Roadha Mihaaru
ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ކޮމިޓީއަށް

ޕީޖީގެ މަގާމަށް އައްޔަންކުރަން އައްބާސްގެ ނަން ކޮމިޓީއަށް ފޮނުވައިފި

11 ސެޕްޓެމްބަރ 2024

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓްރީ އައްބާސް ޝަރީފު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

މަޖިލީހުގައި ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިއްވައިފަ އެވެ. އެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމް މިދިޔަ މަހު 22 ގައި ހުސްވެފައިވާތީ އެ މަގާމަށް އައްބާސްގެ ނަން އެކަނި ހުށަހަޅާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީގައި ހިމަނާފައިވެ އެވެ. އެ ބޭފުޅުންނަކީ؛

- މަރްޔަމް ނިހާޔަތު، މ. ތާޖް

- އަހްމަދު ހައިލަމް، އޯޝަންލީޑް/ހިތަދޫ

- އަލީ ސަމީރު، މއ. ވޭސައިޑް 610 ފްލެޓް

- އަހްމަދު ޔާމީން، ހ. ދިއްލީގެ

- އިބްރާހިމް އަލީ، ހުޅުމާލެ ހިޔާ 6-13-02

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުއްވައިފަ އެވެ.

އެ މަސައްކަތް ނިންމަން މިރޭ 9:30 ގައި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ފުރަތަމަ ފަހަރަށް ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅުމުން މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ޕީޖީ އައްޔަން ކުރަން ނަން ފޮނުވުމުގެ އިތުރުން ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ ހިމަނާފަ އެވެ.

އެ މައްސަލާގައި އިތުރު ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަދި ބޮޑެތި ގިނަ މައްސަަލަތަކެއްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް ކުރައްވައިފަ އެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި އެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ޕީޖީއަކަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި މުހުތާޒު މުހުސިން އަދި އައިޝަތު ބިޝާމް ވެސް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވި އެވެ.