Roadha Mihaaru
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި

ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދާ ހަވާލުކޮށްފި

21 ސެޕްޓެމްބަރ 2023

ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދާ ޖޭއެސްސީން މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދު ރަޝީދާ ޖޭއެސްސީން މިއަދު ހަވާލުކޮށްފި އެވެ.

އެ ކޮމިޝަނުން އެ ގޮތަށް ނިންމީ، ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.

ފަރުހާދަކީ ސިވިލް ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ގާޒީ އެވެ. އޭނާ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ 19 އަހަރު ވެއްޖެ އެވެ. އޭގެ ތެރެއިން ގާޒީއެއްގެ މަގާމުގައި އުޅުއްވާތާ ވީ 10 އަހަރެވެ.

ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ. ގޭގައި އުޅުއްވަނިކޮށް ކުއްލިއަކަށް ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ އަވަހާރަ ވެފަ އެވެ.

ގއ. މާމެންދު އަށް އުފަން ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ.

ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރީ މާޗް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ.