Roadha Mihaaru
ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން މާދަމާ

ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން މާދަމާ އަށް ތާވަލްކޮށްފި

26 ފެބުރުއަރީ 2017

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރަށް ކުރާ ދައުވާގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

ޒަރީރުގެ މައްޗަށް ދައުވާކުރަނީ މާޗް، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް ކަމަށް ބުނެއެވެ. މި މައްސަލައިގެ ހުކުމް އިއްވުން މާދަމާ ބާއްވާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖެއްސިއިރު މިދިޔަ މަހު ވެސް އެ މައްސަލައިގެ ހުކުމް ކުރަން ކޯޓުން ތާވަލްކުރި އެވެ. އެކަމަކު އެދުވަހު ގާޒީ ސަލާމުގައި ހުންނެވުމުން ހުކުމް ކުރުން މިއަދަށް ފަސްކުރީ އެވެ.

މާދަމާގެ އަޑުއެހުމުގައި، ޒަރީރުގެ މައްޗަށް އެ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ނިންމާނެ އެވެ. ކުށް ސާބިތުވާ ކަމަށް ނިންމައިފި ނަމަ، އޭނާ އަށް ކަނޑައަޅާނެ އަދަބަކާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު، މާދަމާ ނުވަތަ ފަހުގެ ތާރީޚެއްގައި އޭނާ އަށް އަދަބު ކަނޑައަޅާނެ އެވެ.

ޒަރީރަށް ހުކުމް ކުރާއިރު ރާއްޖެ ޓީވީގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވެ އެ މީހުން ޖޫރިމަނާ ކުރަން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ އެ ދެ ނޫސްވެރިންގެ ފަރާތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

މީގެ އިތުރުން ވިސާމްގެ މައްޗަށް ވަނީ ފުލުހުންނަށް ހުރަސްއެޅުމުގެ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލަ އަދި ނުނިންމަ އެވެ.

ވިސާމާއި ޒަރީރުގެ އިތުރުން ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ އޭނާ އަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލައިގެ ހުކުމް މި މަސް ތެރޭގައި އިއްވާނެ ކަމަށް ގާޒީ އިއުލާން ކުރައްވާފައި ވިޔަސް ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ.