަންދެން އަތްނުލައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން ގެންދިޔައީ. ވަރަށް ގިނަ ކަންތައްތަކެއް ފަސޭހައަކަށްޓަކައި ކޮންފޮޓް ޒޯނުގައި ތިބުމަށްޓަކައި މިދިޔަ ޒަމާންތަކުގައި އަޅާ ނުލައި ހުރި ގިނަ ކަންތައްތަކެއް އެބަ ހުރި. -- ރައީސް
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--

މި ސަރުކާރުން މަސައްކަތް ފަށާފައިވާ އުނދަގޫ ނިންމުންތައް

- ޑްރަގުގެ މައްސަލަ ހައްލުކުރުން

- ގޭންގް މާރާމާރީގެ މައްސަލަ ހައްލުކުރަން ނުކުތުން

- ވޭޕްމަނާކުރަން ނިންމުން

- ނުފޫޒު ގަދަ ބަޔަކު ކޮންޓްރޯލްކުރާ ބޭހުގެ މާފިއާ ނައްތާލުން

- ވަކި ބައެއްގެ އަތުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތުމުގެ ބަދަލުގައި ޑޮލަރުގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުން.

- ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށުން.

ރައީސް ވިދާޅުވީ އުނދަގޫ ބޮޑު މައްސަލަތައް ހައްލުކުރަން އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށާއި އޭރުން ރާއްޖޭގައި އޮތް ނޭދެވޭ ކަންކަން ހައްލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ ފަޅީގައި ހުރެގެން މި ބުރަ އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ހައްލުކޮށްދިނުމަށް ތެދުވީ... އޭރުން އަޅުގަނޑުދޭ ޔަގީންކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި ނޭދެވޭ ކަންތައްތައް ހައްލުކުރެވިގެންދާނެއޭ މަޑުމަޑުން ނަމަވެސް ދާއިމީ ނަތީޖާ އޭގެއިން ނުކުންނަ ގޮތަށް. -- ރައީސް

މި ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި މި މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، އެންމެ ގިނައިން ރާއްޖޭގައި ދޫކުރާ 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށްފައިވެ އެވެ. އަދި އާސަންދަ ރިފޯމްކޮށް، އެ ނިޒާމުގެ ތެރޭގައި ހިނގާ ބޭކާރު ހަރަދުތައް ކުޑަކުރަން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުށްކުރާ މީހުންގެ ވަނަވަރު އާންމުކޮށް، ގޭންގުތަކާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނައިރު ގޭންގުތަކާއި ގޭންގް ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައަޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ބިލުގައި ވަނީ ގޭންގް މީހުންނަކީ ކޮންބައެއްކަން އާންމުންނާއި ރާއްޖެއިން ބައިނަލްއަގްވާމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އެހެން ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގުމުގެ ބޭނުމުގައި އެ މީހުންގެ ފޮޓޯއާ އެކު މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސައްހަ ވިސާ ނެތި ނުވަތަ ނުގަވައިދުން އުޅޭ މީހުން ޑީޕޯޓްކުރުމަށް ވެސް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އެބަދެ އެވެ.