Roadha Mihaaru
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ

ޗައިނާގެ އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ: ސައީދު

17 ސެޕްޓެމްބަރ 2024

ޗައިނާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިޔަސް، ދިވެހި ވިޔަފާރިވެރިން ޗައިނާގެ ބޮޑެތި ކުންފުނިތަކާ ވާދަކުރަން ނުޖެހޭ ގޮތަށް މާއްދާތައް ހިމަނާފައިވާ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

ޗައިނާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިޔަސް، ދިވެހި ވިޔަފާރިވެރިން ޗައިނާގެ ބޮޑެތި ކުންފުނިތަކާ ވާދަކުރަން ނުޖެހޭ ގޮތަށް މާއްދާތައް ހިމަނާފައިވާ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗައިނާގެ އެފްޓީއޭއަށް އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އަމަލުކުރަން ފަށަން ސަރުކާރުން ނިންމާފައިވާ ކަން ސައީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެފްޓީއޭ އަށް އަމަލުކުރަން ފެށުމާ އެކު ޗައިނާގެ ބޮޑެތި ވިޔަފާރިތަކާ ހެދި ދިވެހި ވިޔަފާރިތަކަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ސައީދު ވިދާޅުވީ ޗައިނާއާ އެކު ކުރެވުނު މަޝްވަރާތަކުގައި ދިވެހި ވިޔަފާރިތަކަށް އެ ރައްކާތެރިކަން ކަށަވަރުކޮށްދެވިފައިވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާ މިސާލެއްގެ ގޮތުގައި ނަންގަވައި، މިނިސްޓަރު ވިދާޅުވީ ޗައިނާގެ ޝަންގްހައި، ބެއިޖިންގް އަދި ޓިއަންޖެންގައި ދިވެހި ޓްރެވަލް އޭޖެންޓުންނަށް ފްރީ ޒޯނެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ މަގު އެފްޓީއޭގެ ތެރެއިން ފަހިވިޔަސް، ޗައިނާގެ އޭޖެންޓުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"ރާއްޖޭގައި އެ ބޭފުޅުންނަށް [ޗައިނާ ކުންފުނިތަކަށް] ހަރަކާތްތެރިއެއް ނުވެވޭނެ އީކުއަލް ޓާފެއްގައި. އަޅުގަނޑުމެން ހުންނާނެ ރެސްޓްރިކްޝަންތަކެއް ލާފައި ދިވެހި ކުންފުނިތައް ހިމާޔަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި، ދިވެހިންނަށް އެކަނި ކުރެވޭނެ ވިޔަފާރިތައް ކަމާ ގުޅޭ ގާނޫނުތަކުގައި ވެސް ކަނޑައެޅިފައިވާތީއާ އެކު އެފްޓީއޭގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ނުރައްކަލެއް ނޯންނާނެ އެވެ.

އޭގެ ބަދަލުގައި، ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރެވޭ އެއްބަސްވުމުގެ މައްޗަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދިވެހި ވިޔަފާރިތަކަށާއި އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެންމެ ބޮޑު އެއް ފައިދާއެއްގެ ގޮތުގައި، މިނިސްޓަރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ އެވެ. ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސެންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހުމުން، އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސް، ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިޔުޓީގައި ރީއެކްސްޕޯޓް ކުރުމުގެ ދޮރު ވެސް ހުޅުވިގެންދާނެ އެވެ.