Roadha Mihaaru
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް ބުރާސްފަތިދުވަހު

ވިސާމްގެ ދެވަނަ މައްސަލައިގެ ހުކުމް ބުރާސްފަތިދުވަހު އިއްވަނީ

05 މާޗް 2017

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން އަންނަ ބުރާސްފަތިދުވަހަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް މައްޗަށް ކުރާ ދެވަނަ ދައުވާގެ ހުކުމް އިއްވުން އަންނަ ބުރާސްފަތިދުވަހަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ވިސާމްގެ މައްޗަށް ދައުވާކުރާ ދެވަނަ މައްސަލައިގެ ހުކުމް އިއްވުން ތާވަލް ކޮށްފައިވާއިރު، ފުރަތަމަ މައްސަލާގައި ވިސާމްގެ މައްޗަށް ކުށް ސާބިތުވެ، 28،000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ވިސާމްގެ މައްޗަށް ކުރާ ދެވަނަ ދައުވާ އަކީ މާޗް، 2015 ގައި ބޭއްވި މުޒާހަރާއެއްގައި ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް ކަމަށް ބުނެ ކުރާ ދައުވާ އެކެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބުރާސްފަތިދުވަހު ކަނޑައަޅާނެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ ދެ ފަރާތުން އަދަބާ މެދު ވާހަކަ ދެއްކުމަށް ފަހު، ވިސާމަށް އެ ދުވަހު އަދަބު ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ވިސާމްގެ މައްޗަށް ފުރަތަމަ ދައުވާކޮށް، ޖޫރިމަނާކުރީ ނޮވެމްބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ހައްޔަރު ކުރަން ފުލުހުން އުޅުމުން، ވިސާމް އެ މީހުންނަށް އޭނާ ހުރަސް އެޅި ކަމަށް ބުނެ ކުރި ދައުވާ އެވެ. އެ މައްސަލާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރަށް ވެސް ކުށް ސާބިތުވެ، ވަނީ ޖޫރިމަނާކޮށްފަ އެވެ.

އެ ދެ ނޫސްވެރިންގެ އިތުރުން ރާއްްޖެ ޓީވީގެެ ކެމެރާމަން އާދަމް ޒަރީރަށް ވެސް ވަނީ ކުށް ސާބިތުވެ، 3،000ރ. ގެ ޖޫރިމަނާގެ ހުކުމް އިއްވައިފަ އެވެ. އަދި ފިޔާޒްގެ ފުލުހެެއްގެ ގައިގައި ޖެހި ކަމަށް ބުނެ އޭނާ އަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ ވެސް މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.