ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ގެ ފްލީޓްގައި އެކި ސައިޒުގެ ޓެކްސީތައް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
07 މެއި 2025
ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ގެ ފްލީޓްގައި އެކި ސައިޒުގެ ޓެކްސީތައް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ފެށި ނަމަވެސް، އަމިއްލަ ގޮތުން ޓެކްސީ ކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި މިހާރެކޭ އެއްގޮތަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މިހާރު ޕާޓް-ޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް މި ޓެކްސީ ފްލީޓްގައި ޕާޓް-ޓައިމްކޮށް ނޫނީ ފުލް-ޓައިމް މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ. ޓެކްސީ ކުރައްވައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ޕްލޭންކޮށްފައިވާނީ ދާއިމީ ޓެކްސީ ޑްރައިވަރުންނާއި ފްރީލާންސްކޮށް ޓެކްސީ ޑްރައިވަރުންނަށް ވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.
"އެހެންވީމާ ޓެކްސީކުރާ ފަރާތްތަކަށް ގެއްލުންވާނެ އެއްވެސް ގޮތެއް ނޯންނާނެ. ޓެކްސީ ކުރާ ފަރާތްތައް ވެސް މިކަން މި ކުރަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ފެންނަ އޮތް ހަގީގަތަކީ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ބޭނުންވެފައި އޮތް މިންވަރު ކަމަށާއި ޓެކްސީ ނުލިބޭ މައްސަލައިގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށެވެ. ހާއްސަކޮށް މާލޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިޔުމަށް ޓެކްސީ ހޯދަން ވަރަށް އުނދަގޫ ކަމަށް ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހުރި ހާލަތަށް ބަލާއިރު، އެކި ސައިޒުގެ ޓެކްސީތައް ބޭނުންވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނުގައި އެކި ސައިޒުތަކުގެ ޓެކްސީ ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެއީ މާލޭގެ ވަރަށް ހަނި މަގުތަކަށް ވެސް ވަދެވޭނެ ގޮތް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހުޅުމާލެއަށާއި އެއާޕޯޓަށް ވެސް ދަތުރު ކުރެވޭނެ ސައިޒުތައް ހިމެނިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން ވާނީ ފައިދާ: އަމީން
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޓެކްސީ މީޓަރު ހަރުކުރަން އެންމެން ވެސް ބޭނުންވޭ!
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި
ޓެކްސީގައި ކެމެރާ ހަރުކުރުން ލާޒިމްކޮށްފި
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް