Roadha Mihaaru
ބައްޕަގެ ފޮތަކީ ވެރިކަން ހިންގުމުގެ ނަމޫނާ: ރައީސް

ވެރިކަން ހިންގުމުގައި އަޅުގަނޑުގެ މަގަކީ ބައްޕަގެ ފޮތް, އެއީ ރައްޔިތުން އިސްކުރުން: ރައީސް

11 ނޮވެމްބަރ 2024

ވެރިކަން ކުރައްވަމުން ގެންދަވަނީ، ބައްޕާފުޅު ޝައިހް ހުސެއިން އަބްދުއްރަހްމާން ލިއުއްވާފައިވާ ފޮތުގައި ދެއްކެވި މަގު, އަދުލާއި އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުން އިސްކުރައްވައި، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވެރިކަން ކުރައްވަމުން ގެންދަވަނީ، ބައްޕާފުޅު ޝައިހް ހުސެއިން އަބްދުއްރަހްމާން ލިއުއްވާފައިވާ ފޮތުގައި ދެއްކެވި މަގު, އަދުލާއި އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުން އިސްކުރައްވައި، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ވާހަކަފުޅު ފެއްޓެވީ "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް"ގެ މައްޗަށް ބައްޕާފުޅު ލިއުއްވި ފޮތުގައިވާ ބައެއް ވާހަކަފުޅުތަކުންނެވެ. ވެރިކަމާއި ރައްޔިތުންނާއި ވެރިންނާ އޮންނަ ގުޅުމާއި ވެރިން މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ގޮތުގެ މައްޗަށް ދީނީ އަދި އިލްމީ ނަޒަރަކުން ވަރަށް ތަފްސީލްކޮށް އެ ފޮތުގައި ލިއުއްވާފައިވެ އެވެ.

ވެރިކަމަކީ މާބޮޑު މޮޅު ނޫނެވެ. އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫނެވެ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކެވެ. ވަރުގަދަ މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ. -- ރައީސް

ވެރިންގެ އަމަލުތަކާ ގުޅޭ ގޮތުން ބައްޕާފުޅު ދެއްވާފައިވާ އިރުޝާދު ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމަކީ މާބޮޑު މޮޅެއް ނޫން ކަމަށެވެ. އެއީ، އަމާނާތްތެރިކަމާ އެކު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވަރުގަދަ ޒިންމާއެއް ކަމަށެވެ.

"ވެރިކަމަކީ މާބޮޑު މޮޅު ނޫނެވެ. އެއީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫނެވެ. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެކެވެ. ވަރުގަދަ މަސްއޫލިއްޔަތެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ފޮތުން އެމަނިކުފާނު މިސާލު ޖެއްސެވީ ބައްޕާފުޅުގެ ފޮތަކަށް ވާތީ އެކަންޏެއް ނޫނެވެ. އެ ފޮތަކީ ރައްޔިތުންނާއި ވެރިކަމާ ގުޅޭ ގޮތުން އަދި ވެރިން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކަށް އިލްމީ ނަޒަރަކުން ވާހަކަ ދައްކާފައިވާ ފޮތަކަށްވާތީ އެވެ. ރާއްޖޭގެ ގާނޫނުއަސާސީއަށް ވެސް ރިޔާއަތްކުރައްވާފައިވާ އެ ފޮތަކީ ވަށައި ޖެހޭ ގޮތަކަށް ލިޔުއްވާފައިވާ ފޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އައްޔަންކުރައްވާ ވެރިޔާ ކަން ކުރައްވަނީ، އެންމެ ރަނގަޅަށްތޯ ބަލާނެ ގޮތްތައް އެ ފޮތުގައި ބައްޕާފުޅު ލިއުއްވާފައިވެ އެވެ. ވެރިޔާގެ ޒިންމާތަކާއި ދައުލަތުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފުގެ ބާރާއި ނޫސްވެރިކަމުގެ ބާރާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ އެ ފޮތަކީ، ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ގައިޑެވެ.

އަޅުގަނޑު މިދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތް މި ކުރީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ އަޑު އަހައިގެން. -- ރައީސް

ވެރިކަމުގައި ހޭދަވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ބައްޓަން ކުރައްވަމުން ގެންދެވީ، އެ ފޮތުގެ އަލީގައި ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ގައިޑަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމައަށް ވެސް ބަލަމުން އައީ މި ފޮތް. އެއީ މީގައި ކީރިތި ގުރުއާނުގެ އަލީގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ދެންމެ ދެންނެވި ފަދައިން އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޮންޓެކްސްޓުގައި ވަރަށް ވަށާ ޖެހޭ ގޮތަށް ބައްލަވާލައްވާފައިވާތީ،" ބައްޕާފުޅުގެ ފޮތް ދައްކާލައްވަމުން ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެ ފޮތުގައި ލިއުއްވާފައިވާ ވާހަކައަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ގައުމުގެ ހަގީގީ ވެރިފަރާތަކީ އަދި ދައުލަތުގެ އެންމެހައި ބާރުތަކުގެ މަސްދަރަކީ ރައްޔިތުން ކަމަށެވެ. އެހެންވެ، ގައުމުގައި އެންމެ ހައިބަތާއި ގަދަރު އުފުލިގެން ވަނީ ރައްޔިތުންގެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ވެރިޔާއަކީ ވަކި މުއްދަތަކަށް ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހަވާލުކުރާ ފަރާތެއް ކަމަށާއި ވެރިޔާގެ އަމަލާއި މުއާމަލާތްތަކުން އެކަން ފެންނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭނާ [ވެރިޔާ]ގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ހުންނަން ޖެހޭ ކަންތައްތައް ފިޔަވައި އެއްވެސް ހާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑާކަން އެކިއެކި މަޒާހިރުތަކުން ދައްކައި، އެ މީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެ އެވެ،" ރާއްޖޭގައި މަޝްހޫރު ޝައިހް އަބްދުއްރަހްމާންގެ ލިޔުއްވުމުން، ރައީސް ވިދާޅުވި އެވެ.

އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމަތައް ކަމަށާއި މިދިޔަ އަހަރެއްހާ ދުވަހު އެމަނިކުފާނު މަސައްކަތްކުރެއްވީ އެ މަގުން ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން މަސައްކަތް ކުރެއްވީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ އަމާޒަށް ގެންދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އުނދަގޫ، ބުރަ ނިންމުންތަކެއް، އިސްކުރީ ރައްޔިތުންގެ ފަޅި"

ރައީސް ވިދާޅުވި ގޮތުގައި އުނދަގޫ، ބުރަ މައްސަލަތައް އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ވަނީ ހައްލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ނަތީޖާ ވެސް ފެންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު މިދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތް މި ކުރީ ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންގެ އުއްމީދުގައި ކުލަ ޖައްސައިދެވޭތޯ،" ރައީސް ވިދާޅުވި އެވެ.

"އެހެންވެގެން ގިނަ ދުވަސްތަކެއް ވަންދެން އަތް ނުލައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ."

ރައީސް ވިދާޅުވި ގޮތުގައި ފަސޭހައަކަށް އަތްނުލައި ވަރަށް ގިނަ ކަންކަން މިދިޔަ ވެރިކަންތަކުގައި ދޫކޮށްލާފައި އެބަހުއްޓެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެކަމަކު އެމަނިކުފާނު ރައްޔިތުންނަށްޓަކައި އެ ކަންކަން ހައްލުކުރައްވަން ފައްޓަވައި ޑްރަގާއި ގޭންގްތަކާއި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި އާއްމުންގެ ސިއްހަތަށް ނުރައްކާ އޮތް ދުންފަތާއި ވޭޕްގެ މައްސަލަ އާއި ނުފޫޒު ގަދަ ފަރާތްތަކަކުން ކޮންޓްރޯލްކުރާ ބޭހުގެ އަގުތައް ކުޑަކޮށް ރައްޔިތުންނަށް ލުއި ހޯއްދަވައިދެއްވަން ފައްޓަވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ރައީސް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރާ އެކު ވަކި ބަޔަކަށް މުއްސަނދިކަން އޮތް އޮތުން ވެސް ނިމުމަކަށް ގެނެސް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބަދަލުތައް ގެންނަން ފައްޓަވާފައިވާ ކަަމަށެވެ. މިހުރިހާ ކަމަކުން ވެސް އެމަނިކުފާނު ހާސިލްކުރައްވަން ބޭނުންފުޅުވާ ނަތީޖާ އަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވުން ކަމަށް ވިދާޅުވި އެވެ.

"ބަދަލު ހިފުމުގެ ރޫހް މި ގައުމުން ނައްތާލައިފިން"

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. ވެރިކަން ބަދަލުވުމާ އެކު، ސިޔާސީ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކަންކަން އެމަނިކުފާނުގެ ސަރުކާރުގައި ނުކުރާކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސާބިތުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ބަދަލު ހިފުމުގެ ރޫހް ނައްތާލައިފިން. ސިޔާސީ ގޮތުން ސަރުކާރުން ބަދަލު ހިފުމުގެ ރޫހުގައި ކަންކުރާ ތަނެއް ނުފެންނާނެ. ސިޔާސީ މީހަކަށް ވީތީ އަޅުގަނޑުގެ ވާދަވެރިޔާ ހިފައި ހައްޔަރުކޮށް ޖަލަށް ލީ ތަނެއް ނުފެންނާނެ. އެއީ، އަޅުގަނޑު ގަބޫކުރާ ހަމައަކީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ކުރީގެ ވެރިކަންތަކުގައި، ސިޔާސީ މީހުންނަށް އެކި ގޮތްގޮތުން އަނިޔާވެރިވާ ތަން މި ގައުމުން ވަނީ ފެނިފަ އެވެ. އެކަމަކު، އެކަމުގައި ވެސް ބަދަލެއް ގެނެވިއްޖެ ކަމަށާއި ރިޔާސީ ކޮމިޝަންތައް ހަދައި ސިޔާސީ ގޭމްތައް ކުޅުއްވުމުގައި ވަގުތު ނަގާނުލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ސަރުކާރުގެ މިނިސްޓަރުން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ސަރުކާރުގެ މިނިސްޓަރުން ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ކުށަކަށް ތުހުމަތު ކުރެވޭ ނަމަ އެކަންކަމަށް ހުރި ގާނޫނީ މުއައްސަސާތަކުން އެކަން ބަލާނެ ކަމަށެވެ. ސިޔާސީ މީހުން ފަހަތުން ދުވެ، ކޮމިޝަންތަކަށް ގެންދިއުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓައި ގާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމައަށް ޒިންމާ އުފުލައި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ ވެރިކަމެކެވެ. ގާނޫނުގެ ވެރިކަމެކެވެ. އެއީ ހަމަހަމަ ގޮތެއްގައި ރައްޔިތުންނާ މެދު މުއާމަލާތްކޮށް، އެބައި މީހުންގެ ހައްގުތައް ރައްކާތެރިވެ ދޭން ޖެހޭ ހިދުމަތް ވީ އެންމެ ރަނގަޅަކަށް ފޯރުކޮށްދިނުމަށާއި މިނިވަންކަމާއި އަމާންކަމާ އެކު އަފްރާދުންނަށް ދިރިއުޅެވޭނެ އުޅެވޭނެ ހިތްހަމަޖެހޭ ހިޔާވަހިކަމާއި މާހައުލެއް ތަނަވަސްކޮށްދިނުމާއި އިހްލާސްތެރިކަމާއި ކަން ދެއްކުމެއް ނެތި ކުރާ ވެރިކަމެކެވެ،" ބައްޕާފުޅުގެ ފޮތުގެ 349 ސޮފްހާ ކިޔުއްވަމުން ރައީސް ވިދާޅުވި އެވެ.

ވެރިކަން ކުރަން ރައްޔިތުން ހަވާލުކުރި މުއްދަތުގައި، ބައްލަވާނީ، ރައީސް ވިދާޅުވި ގޮތުގައި، ބައްޕާފުޅުގެ ނަސޭހަތާ އެއްގޮތަށް ހެޔޮވެރިކަމެއް ކޮށްދެއްވުމަށެވެ.