Roadha Mihaaru
އެލައިޑުގެ ސޭލްސްއަށް 28 ޕަސެންޓުގެ އިތުރުވުމެއް

އެލައިޑުގެ ސޭލްސްއަށް 28 ޕަސެންޓުގެ އިތުރުވުމެއް

17 ސެޕްޓެމްބަރ 2024

އެލައިޑް އިންޝުއަރެންސްގެ ސޭލްސް މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކެއާޓަރުގައި 28 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރެންސްގެ ސޭލްސް މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކެއާޓަރުގައި 28 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި އަދަދަކީ މި އަހަރު ހާސިލުކުރަން ބަޖެޓު ކުރި އަދަދަށް ވުރެ 13.5 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މިއީ، އެ ކުންފުނީގެ ތާރީހުގައި ވެސް ސޭލްސްއަށް މިހާ ބޮޑު އަދަދެއް ބަޖެޓުކުރެވުނު އަހަރުކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެލައިޑުގެ މިދިޔަ ދެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާ ވަނީ 189 ޕަސެންޓަށް އިތުރުވެފަ އެވެ. މި އަދަދަކީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ބަޖެޓުކުރި އަދަދަށް ވުރެ 7.5 ޕަސެންޓު އިތުރު އަދަދެއް ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

އެލައިޑުން ބުނި ގޮތުގައި، ކުންފުނީގެ ފައިދާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އޭގެ ތެރޭގައި، ކުންފުނިން އިންވެސްޓް ކުރާނެ ރަނގަޅު ފުރުސަތުތަކެއް ހޯދުމާއި އިންވެސްޓްމަންޓްތައް ފުޅާކޮށް، އިތުރު ފައިދާ ހުރި ރަނގަޅު އާ ފުރުސަތުތަކެއް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި ކުންފުނިން ވިޔަފާރި ކުރިއެރުވުމަށާއި މާކެޓުގައި އޮންނަ ހިއްސާ އިތުރުކުރަން ވެސް އާ މާކެޓް ސެގްމެންޓްތައް ދިރާސާކޮށް، އެ މާކެޓް ސެގްމެންޓްތަކަށް ވަނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެލައިޑުން ބުނީ އާ މާކެޓް ސެގްމެންޓްތަކަށް އަމާޒުކޮށްގެން ރައްޔިތުންނަށް ބޭނުންތެރި އަދި މަންފާ ހުރި ޕްރޮޑަކްޓްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިޔަފާރި ފުޅާކުރުމަށާއި އިންޓަނޭޝަނަލް މާކެޓުގައި ފައި ހަމަކުރުމަށް ކުންފުނީގެ ސްޓްރެޓެޖީ އާއި ޕްލޭންތައް އެ ކަންކަމަށް މަގުފަހިވާގޮތަށް ބިނާ ކުރުމާއި ކުންފުނީގެ މުވައްޒަފުން އިތުރު ދާއިރާތަކުން ތަމުރީނު ކުރުމާއި، އަދި ބޭރުގެ ބޮޑެތި ކުންފުނިތަކާއި ވާހަކަ ދައްކާ، އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

އެލައިޑުން އަންނަނީ، ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ދިވެހިންނަށް އެ ކުންފުނި މެދުވެރިކޮށް އިންޝުއަރެންސްގެ ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ކާމިޔާބީ ފާހަގަކޮށް އެލައިޑުން ބުނީ މި ކާމިޔާބީގެ ފަހަތުގައި ވަނީ ކުންފުނީގެ ބޯޑާއި މުވައްޒަފުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ހޯދިފައި މިވަނީ ކުންފުނީގެ އައު ބޯޑާއި މެނޭޖްމަންޓުން ދެއްވި ފުރިހަމަ އިރުޝާދާއި އެ ބޭފުޅުންނާ އެކު އަޅުގަނޑުމެންގެ މުވައްޒަފުން ކުރެއްވި މިންނެތް ބުރަ މަސައްކަތުގެ ސަބަބުންކަން ފާހަގަކުރަން،" އެލައިޑުން ބުންޏެވެ.

އެލައިޑަކީ އިންޝުއަރެންގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.