Roadha Mihaaru
ޓެކްސް އާއި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭގޮތް ހަދަނީ

އިންކަމް ޓެކްސް އާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގަނީ

25 އޯގަސްޓް 2024

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ކެބިނެޓުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން ފައިސާ އާއި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދޭން ޖެހޭ ގޮތަށް ކެބިނެޓުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، ޑޮލަރުގެ ތާށިކަމަށް ލުޔެއް ހޯދުމަށް ޕެންޝަން ގާނޫނާއި އިންކަމް ޓެކްސް ގާނޫނު އަދި މީރާގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވެސް އެކަމާ ގުޅޭ މުހިއްމު ނިންމުތަކެއް ނިންމި ކަމަށެވެ. ބަންޑާރަ ނައިބު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ބައެއް ހާލަތުތަކުގައި ރުފިޔާ އިން ފައިސާ ދައްކާ ކަމަށާއި އިންކަމް ޓެކްސް ވެސް ރުފިޔާ އިން ދައްކާ ކަމަށެވެ.

"ސަރުކާރުން ގާނޫނުތަކާއި ގަވައިދުތަކަށް އިސްލާހު ގެެނެސްގެން އަޅުގަނޑުމެން މިކަން އިސްލާހު ކުރާނަން. އެކަން ބަދަލު ކުރަން ކެބިނެޓުން ވަނީ ނިންމާފައި. އެއީ ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ މީގެ ފަހުން ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ކަނޑައަޅާނަން،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވިގޮތުގައި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ވެސް ޑޮލަރުން ދެމުން ގެންދެ އެވެ. އެކަމަކު ޕެންޝަނަށް ފައިސާ ދައްކަނީ ދިވެހި ރުފިޔާ އިން ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ ކަން ބަދަލު ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮލަރުން މުސާރަ ދޭ ކަމަށް ވަނީ ނަމަ ޕެންޝަން ފައިސާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް އަޅުގަނޑުމެން ކަނޑައަޅާނަން. އެކަން ކުރުމަށްޓަކައި އެމްއެމްއޭ އާއި މީރާއާ މަޝްވަރާކޮށް، ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ވަރަށް އަވަސް މުސްތަގްބަލެއްގައި ގެންނާނަން،" އުޝާމް ވިދާޅުވި އެވެ.

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަނާއި އަދި ކަސްޓަމްސް ޑިއުޓީ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ހަދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، އެފަދަ ބަދަލުތައް ގެންނަން ޖެހެނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ކަޅު ބާޒާރަށް ޑޮލަރު ވިއްކައިގެން ފައިސާ ހޯދައިގެން އެކަން ކުރާކަން ފާހަގަކުރެވޭތީ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ރާވާފައި ވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާށެވެ. އަދި އެއާ ގުޅޭ ގަވާއިދެއް އިސްލާހު ކުރަން އޮތް ނަމަ އެކަން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.