Roadha Mihaaru
ކެމެރާމަން ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފި

ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވެ، ޒަރީރު 3،000ރ. އިން ޖޫރިމަނާކޮށްފި

27 ފެބުރުއަރީ 2017

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަން ސާބިތުވެ، އޭނާ 3،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރިކަން ސާބިތުވެ، އޭނާ 3،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާޗް، 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ ޒަރީރަށް ކުރި އެ ދައުވާ ސާބިތުވިއިރު އެ ކުށަށް ޖޫރިމަނާގެ އިތުރުން ޖަލު އަދަބު ވެސް ދެވޭ ގޮތަށް ފުލުހުން ގާނޫނުގައި ބުނެފައިވެ އެވެ. އެކަމަކު މިއީ ޒަރީރުގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވާތީ، އެ މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފް ހުކުމް ކުރެއްވީ އޭނާ 3،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު، އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށް މިއަދުގެ އަޑުއެހުުގައި ދިން ފުރުސަތުގައި ދައުލަތުން އެދުނީ ޝަރީއަތަށް ފެންނަ އަދަބެއް ދިނުމަށެވެ. ޒަރީރުގެ ފަރާތުން އެދުނީ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވި ގޮތުގައި އެ މައްސަލާގައި ޒަރީރުގެ މައްޗަށް ކުށް ސާބިތުވަނީ ހެކިބަސް ދިން ދެ ފުލުހުންގެ ހެކިބަހުންނާއި ވީޑިއޯ ފުޓޭޖުން ފެންނަ މަންޒަރުތަކުންނެވެ. ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ޒަރީރު ވަތްކަން ދެ ފުލުހުންގެ ބަހުން އެނގޭއިރު ވީޑިއޯ ފުޓޭޖަށް ބެލުމުން އެކަން އިތުރަށް ކަށަވަރު ވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ވީޑިއޯ ފުޓޭޖުގެ ސައްހަކަމާ މެދު ޒަރީރުގެ ފަރާތުން ސުވާލު އުފައްދާފައި ނެތްކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ބަންދުކޮށްފައިވާ ސަރަހައްދަށް ޒަރީރު ނުވަންނަ ކަމަށް ތިން ނޫސްވެރިއަކު ހެކިބަސް ދީފައި ވިޔަސް އެ މީހުންގެ ހެކިބަހަކީ ދައުލަތުގެ ހެކިތައް ނަފީކުރެވޭ މިންވަރުގެ ހެކިބަހެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. ސަބަބަކީ ނޫސްވެރިން އެތަނުގައި މަސައްކަތް ކުރާނީ މުޒާހަރާ ކަވަރު ކުރަން ކަމަށް ވާއިރު ޒަރީރުގެ ހަރަކާތްތައް ބެލުމަށް ނޫސްވެރިންނަށް އިސްކަން ދެވިދާނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށް ވެސް ގާޒީ އާރިފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ޒަރީރު ހައްޔަރުކުރި ކުރުމަކީ ވަކި މީޑިއާއަކަށް ނުވަތަ ޒަރީރަށް ހުރަސް އަޅަން ފުލުހުން ކުރި ކަމެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެތަނުގައި އެހެން ނޫސްވެރިން ވެސް ތިބިއިރު އެއިން ނޫސްވެރިއަކު ހައްޔަރުކޮށްފައި ނެތުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުކުމް ކުރެއްވުމަށް ފަހުު ގާޒީ ވަނީ ވަޒީފާ އަދާކުރުމުގައި ވެސް ގާނޫނީ ކުށެއް ނުކުރަން ޒަރީރަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ވަޒީފާގެ ޒިންމާ އަދާކުރަން ޒަރީރަށް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ގާޒީ އާރިފް ނަސޭހަތްތެރިވެވަޑައިގަތެވެ.

ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރުގެ މައްޗަށް ވެސް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ކުރިން ސާބިތުވެފަ އެވެ. އެކަމަކު އެ މީހުންނަށް އައީ 28،000ރ. ގެ ޖޫރިމަނާއެކެވެ. އެ ދެ މީހުންނަށް އައި ޖޫރިމަނާ ބޮޑުވީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމުންނެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒުގެ މައްޗަށް ދައުލަތުން ވަނީ ޖެހުމުގެ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލަ ވެސް އޮތީ ނިމުމަކާ ގާތުގަ އެވެ.