29 އޮކްޓޯބަރ 2024
މާލެ އާއި ހުޅުމާލޭގެ ޓެކްސީ ހިދުމަތް މިހާރަށް ވުރެން ރަނގަޅަށް އަދި ފަސޭހައިން ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުމާލޭގެ ޓެކްސީ ހިދުމަތް މިހާރަށް ވުރެން ރަނގަޅަށް އަދި ފަސޭހައިން ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިނިސްޓަރު މިގޮތަށް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރުން ފަށަން އުޅޭ "މާލެ ފެހި" ޕްރޮގްރާމްގައި ހިމެނޭ ޓެކްސީ ލައިނާ ގުޅިގެން، މިދިޔަ ޖުލައި މަހުގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. ލިއުމުން އެ ސިޓީއަށް ޖަވާބު ދެއްވަން އެދިފައިވީ ނަމަވެސް މިނިސްޓަރު ނިންމެވީ އިގްތިސާދީ ކޮމެޓީއަށް ވަޑައިގެން އެކަމުގައި ޖަވާބުދާރީވެވަޑައިގަތުމަށެވެ.
އަޅުގަނޑުމެންނަށް އެބަ ޖެހޭ ހިނގަމުންދިޔަ އުސޫލު ނުވަތަ ގާނޫނުގެ ތެރެއަށް ވައްދައި [ޓެކްސީ] ކޮންޓްރޯލެއް ނަގަން. ނުނަގައިފި ކަމަށް ވާ ނަމަ ވެހިކަލްތަކުން މާލެ ބަންޑުންވާ ހިސާބަށް ދާނެ. ރައްކާތެރިކަން މިހާރު ވެސް ގެއްލިފައި މި އޮތީ. -- މިނިސްޓަރު
ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްސީގެ ހިދުމަތް ދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމައި އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ޓެކްސީ ހިދުމަތަށް މި ބަދަލު ގެނަޔަސް މިހާރު ޓެކްސީ ކުރާ މީހުންނަށް ގެއްލުމެއް ނުވާނެ ކަން ފާހަގަކުރައްވައި ދެ ގޮތެއް މިނިސްޓަރު ހުށަހެޅުއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށެވެ. ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް، ބާކީ 50 ޕަސެންޓް ޖާގަ ހާއްސަކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތް ދޭން ފަށާނީ މުޅިން އާ ކާރުތައް ގެނެސްގެން ކަމަށެވެ. އެ ވެހިކަލްތައް ޕާކުކުރަން ބިންތައް ކަނޑައަޅައި ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭ މިނިސްޓްރީއަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޖަވާބުދާރީވެވަޑައިގަންނަވަނީ. -- ފޮޓޯ | މަޖިލިސް
ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ނިންމީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަތުރުފަތުރަށް ހާއްސަކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީން އެ ހިދުމަތް މިހާރު ވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާތީ އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ދެނީ އެމްޓީސީސީންނެވެ.
އާރްޓީއެލް އަކީ ރައްޔިތުން ބޭނުންވާ ހިދުމަތެއް ކަމަށާއި ސަރުކާރު ޓެކްސީ ލައިން ވެސް ދޭނީ އެ ކޮންސެޕްޓަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، ޓެކްސީގެ ހިދުމަތް ދިނުން ހަވާލުކުރަން ނިންމާފައި ވަނީ ކޮން ކުންފުންޏަކާ ކަމެއް މިނިސްޓަރު މިއަދު ވިދާޅެއް ނުވެ އެވެ.
- ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ
- ޓެކްސީކުރާ 25 ޕަސަންޓު، އިލެކްޓްރިކް ޓެކްސީތަކަށް ހެދުން
- ޑްރައިވަރެއް ކަން އެނގޭނެ ވަކި ޔުނީފޯމެއް ލުން.
- ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ، 100 ރުފިޔާއަށް ވުރެ ދަށް ނުކުރުން.
- ސަރުކާރުން އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ޕެޓްރޯލް އެޅުން ހަމަޖައްސައިދިނުން.
- ކޮންމެ ހަފުތާއަކު މުސާރަ ދިނުން
- 24 ގަޑިއިރު ހިދުމަތް ދޭ ޓެކްސީ ލައިނަކަށް ހެދުން.
އިގްތިސާދީ ކޮމިޓީގެ ޖަލްސާ ކުރިއަށް ދަނީ. -- ފޮޓޯ | މަޖިލިސް
މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަކީ ވެސް ސަރުކާރުން ޓެކްސީ ހިދުމަތް ދިނުމުގެ މުހިއްމު ބޭނުމެކެވެ.
"ދުނިޔޭގައި އޮތް އެންމެ ވެހިކަލް ގިނަ ތަނަކީ ރާއްޖެ. ހާއްސަކޮށް މާލެ ސަރަހައްދު، އެހެންވީމަ އަޅުގަނޑުމެންނަށް އެބަ ޖެހޭ މިހާރު ހިނގަމުންދިޔަ އުސޫލު ނުވަތަ ގާނޫނުގެ ތެރެއަށް އެކަން ވައްދައި ކޮންޓްރޯލެއް ނަގަން. ނުނަގައިފި ކަމަށް ވާ ނަމަ [ވެހިކަލްތަކުން] މާލެ ބަންޑުންވާ ހިސާބަށް ދާނެ. ރައްކާތެރިކަން މިހާރު ވެސް ގެއްލިފައި މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޓެކްސީތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދަނީ
އަމީނަށް އިތުބާރުކޮށް، މުޒާހަރާ ހުއްޓާލައިފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް ނުފަށާ
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަނީ
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ