Roadha Mihaaru
އެކްސިޑެންޓުވި ކާރު ދުއްވި މީހާ މިނިވަންވެއްޖެ

ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި މީހާއަށް ވަކީލެއްގެ ފުރުސަތު ނުދިނުމުން މިނިވަން ވެއްޖެ

01 ސެޕްޓެމްބަރ 2024

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ އެ އަމުރު ބާތިލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ ހައްޔަރުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ކަމަށް ވާތީ އެ އަމުރު ބާތިލުކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެރޭ ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ނެރުނީ ގޯސްކޮށް ކަމަށް، ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގައި ވަނީ ނިންމައިފަ އެވެ.

މައްސަލަ ނިންމި ގޮތުގައި ބުނީ އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިވަނިކޮށް، ކާރު ދުއްވި ފަރާތާއި އޭގައި ތިބި އިތުރު ދެ މީހުން މަޑުނުކޮށް ފިލާފައިވާތީ އާއި މައްސަލައާ ގުޅުންހުރި ހެކި ނައްތާލަފާނެތީ އާއި ތުހުމަތުކުރެވޭ ފަރާތް ފިލާފާނެތީ އާއި ހެކި ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ޝަރިއަތް ނިމެންދެން އޭނާ ބަންދުކޮށްދޭން ފުލުހުންގެ ފަރާތުން އެދުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ އަމުރު އިސްތިއުނާފްކުރުމުން ނިންމި ނިންމުމުގައި ވަނީ އަކުރަމް ވަކީލަކު އައްޔަންކޮށްފައިވަނިކޮށް ކޯޓަށް ހާޒިރުކުރީ ވަކީލަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ. އެހެންވެ ވަކީލެއްގެ ފުރުސަތު ނުދީ ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި އެ ޝަރީއަތުން ނެރުއްވި އަމުރުގައި ވަނީ ފުލުހުން ކޯޓު އަމުރަކަށް އެދުނީ 6:44 ގައި ކަމަށާއި ވަކީލު އައްޔަންވުމަށް އެދި ފޯމު ހުށަހަޅާފައި ވަނީ 7:23 ގައި ކަމަށެވެ. މުވައްކިލުންގެ ފަރާތުން 8:28 ގައި ވަކީލަށް ރުހުން ދިންއިރު ފުލުހުންގެ އިދާރާއިން 9:52 ގައި ވަކީލު އައްޔަންކުރި އެެވެ. ވަކީލު އައްޔަންކުރިކަން ވަކީލަށް އެންގީ 10:06 ގަ އެވެ. އެކަމަކު 10:00 ގައި ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކޮށް 10:04 ގައި ޝަރީއަތް ވަނީ ފަށައިފަ އެވެެ.

ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު ވަކީލެއްގެ ފުރުސަތު އަކްރަމަށް ލިބިފައި ނެތުމުން އަމުރު ބާތިލްކުރާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.

ކާރުން ޖެހުނުލެއް ބާރުކަމުން ސައިކަލުގައި މަޑުކޮށްގެން އިން މީހާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އަނިޔާވި މީހާގެ ހާލު ސްޓޭބަލް ނަމަވެސް އޭނާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.