Roadha Mihaaru
ބަންގްލަދޭޝް އަތުން ބަލިވުމުން އިމްރާން ފާޑުވިދާޅުވެއްޖެ

ބަންގްލަދޭޝް އަތުން ޕާކިސްތާން ބަލިވުން އިމްރާނަށް ބަލައެއްނުގަނެވުނު

28 އޯގަސްޓް 2024

ޓެސްޓް ކްރިކެޓް މެޗެއްގައި ބަންގްލަދޭޝް އަތުން ފުރަތަމަ ފަހަރަށް ޕާކިސްތާން ބަލިވުމުން އެ ގައުމުގެ ކްރިކެޓް ބޯޑުގެ ލީޑާޝިޕަށް، އެ ގައުމުގެ ކުރީގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔާ އަދި މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓެސްޓް ކްރިކެޓް މެޗެއްގައި ބަންގްލަދޭޝް އަތުން ފުރަތަމަ ފަހަރަށް ޕާކިސްތާން ބަލިވުމުން އެ ގައުމުގެ ކްރިކެޓް ބޯޑުގެ ލީޑާޝިޕަށް، އެ ގައުމުގެ ކުރީގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔާ އަދި މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ރާވަލްޕިންޑީގައި މި މަހު 21-25 އަށް ކުރިއަށް ދިޔަ ޓެސްޓް މެޗުން ބަންގްލަދޭޝް މޮޅުވީ 10 ވިކެޓުންނެވެ. ކްރިކެޓުގައި ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ގައުމުގެ ތެރޭ ހިމެނޭ ޕާކިސްތާން މި މެޗުން ބަލިވުމުން އެ ގައުމުގެ ރައްޔިތުންނާއި މީޑިއާ އިން ވެސް އަންނަނީ ޓީމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

އަޑިއާލާ ޖަލުގައި ހުންނަވައި އިމްރާން ވިދާޅުވީ އެ ގައުމުގެ ރައްޔިތުން އެންމެ ލޯބިވާ ކުޅިވަރު މިހާ ފުނަށް ވެއްޓުނީ އެއްވެސް ފެންވަރެއް ނެތް ބަޔަކު ކްރިކެޓް ބޯޑު ހިންގަން ފެށުމުން ކަމަށެވެ. އޭނާ ވިދާޅުވީ މުޅި ގައުމު އެއްބައިވަންތަކުރުވާ ހަމައެކަނި ކަމަކީ ކްރިކެޓް ކަމަށާއި ނަމަވެސް ވޯލްޑް ކަޕުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި، ޓީ20 މުބާރާތުގެ ގަދަ އަށަކުން ވެސް ޖާގަ ނުލިބުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"އަހަރެމެން ފަސޭކަމާ އެކު ބަލިކުރާ ޓީމެއް ބަންގްލަދޭޝް އަކީ. އެ ޓީމު އަތުން 10 ވިކެޓުން ބަލިވާން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މިހާ ދަށަށް މިދިޔައީ ކޮން ކަމެއްބާ؟،" އޭނާ ސުވާލު އުފެއްދެވި އެވެ.

ޕާކިސްތާނާއި ބަންގްލަދޭޝް އަކީ ސިޔާސީ ގޮތުން ވެސް ވަރަށް ވާދަވެރި ދެ ގައުމެވެ. އިންޑިއާ އާއި ޕާކިސްތާން ދެ ގައުމެއްގެ ގޮތުގައި އުފެދުނުއިރު ބަންގްލަދޭޝް އޮތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް 1971 ގައި އިންޑިއާގެ މަދަދާ އެކު، ބަންގްލަދޭޝް މިނިވަންކަން ހޯދީ އެވެ.

ބަންގްލަދޭޝް އިން ރަސްމީކޮށް ކްރިކެޓުގައި ބައިވެރިވާން ފެށީ އިމްރާންގެ މޮޅު ކުޅުމާ އެކު ޕާކިސްތާނުން ދުނިޔޭގެ ކްރިކެޓުގައި ވިދަމުން އަންނަނިކޮށް 1977 ގަ އެވެ. ނަމަވެސް ބަންގްލަދޭޝް އަށް ޓެސްޓް ކްރިކެޓުގައި ބައިވެރިވާން ފުރުސަތު ލިބުނީ އިމްރާން ކްރިކެޓުން ރިޓަޔާކުރިތާ އެތައް އަހަރެއް ފަހުން، 2000 ވަނަ އަހަރު އެވެ. އެހެންވެ ޕާކިސްތާނާ ބަލާއިރު ކްރިކެޓުގައި އާދައިގެ ގައުމެއްގެ އަތުން ބަލިވުން އެ ގައުމުގެ ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ.