Roadha Mihaaru

މޮރިޝަސްއަށް ޗާގޯސް ލިބިއްޖެ، ފޯޅަވަހީގެ ކުއްޔަށް އަހަރަކު 136 މިލިއަން ޑޮލަރު

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުމާ އެކު ސޮއިކޮށްފިކަން އިނގިރޭސި ވިލާތުން ރޭ އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ވެސް ރުހުމާ އެކު ޗާގޯސް މޮރިޝަސްއަށް ދީފި
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

23 މެއި 2025

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމެރިކާގެ ވެސް ރުހުމާ އެކު ސޮއިކޮށްފިކަން އިނގިރޭސި ވިލާތުން ރޭ އިއުލާނުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ މިކަން އިއުލާނުކުރައްވައި ވިދާޅުވީ އެ ގައުމުން އިސްތިއުމާރުކުރި ޗާގޯސް އަނބުރާ މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މަސްލަހަތު ބޮޑު އަސްކަރީ ބޭސް، ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގެ ކޮންޓްރޯލް ދެމެހެއްޓެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.

ސްޓާމާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާ 99 އަހަރަށް ކުއްޔަށް ނަގައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑް (136 މިލިއަން ޑޮލަރު) ދައްކަން ޖެހޭނެ ކަމަށެވެ.

"އިނގިރޭސި ވިލާތުގެ ގައުމީ މަސްލަހަތަށްޓަކައި މި ގޮތަށް އެއްބަސްވުން ނޫން ގޮތެއް ނެތް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިއެގޯ ގާސިއާއަށް 99 އަހަރުގެ ތެރޭގައި އިންފްލޭޝަނަށް އެޖަސްޓުކޮށް، 3.4 ބިލިއަން ޕައުންޑް ހޭދަވާނެ ކަމަށެވެ.

ޗާގޯސްގެ ޑިއެގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުން އެމެރިކާގެ މަތިންދާބޯޓެއް ފުރައިގެން ދަނީ.

ޗާގޯސްގެ ޑިއެގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުން އެމެރިކާގެ މަތިންދާބޯޓެއް ފުރައިގެން ދަނީ.

އިނގިރޭސިވިލާތުގެ އެންމެ ގާތް ބައިވެރިން މި އެއްބަސްވުމަށް ތާއީދުކުރާކަން ހާމަކޮށްފައި ވާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ވޮޝިންޓަނުން "ތާރީހީ އެއްބަސްވުމަށް މަރުހަބާ ކިޔާ" ކަމަށް ވިދާޅުވެފަ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރަމްގޫލަމް ވަނީ މި އެއްބަސްވުމަކީ 1968 ވަނަ އަހަރު ފެށި މޮރިޝަސް ޑިކޮލޮނައިޒޭޝަންގެ މަރުހަލާ ފުރިހަމަވެ އޭނާގެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ އިދިކޮޅު ކޮންޒަވެޓިވް ޕާޓީން ވަނީ މިއީ ގައުމުގެ ބައެއް ދޫކޮށްލުން ކަމަށް ބުނެ ސްޓާމާ އަށް ފާޑު ކިޔައިފަ އެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އިއްޔެ ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ އެކަން ހުއްޓުވައިފަ އެވެ. ޗާގޯސް އަށް ނިސްބަތްވާ ދެ މީހަކު، ޗާގޯސް އަކީ މޮރިޝަސްގެ ތަނަކަށް ނުވާނެ ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ނެރުނު ވަގުތީ އަމުރު މާ ގިނައިރުތަކެއް ނުވެ ވަނީ ބާތިލްކޮށްފަ އެވެ.

ބައި ގަރުނަށް ފަހު ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލާފައި މި ވަނީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ.

ޗާގޯސް

ޗާގޯސް

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.