Roadha Mihaaru
މޮރިޝަސްއަށް ޗާގޯސް ދިނުމުން ރައީސްގެ ސިޓީއެއް ޔޫކޭއަށް

މޮރިޝަސް އަށް ޗާގޯސްގެ ރަށްތައް ދޭން އެއްބަސްވުމުން ރައީސްގެ ސިޓީފުޅެއް ޔޫކޭއަށް

10 ނޮވެމްބަރ 2024

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އެ ގައުމުން އެއްބަސްވުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އިނގިރޭސިވިލާތުން އިސްތިއުމާރުކޮށްފައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އެ ގައުމުން އެއްބަސްވުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށެވެ.

ބައި ގަރުނަށް ފަހު އިނގިރޭސިވިލާތުން މި ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އެއްބަސްވީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަން ވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައި ވެސް ވެ އެވެ.

އެ ރަށްތަކުގެ ތެރޭގައި، އެ ތަނުން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭއިރު މިތަނަކީ އެމެރިކާއަށް ދިގު މުއްދަތަށް ކުއްޔަށް ދީފައި އޮންނަ ޗާގޯސްގެ ވަކި އަތޮޅެކެވެ.

މޮރިޝަސް އަށް ޗާގޯސް ހަވާލުކުރަން ނިންމައި އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ވަނީ އެކަން އިއުލާންކޮށްފަ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށްވާތީ އެހެން ގައުމަކަށް އެތަން ލިބުމަށް ވުރެ ރާއްޖެއަށް ލިބުން މާ އައުލާކަން ބޮޑު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އިނގިރޭސި ސަރުކާރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރާ ވާހަކަތައް ދެކެވުނީމަ، އަޅުގަނޑުމެންގެ ތާރީހު ގުޅުން ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީވެ، ރަސްމީކޮށް ލިޔެކިޔުމުން ސިޓީން، ދިވެހި ސަރުކާރުން ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި. -- ރައީސް

"އެތަނަކީ އަޅުގަނޑުމެން ރަސްރަސްކަލުންގެ ފެންނާން ހުރި ލިޔެކިޔުމާ އެކުގައި އެހެން ގައުމަކަށް ވުރެ ދިވެހިރާއްޖެއަށް މާ އައުލާކަން ބޮޑު."

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ. އެކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ވެސް ހޯދާފައި ނުވާ ކަން ފާހަގަކުރައްވައި ރައީސް މިރޭ ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފް އަމަލެއް ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު މިއީ އެ ކޯޓުގެ ލަފައެއް ކަމަށް ވާތީ އަމަލުކުރުން ލާޒިމް ނުވާނެތީ އިނގިރޭސި ވިލާތް ގޮތް ދޫނުކޮށް އޮތް ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފްވާ ގައުމެއްގެ ނަން ލަގަބު އިނގިރޭސިވިލާތަށް އޮތުމުން އެކަން ވަނީ ކަންބޮޑުވުމަކަށް ވެފަ އެވެ.

މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޯސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

މިގޮތަށް ނިންމުމަކީ ކުރީގެ ސަރުކާރުގެ އިހުމާލެއް ކަމަށް ބުނެ އޭރުގެ އިދިކޮޅުގައި ތިބެ އަޑު އުފުލުމަށް ފަހު މި ސަރުކާރާ ހަވާލުވެ އެ މަސައްކަތް ފަށައި ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.