11 އޮކްޓޯބަރ 2024
ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަދި އަވަހަރާކޮށްލުމުން އޭނާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވުނު ހާޝިމް ސަފިއްޔުއްދީން އަވަހާރަކޮށްލުމަށް ހަމަލާ ދިން ގޮތަށް ބަލާއިރު އީރާން ސިފައިންނާ މެދު ކުރެވޭ ތުހުމަތު ބޮޑުވެ ތަހުގީގެއް ފަށާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަދި އަވަހަރާކޮށްލުމުން އޭނާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވުނު ހާޝިމް ސަފިއްޔުއްދީން އަވަހާރަކޮށްލުމަށް ހަމަލާ ދިން ގޮތަށް ބަލާއިރު އީރާން ސިފައިންނާ މެދު ކުރެވޭ ތުހުމަތު ބޮޑުވެ ތަހުގީގެއް ފަށާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފި އެވެ.
"މިޑްލް އީސްޓް އައި" އިން އީރާނާއި ލުބްނާނާއި އިރާގުގެ އެކި އޮފިޝަލުންނާއި އީރާން ސިފައިންނާއި ހިޒްބުﷲ އާ ގުޅުން އޮންނަ އެކި ފަރާތްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ސަފިއްޔުއްދީން އަވަހާރަކޮށްލި ހަމަލާއަށް ފަހު އީރާން ސިފައިންގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ "ގެއްލިފައި" ވަނީ ނަސްރުﷲ ހުންނެވި ތަން އިޒްރޭލަށް އެނގުނު ގޮތުގެ ތަހުގީގަށް އޭނާ ބަންދުކުރުމުންނެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ނަސްރުﷲ އަވަހާރަކޮށްލީ އޭނާގެ ސިއްރު ބިންގަރާހުގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވަނިކޮށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގަ އެވެ. ގާނީ ލުބްނާނަށް ވަޑައިގަތީ އޭގެ ދެ ދުވަސް ފަހުން ހާލަތު ވަޒަންކުރެއްވުމަށެވެ. އެކަމަކު މި މަހުގެ ހަތަރު ވަނަ ދުވަހު ސަފިއްޔުއްދީން އަވަހާރަކޮށްލި ހަމަލާއަށް ފަހު ގާނީގެ ހަބަރެއް ނުވެ އެވެ.
ހަމަލާގައި ގާނީ ވެސް އަވަހާރަވެފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް ގުދުސް ފޯސްގެ ޑެޕިއުޓީ ކޮމާންޑަރު އިރާޖް މަސްޖިދީ ވަނީ ގާނީ ގަދަވެ ސަލާމަތުން އެބަ ހުންނެވި ކަމަށާއި މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އުފެދުނު ޝައްކުތަކާ އެކު ގާނީ އަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ އެޖެންޓެއް ކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު މިޑްލް އީސްޓް އައި އިން ބުނީ ސަފިއްޔުއްދީނާ އެކު ގާނީ ހުންނެވި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެއްވެސް ހަމަލާއެއްގައި އޭނާއަށް ގެއްލުމެއް ނުވާ ކަމަށެވެ.
ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބެލެވުނު ހާޝިމް ސަފިއްޔުއްދީން: އިޒްރޭލުން އޭނާ ވެސް އަވަހާރަކޮށްލާފައިވާ ކަމަށް ވަނީ ބެލެވިފައި.
އެކަމަކު، ނޫހުން އެކި އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ގާނީ ހުންނެވީ ތަހުގީގު ނިމެންދެން ބަންދުކޮށްފައި ކަމަށެވެ.
"އީރާން ސިފައިންގެ ތެރެއަށް އިޒްރޭލު ވަދެގެންފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އެބަ އުޅޭ. ހާއްސަކޮށް ލުބްނާންގެ ކަންކަމުގައި އުޅޭ މީހުންގެ ތެރޭ. އެހެންވެ މި ވަގުތު އެ އެންމެންގެ މައްޗަށް ދަނީ ތަހުގީގު ހިންގަމުން،" އީރާން ސިފައިންނާ ގުޅުން އޮންނަ ހަތިޔާރު އެޅި ޖަމާއަތެއްގެ ކޮމާންޑަރަކު ވިދާޅުވި ކަމަށް މިޑްލްއީސްޓް އައި އިން ބުނެފައިވެ އެވެ.
"އެއްވެސް ކަމެއް ޔަގީންކަމާ އެކު ބުނާކަށް މި ވަގުތަކު އަދި ނޭނގެ. ތަހުގީގު ދަނީ ކުރިއަށް. ކޮންމެ ގޮތަކަށް ވެސް އެކަން ހިނގައިދާނެ."
މިދިޔަ ދެ މަސް ދުވަހުގެ ތެރޭ އިޒްރޭލުން ވަނީ ހިޒްބުﷲގެ އިސް އެތައް ކޮމާންޑަރުންނެއް އަވަހާރަކޮށްލައިފަ އެވެ. ނަސްރުﷲ އަވަހާރަކޮށްލުމުން ދެން އޭނާގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ސަފިއްޔުއްދީން ވެސް ސިއްރު ތަނެއްގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމާ އެކު އީރާންގެ އިސް ކޮމާންޑަރުންނާ މެދު ޝައްކުތައް އުފެދުނެވެ.
ސަފިއްޔުއްދީން އަވަހާރަކޮށްލާފައިވަނީ ހިޒްބުﷲގެ ޝޫރާ ކައުންސިލްގެ ބައްދަލުވުމަކަށް ވަޑައިގަތުމާ އެކު ކަމަށާއި އެ ޕާޓީގެ އެންމެ އިސް ވެރިން ވެސް އެ ބައްދަލުވުމުގައި ހިމެނޭ ކަމަށްވެ އެވެ. އިޒްރޭލުގެ ބާރުގަދަ ހަމަލާ އައީ މީހުން އުޅޭ ސަރަހައްދެއްގައި ހުރި ސިއްރު ބިންގަރާސް ކޮޓަރިއެއްގައި އޮތް ބައްދަލުވުމަށް ސަފިއްޔުއްދީން ވަޑައިގަތްތާ "މަދު މިނެޓްކޮޅެއް" ފަހުން ކަމަށްވެ އެވެ. މީހުން އުޅޭ ހަތަރު އިމާރާތެއް ވެސް އެ ހަމަލާގައި ބިމާ ހަމަވި އެވެ.
ސަފިއްޔުއްދީނާއި އޭނާއާ އެކު ދެން ތިއްބެވި ބޭފުޅުންގެ ހަށިތައް ވެސް ހަމަލާ ދިން ތަނުން ހޯދޭ ގޮތް ވަނީ ނުވެފަ އެވެ. އިޒްރޭލުން ގެންދަނީ މީހުން ހޯދަން މަސައްކަތް ފަށާއިރަށް އެތަނަށް ހަމަލާ ދެމުންނެވެ.
ސަފިއްޔުއްދީން އަވަހާރަކޮށްލީ ގާނީ ލުބްނާނަށް ވަޑައިގެންތާ ދެ ދުވަސް ފަހުން ކަމަށް ވާއިރު ނަސްރުﷲ އަވަހާރަކޮށްލީ އީރާން ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އައްބާސް ނީލްފްރޫޝާން ލުބްނާނަށް ވަޑައިގެން، ނަސްރުﷲއާ ބައްދަލުކުރައްވަނިކޮށެވެ. ހަމަލާގައި އައްބާސް ވެސް އަވަހާރަވި އެވެ.
ސީރިއާގެ އޮޕަރޭޝަންތަކުގެ ވެރިޔަކަށް އައްބާސް ހަމަޖެއްސީ ސީރިއާގައި އިޒްރޭލުން އީރާންގެ ކޮންސިއުލޭޓަށް އޭޕްރީލް މަހު ހަމަލާދީ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރިޒާ ޒާހިދީ އަވަހާރަކޮށްލުމުންނެވެ.
ހަމަލާ ދިން ތަނަށް އައްބާސް ވަޑައިގަތީ ސީދާ އެއާޕޯޓުން ކަމަށާއި އާދަޔާ ހިލާފަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އަދި ސިއްރު ކޮޓަރިއަށް ނަސްރުﷲ ވަޑައިގަތީ އެހެން ތަނެއްގައި ހުންނެވުމަށް ފަހު އައްބާސްއާ ބައްދަލުކުރެއްވުމަށް، އައްބާސްއަށް ވުރެ ފަހުން ކަމަށް އެކި ފަރާތްތަކާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ. އެ ނޫހުން ބުނީ ހަމަލާ ދިނީ ނަސްރުﷲ ވަޑައިގަތުމާ އެކުއެކީގައި ކަމަށެވެ.
އީރާން ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އައްބާސް ނީލްފްރޫޝާން
"މިއީ އީރާން ފަޅިން އުޅޭ ސެކިއުރިޓީ ބްރީޗެއްކަން އެއީ 100 ޕަސެންޓް ޔަގީންކަމެއް. މިކަމުގައި ސުވާލެއް ނެތް،" ހިޒްބުﷲއާ ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ ބުނެފައިވެ އެވެ.
ސަފިއްޔުއްދީނަށް ހަމަލާ ދިނީ ޝޫރާ މަޖިލިސްގެ ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށް ވާއިރު އެ ބައްދަލުވުމަށް ވަޑައިގަތުމަށް ގާނީ އަށް އޮތީ ދައުވަތު ދީފައި ކަމަށާއި އެކަމަކު ވަޑައިގަނެވެން ނެތް ކަމަށް ފަހު ވަގުތު އެންގެވި ކަމަށްވެ އެވެ.
"އެކަމަކު މި ހާލަތުގައި މިއީ ގާނީ ބައިވެރިވެ ވަޑައިގަންނަވަންޖެހޭ ބައްދަލުވުމެއް،" ނޫހަށް ވާހަކަ ދެއްކި މީހާ ބުނެފައިވެ އެވެ.
އީރާން ސިފައިން ގައުމުން ބޭރުގައި ހިންގާ އޮޕަރޭޝަންތަކަށް ހާއްސަ ގުދުސް ފޯސްގެ ވެރިޔަކަށް ގާނީ އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ގާސިމް ސުލައިމާނީ 2020 ވަނަ އަހަރު އަވަހާރަކޮށްލުމުންނެވެ. އޭނާ އަވަހަރާކޮށްލީ އިރާގުގެ ވެރިރަށް ބަޣްދާދުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގަ އެވެ.
ނޫހުގައި ބުނެފައިވާ ގޮތުން އީރާނުން އިޒްރޭލަށް މައުލޫމާތު ލިބެނީ އީރާން ސިފައިންގެ ތެރެއިން ކަމަށް ޔަގީނާ ގާތަށް އެނގޭތީ މިހާރު ކުރަމުންދަނީ އިޒްރޭލަށް އެހީވަނީ ކޮން ބައެއްތޯ ކަށަވަރުކުރުމުގެ މަސައްކަތެވެ.
އީރާންގައި ވައިގެ ދަތުރުތަކުގައި ޕޭޖަރާއި ވޯކީޓޯކީ މަނާ
އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލައިފި
އިޒްރޭލް-ހިޒްބުﷲ ހަނގުރާމަ މިހާރު ނިމެނީ: އެމެރިކާ
ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލަން ހުއްދަ ދިނީ ނަތަންޔާހޫ
ހިޒްބުﷲ އަށް އާ ވެރިއެއް، އިޒްރޭލުން ދިނީ މުހުލަތު
ހިޒްބުﷲގެ ފައިސާ އާއި ރަނުގެ ބިންގަރާހެއް ގޮއްވާލައިފި
ނަތަންޔާހޫގެ ގެޔަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް
ނަސްރުﷲ އޮތީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި
ހިޒްބުﷲގެ ގޮއްވާލި ވޯކީޓޯކީތައް ގެންގުޅޭތާ 9 އަހަރު
ހިޒްބުﷲގެ ވެރިޔާއަށް ވެދާނެ ސަފިއްޔުއްދީން ގެއްލިއްޖެ