Roadha Mihaaru
ސިޔާސީ މައިދާނުން އެކަހެރިއެއް ނުކުރެވޭނެ: ޔާމީން

އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި، އެކަހެރިއެއް ނުކުރެވޭނެ: ޔާމީން

19 އޯގަސްޓް 2024

ސިޔާސީ މައިދާނުގައި އެކަހެރިވެވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސިޔާސީ މައިދާނުގައި އެކަހެރިވެވަޑައިނުގަންނަވާ ކަމަށާއި އެކަން ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި އެ މަނިކުފާނު އެހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްކެވި ވާހަކަތަކަަކަށް ދެއްވި ރައްދެއްގަ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވެފައި ވަނީ ޔާމީން ހުންނެވީ ސިޔާސީ މައިދާނުގައި "އެކަހެރި" ކޮށްފައި ކަމަށެވެ. ފައިސަލް ވެސް މިގޮތަށް ވިދާޅުވީ އޭނާ އާއި އާއިލާއަށް ނިސްބަތްކޮށް، ޔާމީން ސިލްސިލާ ޖަލްސާތަކުގައި ވިދާޅުވަމުން ގެންދަވާތީ އެވެ.

"ރައީސް ޔާމީން ހިނި އަޔަސް، ރުޅި އަޔަސް، ތުރުތުރު އެޅިޔަސް، މިއަދު ރައީސް ޔާމީން އެ ހުރީ ސިޔާސީ މައިދާނުގައި އެކަހެރި ކޮށްފައި،" ފައިސަލް ވިދާޅުވެފައި ވެ އެވެ.

އެކަމާ ގުޅިގެން ފައިސަލަށް ރައްދު ދެއްވައި، ޔާމީން ވިދާޅުވީ ސިޔާސީ މައިދާނުން އެ މަނިކުފާނު އެކަހެރި ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނު އަދިވެސް އުޅުއްވަނީ ސިޔާސީ މަސްރަހުގައި ކަމަށެވެ.

"އެހެންވީމާ ފައިސަލް އަޑަށް ބާރުލާފައި ކޮންމެ ވާހަކައެއް ދެއްކިޔަސް، އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރިވެގެނެއް ނޫން މި ހުރީކީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މި ހުރީ ސިޔާސީ މައިދާނުގައި. އަދި އަޅުގަނޑު ދައްކާ ވާހަކައަށް އެ ބޭފުޅުން ޖަވާބު ދެއްވަންވީ ގޮތަށް،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައި.-- ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައި.-- ފަޔާޒް މޫސާ | މިހާރު

ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ އެ ބޭފުޅުން އަމިއްލަ ޕާޓީއެއް އުފައްދައިފި ނަމަ 1،000 މެމްބަރުން ވެސް ފަހަތަށް ނާރާނެ ކަމަށެވެ.

އެ ޖަލްސާގައި ޔާމީން ވަނީ މި ސަރުކާރަކީ އެމަނިކުފާނުގެ "ހުސް ގޮނޑި" ވިއްކައިގެން ވެރިކަމަށް އައި ބައެއް ކަމަށާއި އެ މަނިކުފާނު ޖަލުން މިނިވަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވެސް އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ކެމްޕެއިން ތެރޭގައި އަދި ރިޔާސީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު އާންމުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި ވެސް ޔާމީން ޖަލުން ދޫކޮށްލަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފަ އެވެ. ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރީ ރައީސް މުއިއްޒު އެ ކަމަށް ގޮވާލެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް އޭގެ އަނެއް ދުވަހުގެ ހަވީރެވެ.

ސަރުކާރުން ރަނގަޅަށް ކަންކަން ކުރައްވަމުން ގެންދަވަނިކޮށް ދުރުވެވަޑައިގަތީ ޔާމީން ކަމަށް ދެއްކެވޭ ވާހަކަތައް ވެސް އެ މަނިކުފާނު ރޭ ރައްދު ދެއްވި އެވެ.

"އެ މީހުންނެއް ވެސް ބޭނުމެއް ނުވޭ ރައީސް ޔާމީން ނެރޭކަށް ޖަލަކުނެއް. ދެން ރަށްރަށަށް ގޮސްފައި މި ބުނަނީ ތިމަންނަމެން މިހާ ރަނގަޅުކޮށް އުޅެނިކޮށް ރައީސް ޔާމީނޭ، ތިމަންނަމެން ދޫކޮށްލީ. އެހެނެއް ނޫން އެކަންވީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރާ އެކު ކުރިއަށް ނުދިޔައީ "ޖަރީމާ" ތަކުގެ ތެރޭގައި ހުންނަވަން ބޭނުންފުޅު ނުވާތީ އެވެ.

ޔާމީން އެހެން ވިދާޅުވި ނަމަވެސް ރައީސް މުއިއްޒު މަގާމުގެ ހުވާ ނުކުރައްވަނީސް ޔާމީން ވަނީ ފެއަށް ޖެހިވަޑައިގެން، ފާޅުގައި މި ސަރުކާރުގެ މިހާރުގެ ލީޑަޝިޕަށް ފާޑުވިދާޅުވާން ފައްޓަވައިފަ އެވެ.

ޔާމީން ވިދާޅުވީ މިސަރުކާރު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމުނުގޮސް ނަމަވެސް، އޭރުގެ މައްސަލަތައް ވެސް މި ސަރުކާރުން ބަލަމުން ނުދާ ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތަކާއި އިތުރު މައްސަލަތައް ވެސް މި ސަރުކާރުން ކުރިއަށް ނުގެންދާތީ އާއި މަޖިލީހުގެ ތެރެއިން ކަންކަން ހައްލުކުރުމަށް މަސައްކަތްތައް ނުކުރެވޭތީ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވިއްކި، މެނިފެސްޓޯއަށް ވެސް އަމަލުކުރައްވަމުން ނުގެންދަވާތީ އެކަމާ ގުޅިގެން ވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެ ޕާޓީއަކުން ދެއްކި މެނިފެސްޓޯއާ އެ ޕާޓީއަކުން ތާއީދު އޮވެގެން ބޭފުޅަކު ވެރިކަމަށް ގެންނަނީ. މެނިފެސްޓޯ ވީއްލާލާފައި ދެން އަމިއްލަ ކަންތައްތަކެއް ކުރަންވީމާ ދެން ނުކުރެވޭނެ އެކޭ ނޫން. ޕާޓީ ނިޒާމުގެ ތެރެއިން އެއީ ބެލޭނެ ކަންކަން ބަލާފައި ފިޔަވަޅު އަޅަން ޖެހޭ ކަންކަން،" ޔާމީން ވިދާޅުވި އެވެ.