Roadha Mihaaru
އިގްތިސާދީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަންދީފި

ރިޒާވް އިތުރުކޮށް ހާލަތު ރަނގަޅު ކުރެވޭ ކަމުގެ ޔަގީންކަން އެބައޮތް: އެމްއެމްއޭ

29 އޯގަސްޓް 2024

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގައި އެދެވޭ ނަތީޖާއެއް ހާސިލުވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގައި އެދެވޭ ނަތީޖާއެއް ހާސިލުވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން ތިން މަސް ތެރޭ ތިން ދަރަޖައަށް ދަށްކުރުމާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނީ ސަރުކާރާ ގުޅިގެން ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ބުނީ ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ގްރީން ބޮންޑުގެ އިތުރުން އިންޑިއާގެ މަރުކަޒީ ބޭންކް އާރްބީއައި މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތްވާގޮތުގެ މަތިން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ލަފާކުރާ ކަމަށެވެ. މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މަރުކަޒީ ބޭންކުން ދިނެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ މިމުއްދަތުގައި ރިޒާވްގައި ހިމެނޭ ބައިތައް ތަފާތުވެފައިވާތީވެ އަޅާކިޔުމުގައި އެހެން ކަންކަމަށް ބަލަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމްލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ.

މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށް ފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އިދާރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރެވެ. މި އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިދިޔަ އަހަރަށް ވުރެ 11 ޕަސެންޓަށް ކުރިއަށް އަރާނެ ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓު އިތުރުވެފައި ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން 4.9 ޕަސެންޓަށް ކުރިއަރާނެ ކަަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި 21 ޕަސެންޓުގައި ހުރުމަށް ފަހު 2024 ވަނަ އަހަރު މިއަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ 19.9 ޕަސެންޓުގައި ކަމަށެވެ.