Roadha Mihaaru

އިންޒާރު ދޭ ވީޑިއޯގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީޑިއޯގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

24 މާޗް 2018

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއިލެވެ.

ހަސަން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ހެކި ނެތް ކަމަށް ބުނެ، އެ ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ. ހަސަން އިސްމާއިލްގެ ބަންދުގެ މުއްދަތު މީގެ ކުރިން އެއް ފަހަރު އެ ކޯޓުން އިތުރު ކުރި އެވެ.

ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް 10 ދުވަހު ބަންދުގައި ބަހައްޓަން މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

އިންޒާރު ދޭ ވީޑިއޯގެ މައްސަލާގައި ވިސާމާއި އާމިރު ހައްޔަރުކުރީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމުގެ ތުހުމަތު ރާއްޖެ ޓީޥީގެ މައްޗަށް ކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރާއްޖެ ޓީވީން ބުނެފައިވަނީ ގާނޫނާ ޚިލާފް އެއްވެސް ކަމަކަށް އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށާއި އެތަނުގެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގައި ކަމަށެވެ.