08 އޮކްޓޯބަރ 2024
ޓީޗަރެއްގެ ގޮތުގައި، ތައުލީމީ ދާއިރާއަށް ހިދުމަތްކުރުމަކީ ފަތުހުﷲ އަހްމަދު ރަޝީދު ހިތަށް ވެސް އެރި ކަމެއް ނޫނެވެ. ޓީޗަރުން ތަމުރީންކުރުމާއި ޓީޗަރުންނަށް ކިޔަވައިދިނުމަކީ އޭނާގެ ހުވަފެނެއް ނޫނެވެ. ރަށްރަށަށް ދަތުރުކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިނިތުންވުން ހޯދައިދޭ ޓީޗަރަކަށް ވުމަކީ އޭނާ އުއްމީދު ކުރި ހިސާބެއް ވެސް ނޫނެވެ.
ޓީޗަރެއްގެ ގޮތުގައި، ތައުލީމީ ދާއިރާއަށް ހިދުމަތްކުރުމަކީ ފަތުހުﷲ އަހްމަދު ރަޝީދު ހިތަށް ވެސް އެރި ކަމެއް ނޫނެވެ. ޓީޗަރުން ތަމުރީންކުރުމާއި ޓީޗަރުންނަށް ކިޔަވައިދިނުމަކީ އޭނާގެ ހުވަފެނެއް ނޫނެވެ. ރަށްރަށަށް ދަތުރުކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިނިތުންވުން ހޯދައިދޭ ޓީޗަރަކަށް ވުމަކީ އޭނާ އުއްމީދު ކުރި ހިސާބެއް ވެސް ނޫނެވެ.
އޯ ލެވެލް ނިންމައި ބޭނުންވީ އިންޖިނިއަރިންގެ ދާއިރާ އިން ކުރިއަށް ދިއުމަށެވެ. ކޯހެއް ވެސް ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން ފަތުހުﷲ ތައުލީމީ ދާއިރާއަށް ވަދެވުނު ގޮތަށް އެ ދާއިރާ މާބޮޑަށް ޝައުގުވެރިވީ އެވެ.
އެކަމަކު މިހާރު އޭނާ އަކީ ދަރިވަރުންނާއި ޓީޗަރުންގެ ޓީޗަރެވެ.
އިހަވަންދޫ ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަގާމު ފުރުއްވާ، އެ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުން ނަމަ "ފަތޭ ސާ" އަކީ ދިވެހި ކިޔަވައިދިނުމުގެ ދާއިރާއިން ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހުނަރުވެރި ޓީޗަރެކެވެ. ތައުލީމީ ދާއިރާގެ ހިދުމަތުގައި އޭނާ އުޅުއްވާތާ 16 އަހަރު ވެއްޖެ އެވެ.
ފަތުހުﷲ އަހުމަދު ރަޝީދުގެ ދަރިވަރުންނާ އެކު
އޭނާ ވިދާޅުވީ ދިވެހި ބަހަށް ޝައުގުވެރިކަން އުފެދުނީ، ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އަދަބީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުން ކަމަށެވެ. އެ ހިސާބުން އޭނާގެ ސިކުނޑީގައި ކުރިއަށްދާންވީ ރޮނގު ނިންމައި ދިވެހި ބަހުގެ ޑިގްރީއަށް ކިޔަވަން މާލެ ބަދަލުވީ 2009ގަ އެވެ.
އޭރު މައުލޫމާތު ހޯދުމަށާއި މުބާރާތްތަކަށް ތައްޔާރުވުމަށް ފޮތް ކިޔަން ފެށުމުން ބަހަށް ލޯބި ޖެހި، ބަސް ދިރާސާކޮށް ބަހުގެ ދާއިރާއިން ކުރިއަށްދާން އޭނާ ޝައުގުވެރިވީ އެވެ.
"ބަހުގެ ޑިގްރީ ކޯހަކީ ބަހުގެ ދާއިރާއަށް ވަރަށް ރަނގަޅަށް ލޯ ހުޅުވައިދޭ ކޯހެއް. ބަހާ ގުޅޭގޮތުން މުޅިން އެހެން ނަޒަރިއްޔާއަކުން ވިސްނަން ފުރުސަތު ފަހިކޮށްދޭ ކޯހެއް. އެ ކޯހުގައި ކިޔެވި މާއްދާތަކުން އެންމެ ގަޔާވީ ފޮނެޓިކްސް އެންޑް ފޮނޮލޮޖީގެ އިލްމަށް،" އޭނާ ވިދާޅުވި އެވެ.
"ޑިގްރީގައި އުޅުނު ތިން އަހަރު، ފުލް ޓައިމް ކޯހެއްވީމަ ރަސްމީކޮށް ސްކޫލަށް ގޮސް ކިޔަވައި ނުދެން، ނަމަވެސް ސެންޓާ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަންގެ ސެކަންޑް ޗާންސް ޕްރޮގުރާމްގެ ދަށުން ބޮޑެތި މީހުންނަށް ކިޔަވައިދިނިން އޭރު ވެސް އަޅުގަނޑަށް ވުރެ އުމުރުން ދޮށީ މީހުންނަށް އޭރު ކިޔަވައިދިނިން."
ފަތުހުﷲ އަހުމަދު ރަޝީދު ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި.
ޑިގްރީ ނިންމުމަށް ފަހު އިހަވަންދޫ ސްކޫލްގެ ދިވެހި ޓީޗަރެއްގެ ގޮތުގައި އޭނާ ކިޔަވައިދޭން ފެށީ 2012ގަ އެވެ.
އޭނާ ވަނީ ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް އޮފް އެޑިޔުކޭޝަން ނިންމައި އޭގެ ފަހުން ބަހުގެ ދާއިރާއިން ދެ މާސްޓާސް ފުރިހަމަކުރައްވައިފަ އެވެ. އެއީ މާސްޓާސް އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗާ އަދި މާސްޓާސް އޮފް ދިވެހި ލޭންގުއޭޖް ޓީޗިން އެވެ.
އެ ކޯސްތަކުން އެއް ވަނައާ އެކު ތިން ފަހަރެއްގެ މަތިން ރައިސް ދެއްވާ ހާއްސަ އިނާމު ވެސް ފަތުހުﷲ އަށް ލިބުނެވެ.
ފަތުހުﷲ ވިދާޅުވި ގޮތުގައި ޓީޗަރަކަށް ވުމަކީ އޭނާގެ މަންމަގެ ހުވަފެނެކެވެ. އެއީ އޯ ލެވެލް ނިންމުމަށް ފަހު އޭނާ ކުރިއަށް ދާން ބޭނުންވީ ދާއިރާއެއް ނޫނެވެ. ރަށު ސްކޫލުގައި ވަގުތީ ޓީޗަރެއްގެ ގޮތުގައި ދެ އަހަރު ހިދުމަތް ކުރުމަށް ފަހު، ދާއިރާއަށް ހާއްސަވާން މާލެ ބަދަލުވީ 2004 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަތުހުﷲ އަހުމަދު ރަޝީދު ދަރިވަރުންތަކަކާ އެކު.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ބޭނުންވީ ދިވެހިބަހުގެ ދާއިރާއިން ހާއްސަވާށެވެ. އެ ދުވަސްވަރު ބަހުގެ ދާއިރާގެ ކޯސްތައް މެދުކެނޑިފައި އޮތުމުން ޓީޗަރަކަށް ވާން ދެވެން އޮތް ފަސޭހަ މަގު ހިޔާރުކުރީ ތަމުރީން ވެގެން ކުލާސްތަކަށް ވަނުމުގެ މުހިއްމުކަން ވިސްނިގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ހެދީ ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭން "ޑިޕްލޮމާ އިން ޓީޗިން" ކޯހެކެވެ.
ކޯސް ނިންމައި ރަށަށް ބަދަލުވެ ސެކަންޑަރީ ހިސާބު ޓީޗަރެއްގެ ގޮތުގައި ދަރިވަރުން އޯ ލެވެލްއަށް ތައްޔާރުކުރަން ފެށި އެވެ. އޭނާ އޯ ލެވެލްއަށް ކިޔަވައިދިން ދެ އަހަރު ވެސް ކިޔަވައިދިން ދަރިވަރުންގެ ސަތޭކަ ޕަސެންޓު ހިސާބުން ފާސްކުރުވި އެވެ.
"ހިސާބު ޓީޗަރަކަށް އުޅުނު އިރު ވެސް ޖެހޭނެ ސްކޫލު މުބާރާތްތަކާއި އަތޮޅު ފެންވަރާއި ޒޯން ފެންވަރުގައި ބާއްވާ މުބާރާތްތަކަށް ކުދިން ތައްޔާރުކުރަން. އޭރު ބޮޑަށް އޮންނާނީ ލިޔުންތެރިކަމުގެ މުބާރާތްތަކާއި ވާހަކަދެއްކުމުގެ މުބާރާތްތައް،" އޭނާ ވިދާޅުވި އެވެ.
ފަތުހުﷲ އަހުމަދު ރަޝީދު މާލޭގެ ބައެއް ސްކޫލުތަކުގެ ދަރިވަރުންނާ އެކު.
އޭނާ ތައުލީމީ ދާއިރާއަށް އޮންނަނީ އާދަޔާ ޚިލާފު ޝައުގުވެރި ކަމެކެވެ. ހަފުތާ ބަންދުގައި ފަތުހުﷲ ގެންދަވަނީ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ހިލޭ ސާބަހަށް ދިވެހި ބަހުގެ ކްލާސްތައް ނަންގަވައިދެއްވަމުންނެވެ. ސްޓަޑީ ބްލޮކްތަކާއި ސްޓަޑީ ކޭމްޕުތައް ހިންގަވައިދެއްްވަން ވެސް އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.
"ވަގުތު ލިބިގެންނެއް ނޫން، ވަގުތު ހޯދައިގެން ކުރާ ކަމެއް. ހަގީގަތުގައި ވަރަށް ބުރަ ކަމެއް. ސްކޫލުގައި އެހާ ބުރަކޮށް އުޅެފައި ލިބޭ ހަފުތާ ބަންދަށް ރަށުން ބޭރަށް ދާން ޖެހުން އެއީ. ނަމަވެސް، ކުރާ ހިތުން ކުރާ ކަމެއްވީމަ އެކަން ބުރައަކަށް ނުވޭ. ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވުނީމަ އެ ބުރަކަން ހިތަކަށް ނާރާ،" އޭނާ ވިދާޅުވި އެވެ.
އިހަވަންދޫ ސްކޫލުގެ ދިވެހި ޑިޕާޓުމަންޓު ވެސް ބަލަހައްޓަވަމުންދާ ފަތުހުﷲ އިސްވެ ހުންނަވައިގެން އެ ރަށުގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އިމަގުގައި ޓީޗަރުންގެ ޕޫލެއް އެކުލަވައިލައި އެ ޕޫލުގެ ދަށުން "އިމަގު މަންސަފާ"ގެ ނަމުގައި މުޅި ރާއްޖެއަށް ހިލޭ ސާބަހަށް ސްޓަޑީ ކޭންޕްތަކެއް ވެސް ހިންގަ އެވެ.
އަދި އެ ޕްރޮގުރާމުގެ ދަށުން ޓީޗަރުންނާ އެކު ވެސް ސްކޫލުތަކަށް ވަޑައިގެން ގަޑިތައް ނަންނަގަވައި ދެއްވަ އެވެ.
ފަތުހުﷲ އަހުމަދު ރަޝީދު ދަރިވަރުންތަކަކަށް ކްލާހެއް ނަންގަވައިދެއްވަނީ
އޭނާގެ ފޭސްބުކްގައި ވެސް ޓީޗަރުންނާއި ދަރިވަރުންނަށް ބޭނުންތެރި ތަފާތު ލިޔުންތަކާއި މައުލޫމާތުތައް އާއްމުކުރެ އެވެ. އަމިއްލަ ބްލޮގަކާއި އަމިއްލަ ވެބްސައިޓެއް ވެސް ހިންގަވަ އެވެ. ފަތުހުﷲ ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2022ވަނަ އަހަރު ހާސިލްކުރައްވައިފަ އެވެ.
ދިވެހިބަހަށް ދަރިވަރުންނާއި ޓީޗަރުން އަހުލުވެރިކޮށް ބަހަވީ ދިރާސާތައްކޮށް ލިޔުންތެރިކަމުގެ ފަންނުތައް ދަސްކޮށްދިނުމުގައި އޭނާ ފާހަގަކޮށްލެވެ އެވެ. ދިވެހިބަހާއި ގުޅުން ހުރި ކޯސްތަކުގައި އެމްއެންޔޫގެ އިތުރުން ވިލާ ކޮލެޖުގައި ވެސް ބައެއް މާއްދާތައް އޭނާ ކިޔަވައިދެއްވަ އެވެ. ޓީޗަރުކަމުގެ ބުރަ ޒިންމާއާ އެކު ފަތުހުﷲ ގެންދަވަނީ ރާއްޖޭގެ ބައެއް ނޫސްތަކަށް ވާހަކަ އާއި ބަހާއި ގަވާއިދާއި ތާރީހާ ގުޅޭ ތަފާތު ލިޔުންތައް ވެސް ލިޔުއްވަމުންނެވެ.
ފަތުހުﷲ އަހުމަދު ރަޝީދު އާއިލާއާ އެކު.--
ޓީޗަރުންނަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި ކޮލެޖު ޔުނިވާސިޓީ ތަކުގައި ބަހުގެ މާއްދާތައް ވެސް ކިޔަވައިދެއްވާ ފަތުހުﷲ ވިދާޅުވީ ޓީޗިން ދާއިރާއަށް ޒުވާނުން އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަތް ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާ ވަނީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ވެސް ފާޅުކުރެއްވި އެވެ.
ޓީޗަރުންގެ ގޮތުގައި ދާއިރާގާއި ތިއްބެވި ރަނގަޅު، ހަރުދަނާ ޓީޗަރުން ދާއިރާގައި ތިބޭނެ ގޮތެއް ހެއްދެވުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުކުރުމަކީ ކުރަން ޖެހިފައި އޮތް މަސައްކަތެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ނޫނީ މިހާރު ތިއްބެވި ގިނަ ޓީޗަރުން ދާއިރާ ދޫކޮށް ދިޔުން އޮތީ މާދުރުގައި ނޫން ކަމަށެވެ.
"މައްސަލައަކީ ހަމައެކަނި މުސާރައެއް ނޫން. އާދަޔާ ހިލާފަށް ބުރަވުން. އެހެން ދާއިރާތަކުން ލިބޭ ފަންނީ ކުރިއެރުމާއި އިނާޔަތްތައް މި ދާއިރާއިން ނުލިބުން. އުސޫލުތަކާއި ގަވާއިދުތަކުގައި ތާށިވެ ތަޅުލެވިފައިވުން. ޓީޗަރަކަށްވާތީ އޭ ބުނެ އެ ޓެގް އަޅުވައިފައި ކިޔާ ލިސްޓެއް އޮތުން،" އޭނާ ވިދާޅުވި އެވެ.
ފަތުހުﷲ އަހުމަދު ރަޝީދު ދިވެހި ބަހުގެ އެކަޑަމީގެ ބޭފުޅުންނާ އެކު.
"އިންޖިއަނަރަކަށް ދެން ނުވާނެ. ޓީޗިން ދާއިރާ ނޫން ދާއިރާއަކުން ފެންނަ ނަމަ މިހާރު އެންމެ ބޮޑަށް ފެންނާނެ ހެން ހީވަނީ ނޫސްވެރިކަމުގެ ދާއިރާއިން،" އޭނާ ވިދާޅުވި އެވެ.
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ހަމަޖައްސަނީ
ސުލްތާނާ މިސްގެ ވަދާއީ ސަލާން؛ އެންމެން ރޮއްވާލައިފި