Roadha Mihaaru
ބިން ވިއްކާ މައްސަލަތަކުގައި އަގު ސިއްރުކުރަނީ

ބިމާއި ފްލެޓް މިލްކު ކުރުމުގެ ހުކުމްތަކުގައި އަގު ސިއްރުކުރުން އާންމުވެއްޖެ

04 ނޮވެމްބަރ 2024

ބިމާއި ފްލެޓް މިލްކުކުރުމުގެ މައްސަލަތަކުގައި ސިވިލް ކޯޓުން ކުރާ ހުކުމްތަކުގައި އެ މުއާމަލާތްތަކުގެ އަގު ސިއްރުކުރުން އާންމުވާން ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ބިމާއި ފްލެޓް މިލްކުކުރުމުގެ މައްސަލަތަކުގައި ސިވިލް ކޯޓުން ކުރާ ހުކުމްތަކުގައި އެ މުއާމަލާތްތަކުގެ އަގު ސިއްރުކުރުން އާންމުވާން ފަށައިފި އެވެ.

މީގެކުރިން ބިމާއި ފްލެޓް ވިއްކުމުގެ މައްސަލަތަކުގެ ހުކުމްތަކުގައި ވިޔަފާރީގެ މުއާމާލާތުގެ ހުރިހާ ތަފްސީލެއް ހާމަކޮށްފައެއް ހުރެ އެވެ. އެ ތަނެއް ގަތުމަށް އެ މީހަކު ދެއްކި އަގާއި އެ އަގު ދެއްކި ގޮތުގެ ހުރިހާ ތަފްސީލެއް ކުރިން ހުކުމުގައި ހުރެ އެވެ.

ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ސިވިލް ކޯޓުން ނިންމި މިފަދަ ހުރިހާ މައްސަލަތަކެއްގައިހެން އެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ވަރަށް މަދު މައްސަލައެއްގައި ތަފްސީލް ހުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ހުކުމް ކުރި މިފަދަ މައްސަލައެއްގައި ބުނެފައިވަނީ "... ވިއްކުމަށް ކަނޑައެޅި އަގު ދައްކާ ހަލާސްކޮށްފައިވާތީ" މިލްކުވެފައިވާ ކަމަށެވެ. އެއީ އަމިއްލަ މީހަކަށް ވިއްކި ބިމެއްގެ މިލްކުވެރިކަން ކަނޑައެޅި މައްސަލައެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް އަމަލުކުރައްވަނީ ބިމުގެ އަގު ތަފްސީލުތައް ހުކުމްތަކުގައި ނުހިމެނުމަށް އެ މުއާމަލާތްތަކުގައި ހިމެނޭ ފަރާތްތަކުން އެދޭތީ ކަމަށް ބުނެ އެވެ.

ނަމަވެސް ކޯޓުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އަގު ހާމަނުކުރުމަށް ކޯޓުން ނިންމައި އުސޫލެއް ހަދައިފައެއް ނެތެވެ. މި ފަހުން ނިންމި ބައެއް މައްސަލަތަކުގައި ވެސް އަގު ބަޔާންކޮށްފައި އެބަހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ އަގު ބޮޑު އެސެޓްތަކުގެ ތެރޭގައި ހިމެނޭ ބިން ފަދަ ތަންތަނުގެ މުއާމަލާތްތަކުގައި އަގު ސިއްރުވުމަކީ ކޮރަޕްޝަނަށް މަގު ފަހިވާނެ ކަމަކަށް ވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި ވިޔަފާރީގެ މުއާމަލާތެއްގެ ހުކުމުގައި އަގު އެނގެން އޮތުން ލާޒިމް ވާނެ ކަމަށް ވެސް ބުނެ އެވެ.