25 އޮކްޓޯބަރ 2024
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް "ދިޔަވަރު.ކޮމް"އާ ގުޅޭ ގޮތުން ހުށަހެޅި ގިނަ އަދަދެއްގެ ޝަކުވާ ބެލިއިރު، އެ ވެބްސައިޓުގައި ހަގީގަތާ ޚިލާފު ހަބަރު ފަތުރަމުންދާ ކަމަށާއި އެކަމަށް އާއްމުން ސަމާލުވާން އެދިއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް "ދިޔަވަރު.ކޮމް"އާ ގުޅޭ ގޮތުން ހުށަހެޅި ގިނަ އަދަދެއްގެ ޝަކުވާ ބެލިއިރު، އެ ވެބްސައިޓުގައި ހަގީގަތާ ޚިލާފު ހަބަރު ފަތުރަމުންދާ ކަމަށާއި އެކަމަށް އާއްމުން ސަމާލުވާން އެދިއްޖެ އެވެ.
އެމްއެމްސީއަށް މި އަހަރުގެ މިހާތަނަށް 77 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 63 ޝަކުވާ ހުށަހަޅާފައި ވަނީ ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ "ދިޔަވަރު.ކޮމް" ވެބްސައިޓާ ގުޅޭ ގޮތުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ މައްސަލަތައް ބަލައި އެމްއެމްސީން ވަނީ ދިޔަވަރު ވެބްސައިޓުގައި ހަގީގަތާ ހިލާފު ހަބަރުތައް ފަތުރަމުންދާތީ އެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމަށް ޕަބްލިކް އެޑްވައިޒަރީއެއް ނެރެފަ އެވެ.
މީޑިއާ ކައުންސިލުން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރު ފަތުރައި ވަކިވަކި ފަރުދުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލޭ ގޮތަށް އެކި އެކި ލިޔުންތައް ޝާއިއުކުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
".. މި އަހަރުގެ ތެރޭގައި މީޑިއާ ކައުންސިލަށް 77 ޝަކުވާއެއް ލިބިފައިވާއިރު އޭގެ ތެރެއިން 63 މައްސަލައަކީ ދިޔަވަރު.ކޮމް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ބައެއް ފޮޓޯތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކެކެވެ،" ޕަބްލިކް އެޑްވައިޒަރީގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުގެ ޝަކުވާ ބަލާ ކޮމިޓީން ދިރާސާ ކުރިިއިރު އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލުކުރަންޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އޭގެ ސަބަބުން އާންމުންގެ ތެރޭގައި ނުރަނގަޅު މައުލޫމާތު ފެތުރިގެންދާ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.
ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކަކީ ވެސް މީޑިއާ ކައުންސިލަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ނަމަވެސް އެ ކައުންސިލުގެ ގާނޫނުގެ ތަސައްވުރަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫން ކަމަށް އެމްއެމްސީން ބުންޏެވެ.
"ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅުތަކެއް ގާނޫނާއި ގަވާއިދާއި ޝަކުވާ ބެލުމުގެ އުސޫލުގައި ބަޔާންކޮށްފައި ނުވެ އެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓުތަކަކަށްވާތީ ޝަކުވާ ބެލުމުގައި އަމަލުކުރާ އާންމު އިޖުރާއަތްތަކަށް ވެސް އަމަލު ކުރެވޭނެ ގޮތެއް ނޯވެ އެވެ،" ކައުންސިލުން ބުންޏެވެ.
އެމްއެމްސީން ބުނީ ހަގީގަތާ ހިލާފު ހަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކްކުރުމަކީ އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަަރަށް ބޮޑަށް ފަހަތަށް ދާނެ ކަމަށް ވެސް ޕަބްލިކް އެޑްވައިޒަރީގައި ބުންޏެވެ.
އެހެންވެ، އެ ކައުންސިލުން ނިންމާފައި ވަނީ މިސް އިންފޮމޭޝަން ފެތުރުން ހުއްޓުވުމުގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުން އެކަމަށް އާންމުން ހޭލުންތެރިކޮށް ހަގީގަތާ ހިލާފަށް ހަބަރު ފަތުރާ ނަމަ، އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމާލުކަމަށް ގެނައުމަށް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ދިޔަވަރު.ކޮމްގެ ވެބްސައިޓާއި އާޓިކަލްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކާއި ވީޑިއޯތައް ހިމެނޭ ގޮތަށް ދުވާލަކު 5-10 ކޮންޓެންޓް ގެނެ އެވެ. އެ ކޮންޓެންޓުތަކުގެ ބޮޑުބައި އަމާޒުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ އިސްވެރިން އަދި މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ފާޑުކިޔުމަށެވެ.
އެހެންވެ، އެ ވެބްސައިޓުގެ މައްސަލަ ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާތަކުން މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާއިރު 61 މައްސަލަ ހުށަހެޅީ ރައީސް އޮފީހުންނެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ އިން ވެސް އެ ވެބްސައިޓާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވާއިރު އެމްއެމްޕީއާރުސީން ވެސް އެތަނުގެ މައްސަލަ ހުށަހަޅާފައިވެ އެވެ.
މީޑިއާ ކައުންސިލުން އެދިފައި ވަނީ އެ ވެބްސައިޓުގައި ޝާއިއުކުރާ ހަބަރުތައް އެހެން މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަށަވަރުކުރުމާއި އެ ވެބްސައިޓުގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށެވެ. އަދި ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި އާޓިކަލްގައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ހަގީގަތާ އެއްގޮތަށް ހަބަރު ލިޔެފައިވޭތޯ ބެލުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.
މީގެ ކުރިން، ރަޖިސްޓްރީނުކޮށް ހަގީގަތާ ހިލާފަށް ހަބަރު ފަތުރަމުން ދިޔަ ދެ ނޫހަކާ މެދު ސަރުކާރުން ފިޔަވަޅު އެޅި އެވެ. އޭރު މީޑިއާ ކައުންސިލުން ބުނެފައި ވަނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށެވެ. އަދި ބްލޮކްކުރި އެ ދެ ވެބްސައިޓާ ގުޅިގެން އެއްވެސް މައްސަލައެއް އޭރު މީޑިއާ ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުން އޭރު އެޅި ފިޔަވަޅާ ގުޅިގެން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލައިފަ އެވެ. އެކަމުގައި ސަރުކާރުން ބުނެފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.
"މީޑިއާ ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން"
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ނޫސްވެރިންނަށް ދޮގު ތުހުމަތުކުރުން ހުއްޓާލަން ގޮވާލައިފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
"ހެއްކާބެހޭ ބިލުން މިނިވަންނޫސްވެރިކަމަށް ހުރަސްއެޅޭ"
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި