Roadha Mihaaru
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް

ވެލެންސިއާގެ އެކަޑަމީ ހުޅުމާލޭގައި ފަށައި ބޮޑުހީނާ އަލުން ކޯޗިން އަށް

18 ސެޕްޓެމްބަރ 2024

ކުޅިވަރުގެ އިދާރީ ހިންގުމުގެ ތެރެއިން މިފަހަކަށް އައިސް ފެނުނު ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ރެފްރީ ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަލުން ކޯޗިންގެ ތޮފި އަޅައިގެން ނުކުމެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުޅިވަރުގެ އިދާރީ ހިންގުމުގެ ތެރެއިން މިފަހަކަށް އައިސް ފެނުނު ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ރެފްރީ ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަލުން ކޯޗިންގެ ތޮފި އަޅައިގެން ނުކުމެއްޖެ އެވެ.

ހީނާ ހަވާލުވީ، އޭނާ އެ ކްލަބެއް އުފެއްދުމުގައި ވެސް އިސްކޮށް އުޅެ، އެތައް ކާމިޔާބެއް ހޯދައިދީފައިވާ ކްލަބް ވެލެންސިއާ އިން ހުޅުމާލޭގައި ފެށި އެކަޑަމީގެ ހެޑް ކޯޗެއްގެ ޒިންމާއާ އެވެ.

ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ސްޕޯޓްސް ކޮމިޝަނަރުކަން ކުރި ހީނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓް ހޯދަން މަސައްކަތްކުރައްވައިފަ އެވެ. ނަަމަވެސް ޕްރައިމަރީން ނާކާމިޔާބުވީ އެވެ.

ހީނާ ވަނީ އޭގެ ކުރިން އާލީ ޓަޗް އެކަޑަމީގެ ނަމުގައި އަމިއްލަ ފުޓްބޯޅަ އެކަޑަމީއެއް 12 އަހަރު ހިންގައި ވަރަށް ގިނަ ކުޅުންތެރިން އުފައްދައިފަ އެވެ. އެ އެކަޑަމީ ހިންގުމުގެ އިތުރުން ހެޑްކޯޗުކަން ވެސް ކުރީ އޭނާ އެވެ.

ހީނާ ބުނީ ދިގު މެދުކެނޑުމަކަށް ފަހު އަލުން ދަނޑަށް ނުކުތް ނަމަވެސް ޓެކްނިކަލީ މަބޮޑު ގޮންޖެހުމެއް ނެތް ކަމަށެވެ.

"ފުޓްބޯޅަ [ކޯޗިން] އާ ދުރުގައި އަޅުގަނޑު ހުރީ ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް. ދެން އެކަޑަމީއެއްގައި ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރަން އުނދަގޫކަމަކަށް ނުވޭ،" ހީނާ ބުންޏެވެ.

އޭނާގެ އާލީ ޓަޗް އެކަޑަމީ މިހާރު ހިންގަނީ އައްޑޫ މީދޫގަ އެވެ.

ވެލެންސިއާ އެކަޑަމީގެ ހުޅުމާލޭ ބައިގެ ހެޑްކޯޗުކަން ހީނާ ކުރާއިރު މާލޭ ބައިގެ ކޯޗުކަން ކުރާނީ ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

ހީނާ ބުނީ ހުޅުމާލޭގައި އޮންނަ އެކަޑަމީ ބޮޑަށް ހައްސަ ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ކުޑަކުދިންނަށް ކަމަށެވެ.

ހުޅުމަލޭގައި އެ އެކަޑަމީގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި އޮންނަ މިނީ ޓާފް (ފުޓްސަލް) ދަނޑުގަ އެވެ.

ހީނާ ބުނީ އެވަރު ދަނޑެއްގައި ޕްރެކްޓިސް ކުރަން ޖެހުމުން، ބޮޑަށް އިސްކަން ދެނީ އުމުރުން 13 އަހަރުންދަށުގެ ކުދިންނަށް ކަމަށެވެ.

"ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ފަހަކާ ދެމެދުގެ ކުދިންނަށް ބޮޑަށް ފޯކަސް ކުރަނީ،" އޭނާ ބުންޏެވެ.

ފުޓްބޯޅަ، ބެޑްމިންޓަން، އަދި އެތުލެޓިކްސްގެ ގައުމީ ޓީމުގައި ހިމެނިގެން ރާއްޖޭން ބޭރުގައި ގައުމު ތަމްސީލުކޮށްފައިވާ ހީނާ އަކީ ކުރިން ގައުމީ ފެންވަރުގައި ރެފްރީކަމާއި، ކޯޗުކަންކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ ވެލެންސިއާ އަށް ކަޕްވިނާސްކަޕް، އަދި ނިއު ރޭޑިއަންޓަށް ޕޮމިސް ކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އަމީރު އަހުމަދު ސްކޫލާއި، ޔޫތު ސްޕޯޓްސް ކްލަބުގައި މަސައްކަތްކުރި އެވެ. ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ފޯވާޑް އަލީ އުމަރަކީ ހީނާ ތަމްރީންކޮށްދީ ގަލޮޅު ދަނޑަށް ނެރެދިން ކުޅުންތެރިންނެވެ.

ހީނާގެ ޒިންމާގެ ދަށުން ހިންގާ ވެލެންސިއާގެ ހުޅުމާލޭ އެކަޑަމީއާ ގުޅުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ. އެ އެކަޑަމީގެ މެމްބަޝިޕް ހޯދުމަށް 7971960 އަށް ގުޅަން ވެލެންސިއާ އިން ވަނީ އެދިފަ އެވެ.