04 ޖޫން 2024
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ، ދައުލަތަށް ޣައްދާރު ވުމުގެ ކުށުގެ ހުކުމް ބާތިލް ކަމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ، ދައުލަތަށް ޣައްދާރު ވުމުގެ ކުށުގެ ހުކުމް ބާތިލް ކަމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ދައުލަތުގެ ސިއްރުތައް ލީކުކުރި ކަމަށް ބުނެ އުފުލި މި ދައުވާ އަކީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި އާންމު އިންތިހާބާ ދިމާކޮށް އިމްރާންގެ މައްޗަށް ފުލުފުލުން ކުރި ތިން ދައުވާގެ ތެރެއިން އެއް ދައުވާ އެވެ. މިއީ ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއެޅުމުގެ ގޮތުން ސިޔާސީ ވާދަވެރިން އަމިއްލައަށް އުފައްދައިގެން ކުރި ދައުވާއެއް ކަމަށް އިމްރާން ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
އެހެން ކުށްތަކުގައި އިއްވާފައިވާ ހުކުމްތަކާ ގުޅިގެން މިހާރުވެސް ޖަލުގައި އޮންނެވި އިމްރާންގެ މި ހުކުމް ބާތިލް ކަމަށް ހުކުމް ކުރީ ހައި ކޯޓުގެ ދެ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
"މިއީ ސިޔާސީ ވާދަވެރިކަމުގައި ވިކްޓިމުންނަށް ވެފައިވާ އިމްރާން ޚާން އާއި [ކުރީގެ ފޮރިން މިނިސްޓަރު] ޝާހް މަހްމޫދު ގުރައިޝީއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ބިމާ ހަމަކޮށްލެވުނު އެންމެ ބޮޑު އެއް މައްސަލަ،" އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ ވަކީލެއް ކަމަށްވާ ސަލްމާން ސަފްދަރު ކޯޓު ބޭރުގައި ހުންނަވައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އިމްރާން އާއި ގުރައިޝީ އަށް މި ހުކުމް ކުރީ އެމެރިކާގައި ހުންނެވި ސަފީރު 2022 ވަނަ އަހަރު ފޮނުއްވި ސިއްރު މައުލޫމާތުތަކެއް އާންމުކުރެއްވި ކަމަށް ބުނެ އެވެ.
މިއީ 2022 ވަނަ އަހަރު އިމްރާންގެ ސަރުކާރު ވައްޓާލަން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކީ އެމެރިކާ އަޑީގައި އޮވެގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ ބައިވެރިވުމާ އެކު ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ފޮނުވި މައުލޫމާތެއް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެމެރިކާ އާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ވަނީ މި ތުހުމަތު ދޮގުކޮށްފަ އެވެ.
އިމްރާން އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއާ ކައިވެނި ބައްލަވައިގަތީ ބުޝްރާ އިއްދާގައި އިންދާ ކަމަށް ބުނެ ހަތް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެ އެވެ. އަދި 2018 އިން 2022 އާ ދެމެދު ވެރިކަން ކުރެއްވި އިރު ރިޝްވަތު ހިފާފައިވާ ކަމަށް ބުނެ އުފުލި ދައުވާތަކެއްގައި ކުރި 14 އަހަރުގެ ހުކުމެއް ވެސް ވަނީ މިހާރު ބާތިލްކޮށްފަ އެވެ.
ފެބްރުއަރީ މަހު އިމްރާން ޖަލުގައި އޮންނަވަނިކޮށް ބޭއްވި އިންތިހާބުގައި އޭނާގެ ޕާޓީގެ ނަމުގައި ވާދަކުރުން އޮތީ ކެންޑިޑޭޓުންނަށް މަނާކޮށްފަ އެވެ. އެކަމަކު އަމިއްލަ ގޮތުން ވާދަކޮށް އެންމެ ގިނަ ގޮނޑި ހޯދީ އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުންނެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ ބާރު ލިބެނީ ޕާޓީގެ ނަމުގައި އިންތިހާބުވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ވާތީ އެ މެންބަރުންގެ މާބޮޑު ބާރެއް ނެތެވެ. -- އޭއެފްޕީ
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި
ޕާކިސްތާނުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ
ކައިވެނީގެ މައްސަލައިގައި އިމްރާނަށް ކުރި ހުކުމް ބާތިލް
އިމްރާން ޚާންގެ 14 އަހަރުގެ ޖަލު ހުކުމެއް ފަސްކޮށްފި
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު
ކުޑަ ޕާޓީއަކާ އެކު އިމްރާންގެ މެންބަރުން ބާރު ހޯދަނީ