Roadha Mihaaru
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟

ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟

29 ސެޕްޓެމްބަރ 2024

އޭނާ އަކީ މެޑިކަލް ޑޮކްޓަރެއް ނޫނެވެ. އެކަމަކު އޭނާ އަކީ މުޅި އައްޑޫ އަތޮޅު އެ މީހަކަށް ފަހުރުވެރިވާ އެ މީހުންގެ އެންމެ މަޝްހޫރު 'ޑޮކްޓަރެވެ.' ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކު އައްޑޫ އަތޮޅުގައި ވެސް މަދުވާނެ އެވެ. އަދި ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކީ އައްޑޫ މީހެއް ވެސް ނޫނެވެ. މިއީ އެ މީހުންގެ ތެރޭގައިވީ ލެޖެންޑުންގެ ލެޖެންޑެކެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

އޭނާ އަކީ މެޑިކަލް ޑޮކްޓަރެއް ނޫނެވެ. އެކަމަކު އޭނާ އަކީ މުޅި އައްޑޫ އަތޮޅު އެ މީހަކަށް ފަހުރުވެރިވާ އެ މީހުންގެ އެންމެ މަޝްހޫރު 'ޑޮކްޓަރެވެ.' ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކު އައްޑޫ އަތޮޅުގައި ވެސް މަދުވާނެ އެވެ. އަދި ޑޮކްޓަރު ދޮންތުއްތު ނޭނގޭ މީހަކީ އައްޑޫ މީހެއް ވެސް ނޫނެވެ. މިއީ އެ މީހުންގެ ތެރޭގައިވީ ލެޖެންޑުންގެ ލެޖެންޑެކެވެ.

ސ. ފޭދޫ، ދިލްކަޝްވިލާގެ 'މެދުވާތަށް' އޮތީ ކަށިވެލި ލައިފަ އެވެ. ފެހިކަން ގަދަ ގަސްތަކުގެ ތެރޭގައި ކޮންމެވެސް މީހަކު އެބަ އުޅެ އެވެ. އެއީ އަދި ޑޮކްޓަރު ދޮންތުއްތުއެއް ނޫނެވެ. ގަސްތަކުގެ ތެރެއިން ބޯދިއްކޮށް ބަލައިލީ ބިދޭސީ އެކެވެ. އެއީ ޑަރޯގާއެކެވެ. މި ގޭގެ ބަގީޗާ ބަލަހައްޓާ މީހާ އެވެ.

އޭނާ އިޝާރާތްކޮށްލީ ގޭގެ މައި ދޮރާ ދިމާލަށެވެ. އެ ވަގުތު އެ ދިމާލުގައި ހުއްޓި އަހަރެމެންނާ ދިމާލަށް ބަލަހައްޓައިގެން ހުރި މުސްކުޅި ފިރިހެނަކު ފެނެ އެވެ. އެއީ ޑޮކްޓަރު ދޮންތުއްތެވެ. ހަޔާތުގެ ވާހަކަތައް ކިޔައިދޭން އޭނާ އެހެރީ ދޮރު ހުޅުވައި ހިނިތުންވެލައިގެންނެވެ.

އެތެރެއަށް ވަދެގެން ގޮސް ދޮންތުއްތު ޖައްސާލީ އޭނާގެ ރަސްމީ ސޯފާގަ އެވެ. ގަޑިން މެންދުރު 12 ޖަހަނީ އެވެ. އުމުރުން 88 އަހަރުގެ ދޮންތުއްތު އެންމެ ފުރަތަމަ ވެސް ބުނީ 'މި އުޅެނީ ޓީވީން އެއްވެސް އެއްޗެއް ނުފެނިގެން.' އެވެ. އެ ޓީވީއާ ދިމާލަށް ކަޅިއެއް އެއްލައި ބަލައިލިއިރު މީޑިއާނެޓު ނުލިބިގެން ޓީވީ އިނީ ފޫހިވެ، ނިވިފަ އެވެ.

ޓީވީ ބަހައްޓާފައި ހުރި ރެކު ފުރާލާފައި ވަނީ ދޮންތުއްތުގެ ދަރިންނާއި ކާފަދަރިންގެ ފޮޓޯތަކުންނެވެ. އަދި މުޅި ދިލްކަޝްވިލާގޭ ސިޓިންރޫމު ޒީނަތްތެރިކޮށްލާފައި ވަނީ ދޮންތުއްތާއި އޭނާގެ ދަރިންގެ ދަރިންގެ ފޮޓޯތަކުންނެވެ. ނުވަތަ ސިއްހީ ދާއިރާ އަށް މެދުނުކެނޑި 50 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން އަރުވާފައިވާ ހަނދާނީ ފިލާތަކާއި އައްޑޫގެ އަމިއްލަ ފަރާތްތަކުން އަރުވާފައިވާ ޝަރަފުގެ ފިލާތަކުންނެވެ.

ދޮންތުއްތުގެ ޓީވީގައި ވަނީ ނޯސިގްނަލް: އެކަމަކު ޓީވީ ރެކުގައި ވަނީ ދަރިންގެ ހަނދާންތައް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތުގެ ޓީވީގައި ވަނީ ނޯސިގްނަލް: އެކަމަކު ޓީވީ ރެކުގައި ވަނީ ދަރިންގެ ހަނދާންތައް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ގޭގެ ސިޓިންރޫމުގެ ސޯފާގައި. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ގޭގެ ސިޓިންރޫމުގެ ސޯފާގައި. -- މިހާރު ފޮޓޯ: އަލީ ނާސިރު

މީގެ 83 އަހަރު ކުރިން ގަމުގައި މިލިޓަރީ ބޭހެއް އަޅައިގެން ތިބި އިނގިރޭސި ސިފައިންގެ އޮފިސަރުންނާ އެކު ޒުވާން ދޮންތުއްތު ނަގާފައިވާ ވަރަށް ބައިވަރު ފޮޓޯތައް ވެސް ފްރޭމުކޮށް ފާރުތަކުގައި ހަރުކޮށްފައި ހުއްޓެވެ. އައްޑޫ އަތޮޅުގެ ތާރީޚު ކިޔައިދޭ ފޮޓޯތަކުގެ ދާރުލްއާސާރެއްހެން ސިފަވެގެން ދިލްކަޝްވިލާގެ ބަލައި ނިމުމާ އެކު ދެން އެ ފެށުނީ ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އެވެ.

"އަޅުގަނޑުގެ ކިތާބީ ނަމަކީ އިބްރާހިމް ހަލީލް. އެކަމަކު މި ރަށި އިބްރާހިމް ހަލީލް އަކީ ކާކުކަމެއް ނޭނގޭނެ އެއްވެސް މީހަކަށް އަދި އެހެން ބުނެލާއިރަކަށް. އާންމުކޮށް މީހުންނަށް އެނގޭނީ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ. މުޅި މި އަތޮޅުގެ އެންމެނަށް ވެސް އެނގޭނީ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ،" ފެންތައްޓެއް ގެނެސް ކަރު ތެންމާލައިގެން ދޮންތުއްތު ސުމަކުން ފަށައިގަތެވެ.

ދެން ކިޔައިދޭން ފެށީ އިބްރާހިމް ހަލީލްގެ އޭނާ އަށް ދޭން ޖެހުނު ސަބަބެވެ.

"ވީގޮތަކީ 1988 ވަނަ އަހަރު އަޅުގަނޑު ހައްޖަށް ދާން ވެގެން ޕާސްޕޯޓް ހައްދަން ދިޔައީމަ ދޮންތުއްތޫގެ ނަމަކަށް ޕާސްޕޯޓެއް ނެހެއްދުނު. ބުނެފި އަރަބި ނަމަކަށޭ ޕާސްޕޯޓް ހެއްދޭނީ،" ދޮންތުއްތު އޭނާގެ ސޯފާގައި ހަމަޖެހިލި އެވެ.

އަހަރެން ހަމަޖެހިލީ އޭނާގެ ވާހަކައިގެ ތެރޭގަ އެވެ. އޭނާގެ ކިތާބީ ނަމާއި ވަނަމާއި އާންމު ނަމާއި ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދޮންތުއްތުގެ އެތައް އެތައް ނަމެއްގެ ތެރޭގަ އެވެ.

"ދެން ޕާސްޕޯޓް ހައްދަން ދިޔައީމަ ނަމެއް ހޯދަން ޖެހިގެން ބަލަން ފެށީ ކޮން ނަމެއްގަ ތޯ ޕާސްޕޯޓް ހައްދާނީ. ދެން އަޅުގަނޑު މަދަރުސާ އަށް ދިޔަ ދުވަސްވަރު މަދަރުސާ އިން އަޅުގަނޑަށް ދީފައި އޮތް ނަމަކީ އިބްރާހިމްފުޅު. ދެން އިބްރާހިމް ފުޅުގެ ބަދަލުގައި އިބްރާހިމް ހަލީލްގެ ނަން އެންމެ ފަހުން އަޅުގަނޑުގެ ކިތާބީ ރަސްމީ ނަމަކަށް ހަމަޖެހިގެން ދިޔައީ،" ހައްޖަށް ދާން ޕާސްޕޯޓް ހަމަޖެހުނީ އެ ހިސާބުންނެވެ.

"އެކަމަކު އަޅުގަނޑުގެ އަމާއި ބައްޕާމެން އަޅުގަނޑަށް ކިޔައި އުޅުނު ނަމަކީ ދޮންތުއްތު. ސަބަބަކީ އަޅުގަނޑު މިއީ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު. އެހެންވީމަ ދޮންތުއްތު ކިޔައި އުޅުނީ ލޯބިން. އެކަމަކު ތިލަދުންމަތިން ފަށައިގެން އައްޑޫއާ ހަމަ އަށް އުޅޭނެ ޑޮކްޓަރު ދޮންތުއްތުއޭ ބުނީމަ އެއީ ކާކުކަން ދަންނަ މީހުން. ހުރިހާ ބައްޔަކަށް ވެސް، ހުރިހާ މައްސަލައަކަށް ވެސް ފަރުވާ ކުރި ޑޮކްޓަރެއް އަޅުގަނޑަކީ."

ދޮންތުއްުތު ދިރިއުޅޭ ދިލްކަޝްވިލާގެ ސިޓިންރޫމް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްުތު ދިރިއުޅޭ ދިލްކަޝްވިލާގެ ސިޓިންރޫމް. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭއިރު ކައިރީގައި އަންހެނުން ހަދީޖާ މަޑުކޮށްލައިގެން: ދެ މީހުން ކައިވެނިކުރީ 1968 ވަނަ އަހަރު.  -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭއިރު ކައިރީގައި އަންހެނުން ހަދީޖާ މަޑުކޮށްލައިގެން: ދެ މީހުން ކައިވެނިކުރީ 1968 ވަނަ އަހަރު. -- މިހާރު ފޮޓޯ: އަލީ ނާސިރު

އޭނާ އަކީ އޭރު އަދި ސަރުކާރުގެ ވެސް އެއް ވަނަ ހޮވުމެވެ. މެޑިކަލް ޑޮކްޓަރުން ނެތް ރާއްޖެއެއްގައި ހުރި އެފަދަ ދެ ވަނައެއް ނެތް ތަޖުރިބާކާރެކެވެ.

"ކޮލެރާ ރޯގާގެ ދުވަސްވަރު ސަރުކާރުން އަންގައިގެން ފުވައްމުލަކާއި ހުވަދޫ އަތޮޅުގެ ރަށްތަކަށް ގޮސް ވެސް ބޭސްކުރިން. ބަލަ ވަރަށް މަދުވާނެ އޭރު އަސްލު ޑޮކްޓަރުން ރާއްޖޭގައި. އަޅުގަނޑު ހަނދާންވަނީ ރާއްޖޭގައި އޭރު ތިބީ ދިވެހި ދެ ޑޮކްޓަރުންހެން."

އުމުރާއި ސިއްހަތަށް ބަލާފައި ދޮންތުއްތުގެ ހަނދާން ވެސް ވަރަށް ގަދަ އެވެ. އެންމެ ރަނގަޅެވެ. އެކަމަކު މިވަރުގެ ބޮޑު 'ލެޖެންޑަކަށް' ދޮންތުއްތު ބަދަލުވީ ކިހިނެތް ހެއްޔެވެ؟ ޑޮކްޓަރަކަށް ނުވެ އޭނާ ޑޮކްޓަރަކަށްވީ ކިހިނެތް ހެއްޔެވެ؟

"ބަލަ އަޅުގަނޑު އެންމެ ފުރަތަމަ އުޅުނީ ފިހާރައެއްގައި ކޭޝިއަރަކަށޭ. އަދި ހުރެބަލަ. ދެން ވީ ގޮތް ކިޔައިދޭނަމޭ،" އަޅުގަނޑުގެ ސުވާލުތައް މާ ގިނަވާން ފެށުމުން ދޮންތުއްތުގެ ވާހަކައާ އެކު ގޮވައިގެން ގެންދިޔައީ މާ ބޯދާ ޒަމާނަކަށެވެ.

އެއީ އިނގިރޭސި ސިފައިންގެ ވައިގެ އަސްކަރީ މަރުކަޒެއް ގަމުގައި ތަރައްގީކުރަންވެގެން އެ ރަށުން މީހުން ބާލަން ފެށި ދުވަސްވަރެވެ. ދޮންތުއްތު ބުނީ އޭރު އޭނާ އަށް ވާނީ ފަސް ވަރަކަށް އަހަރު ކަމަށެވެ. އޭގެ ފަހުން އަލުން އެނބުރި ގަމަށް ދިޔަ ހަނދާންތައް ވެސް ކިޔައިދިނެވެ. އެއަށް ފަހު އިނގިރޭސި ސިފައިންނަށް ގަން ކުއްޔަށް ދިނުމާ ގުޅިގެން އަނެއްކާވެސް ގަމުން މީހުން ބޭލި ގޮތް ވެސް ކިޔައިދިނެވެ.

"ގަމުން އެ ފަހަރު މީހުން ބޭލުން ކުރިއަށް ގެންދިޔައީ ސްޓޭޖު ސްޓޭޖަށް ބަހާލައިގެން. އެގޮތަށް ގަމުން ބޭލިއިރު އަޅުގަނޑު އުޅުނީ ގަމުގައި ރައްޓެއްސެއްގެ ގެއެއްގައި. އޭރު އަޅުގަނޑުގެ އާއިލާ މީހުން ވެސް ގަމުން ފައިބައިފި،" ނަމަވެސް ގަމުގައި ވަޒަންވެރިވި ސިފައިންގެ އެކި މަސައްކަތްތަކަށް އައްޑޫގެ ރަށްތަކުން މީހުން ނަގަން ފެށުމުން ދޮންތުއްތު އަށް ވެސް ލިބުނީ ރަނުގެ ފުރުސަތެކެވެ.

އުމުރުން ވިއްސަކަށް އަހަރުގައި އޭނާ އަށް ލިބުނީ ތަރުޖަމާނެއްގެ ވަޒީފާ އެވެ.

ދޮންތުއްތު ގަމުގައި އިނގިރޭސި ސިފައިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު ގަމުގައި އިނގިރޭސި ސިފައިންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ ރާއްޖެ ވަޑައިގެންނެވިއިރު އެ ރަސްމިއްޔާތުގެ ތެރޭގައި ދޮންތުއްުތު (މ) -- މިހާރު ފޮޓޯ: އަލީ ނާސިރު

އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ ރާއްޖެ ވަޑައިގެންނެވިއިރު އެ ރަސްމިއްޔާތުގެ ތެރޭގައި ދޮންތުއްުތު (މ) -- މިހާރު ފޮޓޯ: އަލީ ނާސިރު

"އެ ވަޒީފާ އެމީހުންގެ ހެލްތު ސެންޓަރެއްގައި އޮތްކަން އެނގުނުއިރު އަޅުގަނޑު އުޅުނީ ފިހާރައެއްގައި ކޭޝިއަރަކަށް. ދެން ހަމަ ވަގުތުން ކޭޝިއަރުކަން ދޫކޮށްލާފައި ދިޔައީ ތަރުޖަމާނަކަށް ވާން،" ދޮންތުއްތު ބުނީ މިއީ އޭނާ މެޑިކަލް ސްކޫލަކަށް ނުގޮސް މެޑިސިންގެ ދާއިރާ އިން އޭރު ރާއްޖޭގައި ނެތް ވަރުގެ ތަޖުރިބާކާރަކަށް ބަދަލުވި ގޮތުގެ ފެށުން ކަމަށެވެ.

"ސިއްހީ މަރުކަޒުގައި އުޅުނީ ފުރަތަމަ ތަރުޖަމާނަކަށް. ދެން ކަމްޕައުންޑަރަކަށް. ކަމްޕައުންޑަރަކީ ބޭސްއަޅާ މީހާ. ދެން މީހުން ގައި ބޭސްއަޅައި ދޭން ވެސް ފެށިއްޖެ. ސިއްހީ މަރުކަޒަށް އަންނަ ދިވެހިންގައިގައި ވެސް ބޭސްއަޅަން ފެށިއްޖެ."

ފާއިތުވަމުން ދިޔަ އަހަރުތަކާ އެކު އެ ސިއްހީ މަރުކަޒު ބޮޑު ހޮސްޕިޓަލަކަށް ބަދަލުވެއްޖެ އެވެ.

"ދެން ބަދަލުވީ ކޮމްޕައުންޑާ ޕްރެޝާގެ ވަޒީފާއަކަށް. ދެން މެޑިކަލް އެސިސްޓަންޓަކަށް ޕްރޮމޯޓް ވެއްޖެ. ދެން ސީނިއާ މެޑިކަލް އެސިސްޓަންޓަކަށް ބަދަލުވެއްޖެ. ބަލި މީހުން ބަލަން ކަށިގަނޑާއި ބޭސް ދީފައި އިނގިރޭސި ސިފައިން އަޅުގަނޑު ފޮނުވަން ފަށައިފި އައްޑޫގެ އެހެން ރަށްތަކަށް ވެސް،" ޑޮކްޓަރެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުކަން ލިބެން ފެށި ގޮތް އޭނާ ކިޔައިދިނެވެ.

"އިނގިރޭސި ސިފައިން ފުރައިގެން ދިޔައިރު ވެސް އަޅުގަނޑު ހުރީ ސީނިއާ މެޑިކަލް އެސިސްޓަންޓެއްގެ ވަޒީފާގައި. އޭރު ސިއްހީ ދާއިރާގައި އަޅުގަނޑަށް އެނގިފައި ހުރި ވަރު އެނގޭ މީހުން ވެސް ވަރަށް މަދުވާނެ ރާއްޖޭގައި. ސަބަބަކީ 17 އަހަރު ވަންދެން އިނގިރޭސި ސިފައިންގެ ހޮސްޕިޓަލްގައި އަޅުގަނޑު އެ މީހުންގެ ޑޮކްޓަރުންނާ އެކު މަސައްކަތްކުރީމަ."

ކޮންމެއަކަސް އިނގިރޭސި ސިފައިންގެ ދުވަސްވަރު ނިމުމަކަށް އައުމުން ސަރުކާރަށް ޑޮކްޓަރުން ބޭނުންވެއްޖެ އެވެ. ރާއްޖޭގެ ރަށްތަކުގައި ފެތުރެން ފެށި ރޯގާ އާއި ބަލިތަކާ ކުރިމަތިލާނެ ތަޖުރިބާކާރުންގެ މުހިންމުކަން ބޮޑުވެއްޖެ އެވެ. އަދި ސަރުކާރުން ނިންމީ އިނގިރޭސި ސިފައިންގެ ބެލުމުގެ ދަށުގައި ސިއްހީ ތަޖުރިބާކާރުންނާ އެކު މަސައްކަތްކުރި އައްޑޫ އަތޮޅުގެ ފަސް 'ޑޮކްޓަރުން' ނަށް ރަސްމީ ހުއްދައެއް ދޭށެވެ.

ދޮންތުއްތު އިންޓަވިއު ދޭއިރު އޭނާގެ އަންހެނުން ހަދީޖާ ކައިރީގައި މަޑުކޮށްލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

ދޮންތުއްތު އިންޓަވިއު ދޭއިރު އޭނާގެ އަންހެނުން ހަދީޖާ ކައިރީގައި މަޑުކޮށްލައިގެން. -- މިހާރު ފޮޓޯ: އަލީ ނާސިރު

"އަޅުގަނޑާ އެކު އޭރު އިނގިރޭސި ސިފައިންނާ އެކު މަސައްކަތްކުރި ފަސް މީހަކަށް ވަގުތުން ސަރުކާރުން ދީފި ބޭސްކުރުމުގެ ރަސްމީ ހުއްދައެއް،" ދޮންތުއްތު ކިޔައިދިނެވެ.

"އޭރަކު ނެތޭ އަޅުގަނޑުމެން ވަރުގެ ބަޔަކު. މުޅި ރާއްޖޭގައި ވެސް ނެތޭ އަޅުގަނޑުމެން ފަސް މީހުންނަށް ވުރެ މޮޅު ބަޔަކު. އެހެންވީމަ މެޑިސިން ޕްރެކްޓިސްކުރުމުގެ ރަސްމީ ފާހެއް ދިނީ ސަރުކާރުން. އޭރު އަޅުގަނޑު ހުރީ ހުރިހާ އާންމު ބަލިތަކަށް ހާއްސަވެފައި. އާންމު ބަލިތައް ދެނެގަނެ ބޭސްދީ ސާޖަރީ ކުރަން ވެސް އެނގޭ. އަޅުގަނޑު މެޑިސިން ކިޔަވަން ސްކޫލަކަށް ދިޔައީކީއެއް ނޫން. އަޅުގަނޑު ދަސްކުރި އެއްޗެއް ދަސްކުރީ އިނގިރޭސި ސިފައިންނާ އެކު އެމީހުންގެ ހޮސްޕިޓަލުގައި ޕްރެކްޓިސް ކޮށްގެން. ލޮލުން ފެނިގެން."

ދޮންތުއްތު ބުނީ އުމުރުން 65 އަހަރުވެގެން ރިޓަޔާކުރި ނަމަވެސް ބޭސްވެރިކަމާ ރަސްމީކޮށް އޭނާ ދުރަށް ދިޔައީ މީގެ ހަތަރު ފަސް އަހަރު ކުރިން ކަމަށެވެ. ވަރަށް ޒަމާން ވަންދެން ގޭދޮށުގައި ކްލިނިކެއް ހުޅުވައިގެން ވެސް އޭނާ ބަލި މީހުން ބެލި އެވެ.

އެކަމަކު މިހާރު އޭނާގެ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީ މި ފިނި ހިޔަލެވެ. ދޮންތުއްތު ބުނަނީ އިތުރަށް އޭނާ ބޭނުންވާ ހަމަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އަމިއްލަ ވަޒަނި އަމިއްލަ މިނިވަންކަންމަތީގައި ދެމި ހުރެވުން އެންމެ ބޮޑު އުފަލަކީ. މިވެނި އެވެނި ކަމެއް ވި ނަމައޭ ހިތަށް އަރާ ހަމަ އެއްވެސް ކަމެއް ނެތް،" ދޮންތުއްތުގެ ވާހަކަ ނިންމާލީ ފަރިތަ އިނގިރޭސި ބަހުންނެވެ.

"އައި ހޭވް ކޮމްޕްލީޓެޑް މައި ލައިފް."