Roadha Mihaaru
މެކްސިކޯގައި ފުރަތަމަ ފަހަރަށް އަންހެން ރައީސެއް

މެކްސިކޯގެ ފުރަތަމަ އަންހެން ރައީސް ޝެއިންބައުމް ހުވާކުރައްވައިފި

02 އޮކްޓޯބަރ 2024

މެކްސިކޯގެ ތާރީހުގައި ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި އިންތިހާބު ކުރި ކްލައުޑިއާ ޝެއިންބައުމް މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މެކްސިކޯގެ ތާރީހުގައި ފުރަތަމަ އަންހެން ރައީސްގެ ގޮތުގައި އިންތިހާބު ކުރި ކްލައުޑިއާ ޝެއިންބައުމް މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ސައިންސްވެރިއެއްގެ ގޮތުގައި ތަމްރީން ވެފައިވާ، ޝެއިންބައުމް ވަނީ މިދިޔަ ޖޫން މަހު ބޭއްވި ރިޔާސީ އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވައިފަ އެވެ.

އޭނާ ވަނީ މެކްސިކޯގެ ކުރީގެ ރައީސް އަދި ގާތް އެކުވެރިއެއް ކަމަށްވާ އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯގެ ވައިތު ފިޔައިގެ އިސްލާހީ އެޖެންޑާ ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް އޮބްރަޑޯ ވެރިކަމުން ފައިބައިވަޑައިގެންނެވީ، އެންމެ ގިނައިން ވެރިކަމުގައި ހުންނެވޭ ހަ އަހަރުގެ ދައުރު ފުރިހަމަ ކުރައްވައިފަ އެވެ.

މެކްސިކޯގެ ރައީސްކަމަށް ޝެއިންބައުމް އިންތިހާބުވެވަޑައިގެންނެވީ، އޮބްރަޑޯގެ ފުރިހަމަ ތާއީދާ އެކު އެވެ.

ޝެއިންބައުމް ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، މެކްސިކޯގެ ގޭންގުތަކާއި ޑްރަގު ވިޔަފާރީގެ ސަބަބުން ކުށްކުރުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މިގޮތުން، 2006 ވަނަ އަހަރުން ފެށިގެން މެކްސިކޯގައި 450،000 އަށް ވުރެ ގިނަ މީހުން މަރާލައި، 100،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

އޮބްރަޑޯ އެކޭ އެއް ފަދައިން، ޝެއިންބައުމް ވެސް ވަނީ ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި، އިޖުތިމާއީ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ކުށުގެ ވެށީގައި ތިބި ޒުވާނުންނާއި ކުޑަކުދިން އިސްލާހުކުރުމުގެ ސިޔާސަތު އިސްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.