Roadha Mihaaru
ޓްރަމްޕް ހިމާޔަތްކުރުމުގައި ފެއިލްވި: ސީކްރެޓް ސާވިސް

ޓްރަމްޕް ހިމާޔަތްކުރުމުގައި އެތައް ކަމެއް ފެއިލްވި ކަމަށް ސީކްރެޓް ސާވިސް އިން އެއްބަސްވެއްޖެ

22 ސެޕްޓެމްބަރ 2024

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހަރާކޮށްލަން މިދިޔަ ޖުލައި މަހު ދިން ހަމަލާ އަކީ ސީކްރެޓް ސާވިސްގެ އެތައް ކަމެއް ފެއިލްވުމުގެ ނަތީޖާ ކަމަށް އެ އިދާރާއިން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހަރާކޮށްލަން މިދިޔަ ޖުލައި މަހު ދިން ހަމަލާ އަކީ ސީކްރެޓް ސާވިސްގެ އެތައް ކަމެއް ފެއިލްވުމުގެ ނަތީޖާ ކަމަށް އެ އިދާރާއިން އެއްބަސްވެއްޖެ އެވެ.

ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕް ރެލީއެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ތޯމަސް މެތިއު ކްރޫކްސް ކިޔާ ޒުވާނަކަށް، ޓްރަމްޕަށް އަމާޒުކޮށް ބަޑިން ހަމަލާ ދޭން ފުރުސަތު ލިބުނީ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅުމަތިންނެވެ. ބޮލަށް އަމާޒުކުރި އުންޑަ ހަނި ގޮތަކުން އަމާޒުން ނެއްޓި ޓްރަމްޕް ސަލާމަތްވީ ކަންފަތު ފޫޅުގަނޑުގައި ކޭއްތޭ ގޮތަށް ދިއުމުންނެވެ.

މި ހާދިސާއަށް ފަހު ސީކްރެޓް ސާވިސްގެ ރިވިއުއެއް ހަދައި އެ އިދާރާގެ އެކްޓިން ޑިރެކްޓަރު ރޮނަލްޑް ރޯވް ހާމަކުރެއްވި ކަންކަމުގައިވާ ގޮތުން ސީކްރެޓް ސާވިސްގެ މެންބަރުން އަމަލުކުރަންވީ ގޮތް ކުރިއާލައި ޕްލޭންކުރުމާއި ކަންކަން ތަންފީޒުކުރުމުގައި އުނި ކަންތައްތަކެއް އެބަހުއްޓެވެ.

"އެޑްވާންސް ޓީމުގެ ބައެއް މީހުން ވަރަށް ފަރުވާތެރިކަމާ އެކު މަސައްކަތްކުރި އިރު، އަނެއް ބައެއްގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ސެކިއުރިޓީ ޕްރޮޓޮކޯލްތަކާ ހިލާފުވި،" ރޯވް ވިދާޅުވި އެވެ.

ރޯވް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ތަންފީޒީ އެހެން އިދާރާތަކާ އެކު އެކަށީގެންވާ ގޮތުގައި މުއާމަލާތް ނުކުރުމާއި، މޮބައިލް ޑިވައިސްތަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން މައުލޫމާތުތައް ގުޅުވާނުލެވުން އަދި ލައިން އޮފް ސައިޓްގެ މައްސަލަތައް ހިމެނެ އެވެ. މީގެތެރޭގައި ކަންކަން އެނގި އެކަމަކު އެ ކަންކަމާ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިފައި ނުވުން ހިމެނެ އެވެ.

"ގަޑިން ގާތްގަނޑަކަށް 18:10 ހާއިރު، ފޯނު ކޯލަކުން ސީކްރެޓް ސާވިސްގެ ސެކިއުރިޓީ ރޫމުން ކައުންޓާސްނައިޕަ ރެސްޕޮންސް އެޖެންޓަށް ގުޅައި އޭޖީއާރު އިމާރާތުގެ ފުރާޅުމަތީގައި މީހަކު ހުރި ކަމަށް ރިޕޯޓްކުރި،" ރޯވް ވިދާޅުވި އެވެ.

"މި މުހިންމު މައުލޫމާތު ސީކްރެޓް ސާވިސްގެ ރޭޑިއޯ ނެޓްވޯކް މެދުވެރިކޮށް ފޮނުވާފައެއް ނުވޭ."

ޓްރަމްޕަށް ދިން ހަމަލާގައި، ރެލީގެ ބައިވެރިންގެ ތެރެއިން ދެ މީހަކު ޒަހަމްވެ އަދި 50 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. ހަމަލާ ދިން މީހާއަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ބަޑިން ހަމަލާދީ ހަމަ އެ ވަގުތު މަރާލި އެވެ.

މި ހާދިސާއާ އެކު އަމާޒުވި ފާޑުކިޔުންތަކާ ހެދި ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބަލީ ޝީޓްލް ވަނީ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ. -- އޭއެފްޕީ