Roadha Mihaaru
ޕޯސްޓްމޯޓަމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ

ޕޯސްޓްމޯޓަމް ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ

08 ސެޕްޓެމްބަރ 2024

އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ބަންދުގައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފަހު މިއަދު ރާއްޖެ ގެނެސް، މިރޭ ވަޅުލަން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ބަންދުގައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފަހު މިއަދު ރާއްޖެ ގެނެސް، މިރޭ ވަޅުލަން ހަމަޖައްސައިފި އެވެ.

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހުމުން ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޖެހިގެން އޭނާ މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ.

އަތުހަރު މަރުވި ގޮތް ބަލަން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން މިދިޔަ ހުކުރު ދުވަހު ޕޯސްޓްމޯޓަމް ހަދައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަތުހަރުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ރާއްޖެ ގެންނާނެ ކަމަށާއި އަދި އެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން ހާމަކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކަށުނަމާދުގެ މައުލޫމާތު ގެނެސްދޭ ޕޭޖުގައި ކުރި ޕޯސްޓުގައިވާ ގޮތުން އަތުހަރުގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 10:00 ގަ އެވެ.

އަތުހަރު ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށް ސައިކަލެއްގައި ދަނިކޮށް ފުލުހަކު އޭނާގެ ފަހަތުން ގޮސް މުގުރުން ހަމަލާދީ، ބިންމައްޗަށް ވައްޓާލުމަށްފަހު ފަހުގަ އެވެ. ފުލުހުން މުގުރުން ޖެހުމުން އޭނާގެ ބޮލާއި މޫނަށް އަނިޔާ ވެފައި ވިޔަސް، ސްކޭންތަކާއި ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ފާހަގަނުވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އޭނާ ޖަލަށް ގެންގޮސް ބަންދުކުރީ ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން އެ ޒަހަމްތަކާ އެކުގަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވަނީ އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ބަންދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހުނުތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. އަތުހަރު އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން ފުލުހުން އޭރު މަސައްކަތް ކޮށްފައެއް ނުވެ އެވެ.