Roadha Mihaaru
ރަޝިޔާގެ ބޮޑު ސަރަހަދެއްގައި ޔުކްރެއިން ސިފައިންގެ ބާރު

ޔުކްރެއިން ސިފައިން ރަޝިޔާގެ 1،000 އަކަ ކިލޯމީޓަރު ކޮންޓްރޯލްކުރާ ކަމަށް ބުނެފި

13 އޯގަސްޓް 2024

ރަޝިޔާ ތެރެއަށް ވަދެފައިވާ ޔުކްރެއިން ސިފައިން ރަޝިޔާގެ 1،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެން ކޮންޓްރޯލްކުރާ ކަމަށް ޔުކްރެއިން ސިފައިންގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ތެރެއަށް ވަދެފައިވާ ޔުކްރެއިން ސިފައިން ރަޝިޔާގެ 1،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެން ކޮންޓްރޯލްކުރާ ކަމަށް ޔުކްރެއިން ސިފައިންގެ ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި ސިފައިންގެ ވެރިޔާ އޮލެކްސެންޑާ ސިރުސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ 1،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލްކުރަމުން އިތުރު އޮޕަރޭޝަންތައް ވެސް ސިފައިން ދަނީ ހިންގަމުންނެވެ.

"ކުރުސްކް ސަރަހައްދުގައި ހަމަލާ ދިނުމުގެ އޮޕަރޭޝަންތައް މިހާރު ވެސް ދަނީ ކުރިއަށް. މިހާތަނަށް ރަޝިޔާގެ ގާތްގަނޑަކަށް 1،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި،" ސިރުސްކީ ވިދާޅުވި އެވެ.

މި ފަހުން ޔުކްރެއިންގެ ބޯޑަރު ސަރަހައްދުގެ ބައެއް އަވަށްތައް ރަޝިޔާއިން ހިފާފައި ވަނިކޮށް ރަޝިޔާއަށް ޔުކްރެއިން ސިފައިން ވަދެގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކު ރަޝިޔާއަށް ވަނީ ސިހުން ލިބިފަ އެވެ. އެއާ އެކު ރަޝިޔާއިން އިތުރު ސިފައިންނާއި ޓޭންކާއި ޑްރޯންތަކާއި ބަރު ހަތިޔާރުތައް ވަނީ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފަ އެވެ. އަދި ރައީސް ލަޑީމިއާ ޕުޓިން މިހާރު ވަނީ ރަޝިޔާ ތެރޭގައި ތިބި ޔުކްރެއިން ސިފައިން ހުއްޓުވައި ބޭރުކުރުމަށް އަމުރުކުރައްވައިފަ އެވެ.

ޕުޓިން ވިދާޅުވީ ދުޝްމަނުންގެ އެއް އަމާޒަކީ ރަޝިޔާ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފައްދައި، މީހުންނަށް ބިރު ދެއްކުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލުންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ޔުކްރެއިން ސިފައިންގެ ބާރު ގަދަކޮށްފައިވާ ކުރުސްކް ސަރަހައްދުން މިހާރު ގާތްގަނޑަކަށް 121،000 މީހުން އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 12 މީހުން މަރުވެ، އިތުރު 121 މީހުން ޒަހަމްވެފައިވާ ކަމަށް ސަރަހައްދީ ގަވަރުނަރު އެލެކްސީ ސްމިރްނޯވް ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.

ރަޝިޔާގެ 1،0000 އަކަ ކިލޯމީޓަރު ކޮންޓްރޯލްކުރާ ކަމަށް ޔުކްރެއިނުން ބުންޏަސް ސްމިރްނޯވް ވިދާޅުވި ގޮތުގައި ޔުކްރެއިން ސިފައިން ތިބީ 12 ކިލޯމީޓަރު (ހަތް މޭލު) އެތެރޭގަ އެވެ. އަދި 28 އަވަށެއް ވަނީ ހިފައިފަ އެވެ.

ރަޝިޔާ އާއި ޔުކްރެއިނުން 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ގޮސް ޔުކްރެއިނަށް ރަޝިޔާ ސިފައިން އެރީ ފެބްރުއަރީ 24، 2022 ގަ އެވެ.