23 ސެޕްޓެމްބަރ 2024
ސްރީ ލަންކާގެ އިގްތިސާދު މީގެ ދެ އަހަރު ކުރިން ބަނގުރޫޓުވެ އާންމު ދިރިއުޅުން ދަތިވެފައިވަނިކޮށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އަނޫރާ ކުމާރާ ޑިސެނަޔަކަ ކާމިޔާބު ހޯއްދެވުން އާދައިގެ ކަމެއްގެ ގޮތުގައި ސިފައެއް ނުވެ އެވެ. ގައުމުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންނާ އެކު ރޭހަށް ނުކުންނަވައި ފަސޭހަކަމާ އެކު ކާމިޔާބުކުރެއްވި އަނޫރާ އަކީ އެންމެ ފަހުން 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ތިން ޕަސެންޓް ވޯޓު ލިބިވަޑައިގަތް ބޭފުޅެކެވެ.
ސްރީ ލަންކާގެ އިގްތިސާދު މީގެ ދެ އަހަރު ކުރިން ބަނގުރޫޓުވެ އާންމު ދިރިއުޅުން ދަތިވެފައިވަނިކޮށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އަނޫރާ ކުމާރާ ޑިސެނަޔަކަ ކާމިޔާބު ހޯއްދެވުން އާދައިގެ ކަމެއްގެ ގޮތުގައި ސިފައެއް ނުވެ އެވެ. ގައުމުގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރުންނާ އެކު ރޭހަށް ނުކުންނަވައި ފަސޭހަކަމާ އެކު ކާމިޔާބުކުރެއްވި އަނޫރާ އަކީ އެންމެ ފަހުން 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ތިން ޕަސެންޓް ވޯޓު ލިބިވަޑައިގަތް ބޭފުޅެކެވެ.
އުމުރުން 55 އަހަރުގެ އަނޫރާ ވަނީ އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށްވުރެ މިލިއަނަކަށްވުރެ ގިނަ ވޯޓުން ކުރީގަ އެވެ. ލަންކާގައި ވޯޓު ލާއިރު އެ މީހަކު ވޯޓު ދޭނެ ތިން ކެންޑިޑޭޓެއްގެ ނަމުގައި ފާހަގަޖަހަން ޖެހޭއިރު، އިސްކަންދޭ ފުރަތަމަ ކެންޑިޑޭޓުގެ ވޯޓުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ކުރިއެއް ނުލިބުނެވެ. އެކަމަކު ދެ ވަނަ އެންމެ ގިނަ މީހުން ފާހަގަ ޖެހި ކެންޑިޑޭޓުގެ ވޯޓު ހިމެނުމުން އަނޫރާ 55 ޕަސެންޓުން މައްޗަށް ގޮސް ލިބިވަޑައިގަތީ ތާރީހީ ކާމިޔާބީއެކެވެ.
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 17.1 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 76 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.
ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކަ ކެމްޕެއިން ނިންމާލުމަށް ބޭއްވި ރެލީގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި.
އިގްތިސާދީ ހީނަރުކަމުގެ ތެރޭ އުފެދުނު ހަމަނުޖެހުމުގައި އޭރު ރައީސް ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ދައުރު ފުރިހަމަކުރުމަށް ހުންނެވި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ދިޔައީ ތިން ވަނައަށެވެ.
ނެޝަނަލް ޕީޕަލްސް ޕަވަ (އެންޕީޕީ) އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ އަށް ތާއީދު އިތުރުވާން ފެށީ އިގްތިސާދީ ހީނަރުކަމުގެ ފަހުން، އޭނާގެ ކޮރަޕްޝަނާ ދެކޮޅު އަދި ފަގީީރުންނަށް އެހީވުުގެ ސިޔާސަތުތަކުގެ ވާހަކަޔާ އެކުގަ އެވެ.
އިގްތިސާދީ ތަދުމަޑުކަމުގެ ތެރޭގައި އެތައް މިލިއަން ރައްޔިތުންނެއް ތިބި އިރު އަނޫރާ މި ހަވާލުވެ ވަޑައިގަންނަވަނީ އެ ހީނަރުކަމުން އަރައިގަތުމަށް މަސައްކަތްކުރާ ގައުމަކާއި ދަތި ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައިވާ އެތައް މިލިއަން ރައްޔިތުންނަކާ އެވެ.
އަނޫރާ އުފަންވީ ނޮވެމްބަރު 24، 1968 ގައި ސްރީ ލަންކާގެ މެދުތެރޭގައި އޮންނަ ގިނަ ސަގާފަތްތަކާއި ދީންތައް އެކުލެވޭ ގަލެވެލަ އަވަށުގަ އެވެ. މެދުމިނުގެ އާއިލާއަކަށް ނިސްބަތްވާ އަނޫރާ ފިޒިކްސް އިން ޑިގްރީއެއް ހާސިލްކުރައްވާފައިވެ އެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ދަރިވަރެއްގެ ގޮތުގައި، 1987 ވަނަ އަހަރު އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދު ސޮއިކުރި މައްސަލަ ބޮޑު އެއްބަސްވުމުގެ ދުވަސްވަރު އެވެ. މިއީ ސްރީ ލަންކާގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ލޭއޮހޮރުވުމަށް މަގު ފަހިވި އެއްބަސްވުމެކެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް ނުހިނގާ ގާނޫނު ހަދާ މަޖިލީހެއް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް: އަނޫރާ
އަނޫރާ މިހާރު ހުންނެވި، މާކްސިސްޓް ފިކުރުގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) އިން 1987 އިން 1989 އާ ދެމެދު ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގައި ހިންގި ހަމަނުޖެހުންތަކުގައި 80،000 މީހުން މަރުވި އެވެ. މިއީ ރަށްފުށުގެ ދަށް އަދި މެދުފަންތީގެ ޒުވާނުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ހިނގި ބޮޑު ހަމަނުޖެހުމެކެވެ. ސިޔާސީ ވާދަވެރިންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް މީހުން މެރުމުގެ ކެމްޕެއިންތައް އޭރު ހިންގި އެވެ.
ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކަ ހޮނިހިރު ދުވަހު ވޯޓު ދެއްވުމަށް ފަހު ނުކުމެވަޑައިގަންވަނީ. -- ފޮޓޯ: އޭއެފްޕީ
މި މާޒީ އޮތް ޖޭވީޕީގެ މަރުކަޒީ ކޮމިޓީއަށް އަނޫރާ 1997 ގައި އިންތިހާބުވެ، 2008 ގައި އެ ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށް ފަހު އޭނާ ވަނީ އެ ޕާޓީގެ ފިކުރުގައި އޭރު ހިންގި އަނިޔާވެރި އަމަލުތަކަށް މާފަށް އެދިވަޑައިގެންފަ އެވެ.
"ހަތިޔާރު ނަގައި ހިންގި ހަމަނުޖެހުގައި ހިނގައިގެން ނުވާނެ އެތައް ކަމެއް އޮތީ ހިނގާފައި،" އޭނާ 2014 ގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެންގެ އަތުން ވެގެން ނުވާނެ ކަންތައްތަކެއް ވެފައި ވުމުން އަޅުގަނޑުމެން އަދިވެސް މި ތިބީ ޝޮކެއްގައި. އަޅުގަނޑުމެން އަބަދުވެސް އެކަމާ ވަރަށް ހިތާމަކުރަން." ގާނޫނު ހަދާ މަޖިލީހުގައިމިހާރު އެންމެ ތިން ގޮނޑި ލިބިފައިވާ ޖޭވީޕީ އަކީ މިހާރު އަނޫރާ ލީޑަރުކަން ކުރައްވާ އެންޕީޕީ ކޯލިޝަންގެ ބައެކެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވި އިރު އަނޫރ ވަަނީ ސްރީ ލަންކާގެ ފަހުގެ ތާރީޚުގައި ހިނގި އަނިޔާވެރި އަނެއް ހާދިސާގެ ވާހަކަ ތިލަކުރައްވައިފަ އެވެ. އެއީ 2019 ވަނަ އަހަރުގެ އީސްޓަ ސަންޑޭގެ ބޮމުގެ ހަމަލާތަކެވެ.
ލަންކާގެ ފައްޅިތަކާއި ޓޫރިސްޓު ހޮޓާތަކަށް އަމާޒުކޮށް އެއް ވަގުތެއްގައި އޭޕްރީލް 21، 2019 ގައި ދިން އެ ހަމަލާތަކުގައި މަދުވެގެން 290 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވި އެވެ. މިއީ ސްރީ ލަންކާގެ ތާރީހުގައި ހިނގި މިފަދަ އެންމެ ބިރުވެރި ހާދިސާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ނަމަވެސް މި ހާދިސާއަށް ފަސް އަހަރު ވެގެން ދިޔަ އިރު ވެސް މި ހަމަލާތައް ރޭވިގެން ދިޔަ ގޮތާއި ސަލާމަތީ ކަންކަމުގައި ފަރުވާ ކުޑަވެ އެކަމަށް މަގުފަހިވި ސަބަބުތަކާ ގުޅޭ ގޮތުން ތަހުގީގަކުން އެއްވެސް ޖަވާބެއް ނުލިބެ އެވެ.
ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ކުރީގެ ސަރުކާރުން، ގޮޓާބެ ރާޖަޕަކްސާގެ ވެރިކަމުގައި މި ތަހުގީގަށް ހުރަސްއަޅާފައިވެ އެވެ.
ބީބީސީ ސިންހަޅައަށް ފަހުން ދެއްވި އިންޓަވިއުއެއްގައި އަނޫރާ ވަނީ އޭނާ ރައީސްކަމަށް ހޮވިއްޖެ ނަމަ މިކަމާ ގުޅޭ ތަހުގީގެއް ހިންގާނެކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިދާރާތަކުން މިހާތަނަށް މިކަން ނުބަލައި ދޫކޮށްލާފައި އޮތީ އަމިއްލަ އިހުމާލު ހާމަވެދާނެތީ އެކަމާ ބިރުންނެވެ.
ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ: އޭނާ ކެމްޕެއިންގައި ދެއްކެވީ ސިޔާސި ލީޑަރުންގެ ނުފުއްދޭ ވައުދުތަކުގެ ވާހަކަ. -- ފޮޓޯ: އޭއެފްޕީ
މިއީ އޭނާ ވިދާޅުވި ގޮތުގައި ލަންކާގެ ސިޔާސީ ބޭފުޅުން ވައުދު ނުފުއްދުމުގެ ސިލްސިލާގެ ބައެކެވެ.
"މިއީ ހަމައެކަނި މި ތަހުގީގުގެ މައްސަލައެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ކޮރަޕްޝަން ހުއްޓުވާނެކަމަށް ވިދާޅުވި ސިޔާސީ ބޭފުޅުން ވަނީ ކޮރަޕްޝަނުގައި ބައިވެރިވެފައި؛ ދަރަނިން މިނިވަން ވެފައިވާ ސްރީ ލަންކާއެއް އުފައްދާނެކަމަށް ވިދާޅުވި ބޭފުޅުން ވަނީ ދަރަނީގެ ބުރަ އިތުރުކޮށްފައި. ގާނޫނު ނަގަހައްޓާނެ ކަމަށް ވިދާޅުވި ބޭފުޅުން ވަނީ ގާނޫނުތައް މުގުރާފައި." "މިއީ މި ގައުމުގެ ރައްޔިތުން ތަފާތު ލީޑަރޝިޕެއް ބޭނުންވާ ސަބަބުކަން ވަރަށް ސާފު. އަޅުގަނޑުމެންނަކީ އެކަން ކޮށްދެވޭނެ ބަޔަކީ."
ގައުމު އެއްކޮށް ސާފުކުރަންޖެހޭ ކަމަށް ވިދާޅުވާ އަނޫރާ ވަނީ ވެރިކަން ލިބިވަޑައިގަތުމުން، ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެއީ ގައުމުގެ ހުރިހާ ކަމެއް އަލުން، ސާފުކޮށް ފެށުމަށް ކުރަންޖެހޭ ކަމެކެވެ. "ރައްޔިތުން ބޭނުންވާ ގޮތަށް ނުހިނގާ ގާނޫނު ހަދާ މަޖިލީހެއް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް،" އޭނާ ބީބީސީއަށް ވިދާޅުވެފައިވެ އެވެ.
ލަންކާގެ އާ ރައީސް ވެސް އައިއެމްއެފްގެ ޕްރޮގްރާމާ އެކު
ލަންކާގެ ރައީސް، ޑިފެންސާއި ފިނޭންސް ދުލެއް ނުކުރި
ލަންކާގެ ރައީސް މަޖިލީހުގެ ފުރިހަމަ ބާރު ވެސް ހޯދައިފި
އާ ރައީސް ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
އިގްތިސާދީ މައްސަލައަށް ޖާދޫގެ ހައްލެ ނުހޯދޭނެ: އަނޫރާ
ގައުމުގެ ތާރީހު އަލުން ލިޔާނަން: ލަންކާގެ އާ ރައީސް
ލަންކާގެ ސިޔާސީ ބޮޑުން ބަލިކޮށް އަނޫރާ ރައީސްކަމަށް
މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު