Roadha Mihaaru
ސެލޫން ހިންގާ ސުޒޫ ވެސް ޑީޕޯޓްކޮށްލައިފި

ސެލޫން ހިންގާ ސުޒޫ ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފި

24 އޯގަސްޓް 2024

ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ، ސުޝްމިތާ ދައުގޯދާ (ސުޒޫ) ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ، ސުޝްމިތާ ދައުގޯދާ (ސުޒޫ) ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ސުޝްމީތާގެ ފޮޓޯ އާންމުކޮށް، އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުންދިޔަ ސުޝްމީތާ ނުވަތަ މަޝްހޫރު ނަމުން ނަމަ، ސުޒޫއާ ގުޅޭ ގޮތުން އިމިގްރޭޝަނަށް ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާއަކީ ވިސާގެ ބޭރުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ މީހެއް ކަމަށްވާތީ ރާއްޖެ ނާދެވޭ ގޮތަށް މި މަހުގެ 20 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ސުޒޫ ޑީޕޯޓުކޮށްލިިއިރު، "ރިޓްޒް ބިއުޓީ ސެލޫން" ހިންގަމުން އައި ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ މި މަހުގެ 13 ވަނަ ދުވަހު ޑީޕޯޓުކޮށްފަ އެވެ. އޭނާ ވެސް ޑީޕޯޓްކޮށްލީ ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރި ކުރަމުންދާތީ އެވެ.

ސުޒޫ އާއި ރިޒް ހިންގަމުންދިޔަ ސެލޫނަކީ ވެސް ދިވެހިންގެ މެދުގައި މަގްބޫލު ދެތަނެވެ.

މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި އިންސްޕެކްޝަންތައް ހިންގައި، އެމީހުން ޑީޕޯޓް ކުރަމުންނެވެ. ސާފުތާހިރުކަން ކުޑަކޮށް ބިދޭސީން ހިންގަމުންދިޔަ ކާބޯތަކެތީގެ ވިޔަފާރިތަކާއި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ތަންތަން ބަންދު ކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރު ވެސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ އަތުލައިގެންފަ އެވެ.