Roadha Mihaaru
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"

އިޒްރޭލުގެ ހަމަލާތަކުގައި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ: ލުބްނާން

30 ސެޕްޓެމްބަރ 2024

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ ބަލިކަށިކޮށްލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، މިހާތަނަށް ލުބުނާންގެ މިލިއަނަކަށް ވުރެ ގިނަ އާންމު ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި އެ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމަށް ފަހު، އިޒްރޭލުން އަދިވެސް ދަނީ ހުއްޓުމެއް ނެތި ލުބްނާނަށް ވައިގެ ހަމަލާތައް ފޮނުވަމުންނެވެ.

އެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބްނާންގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަރުވި މީހުންގެ އިތުރުން، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ލުބްނާންގެ ބޮޑުވަޒީރު ނަޖީބް މިކާޓީ ވިދާޅުވި އެވެ.

މިއީ މިކާޓީ ވިދާޅުވި ގޮތުގައި، ލުބްނާންގެ ތާރީހުގައި ފެނިފައި ނުވާ ފަދަ ނިކަމެތި ހާލެތެކެވެ.

ލުބްނާންގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރަން ސައުދީ އަރަބިއްޔާ އިން ވަނީ ނުސީދާކޮށް އިޒްރޭލަށް ގޮވާލައިފަ އެވެ.

ލުބްނާންގެ އިތުރުން، ހޫތީންނަށް އަމާޒުކޮށް ޔަމަނަށް ވެސް އިޒްރޭލުން ދަނީ ޑްރޯން ހަމަލާތައް ދެމުންނެވެ.

ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ.

ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.