Roadha Mihaaru
ޔުކްރެއިނުން އަނެއްކާވެސް ރަޝިއާގެ ބޯޓެއް ފައްތާލައިފި

ޔުކްރެއިނުން އަނެއްކާވެސް ރަޝިއާގެ ބޯޓެއް ފައްތާލައިފި

15 ފެބުރުއަރީ 2024

ރަޝިޔާގެ ބިޔަ އެމްފިބިއަސް އުޅަނދެއް ކަމަށްވާ "ސީޒާ ކުނިކޯވް" އަށް ރަޝިޔާއިން ހިފާފައިވާ ކްރައިމިއާގެ އައްސޭރިފަށުގައި ހަމަލާދީ ފައްތާލާފައިވާ ކަމަށް ޔުކްރެއިން ސިފައިން ބުނެފި އެވެ.

ރަޝިޔާގެ ބިޔަ އެމްފިބިއަސް އުޅަނދެއް ކަމަށްވާ "ސީޒާ ކުނިކޯވް" އަށް ރަޝިޔާއިން ހިފާފައިވާ ކްރައިމިއާގެ އައްސޭރިފަށުގައި ހަމަލާދީ ފައްތާލާފައިވާ ކަމަށް ޔުކްރެއިން ސިފައިން ބުނެފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޔުކްރެއިން ވަނީ ރަޝިއާގެ ބޯޓެއް ފައްތާލައިފަ އެވެ.

ހަމަލާ ދިން ކަމަށް ބުނާ ހިސާބުން ބުދަ ދުވަހުގެ ވަގުތެއްގައި ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ޔުކްރެެއިންގެ މީޑިއާއިން ބުނެފައިވެ އެވެ.

ޔޫކްރޭންގެ އިންޓެލިޖެންސް ޑިރެކްޓަރޭޓުން ވަނީ "މަގޫރާ ވީ5" ސީ ޑްރޯން އިން ބޯޓަށް ހަމަލާދޭތަން ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ޔޫކްރޭނުން ވަނީ ހިފާފައިވާ ކްރައިމިއާގައި ރަޝިޔާގެ ބްލެކް ސީގެ ފްލީޓަށް ތަކުރާރުކޮށް ހަަމަލާ ދީފަ އެވެ.

މިދިޔަ އަހަރު އާންމުކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ފްލީޓްގެ ބޮޑު ބައެއް ވަނީ މި ހަމަލާތަކާ ހެދި ޕެނިންސުލާ ދޫކޮށް ރަޝިޔާގެ ބްލެކް ސީގެ ބަނދަރު ނޮވޮރޮސިސްކް އަށް ގޮސްފަ އެވެ.

ބްރަސެލްސްގައި ނޭޓޯގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން އެ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި ފާއިތުވި މަސްތަކުގައި ޔޫކްރޭންގެ ސިފައިންނަށް "ބޮޑު ކާމިޔާބީއެއް" ވަނީ ލިބިފަ އެވެ. އަދި ރަޝިޔާގެ ބްލެކް ސީގެ ފްލީޓަށް "ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށާއި އެހެންވެ ޔޫކްރޭންގެ ދަނޑުވެރިކަމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް މިހާރު ދޮރު ހުޅުވިފައިވާ ކަމަށް ވިދާޅުވި އެވެ.

ސީޒާ ކުނިކޯވް ފައްތާލި ކަމަށް ބުނާ ވާހަކައަށް ރަޝިޔާއިން ވާހަކައެއް ނުދައްކަ އެވެ.

"ސީޒާ ކުނިކޯވްގައި ބޮޑެތި ލޯވަޅުތަކެއް އެޅި އަޑިއަށް ދާން ފެށީ،" ޔޫކްރޭންގެ މައި އިންޓެލިޖެންސް ޑިރެކްޓަރޭޓުން ޓެލެގްރާމް މެސެޖިން ސައިޓުގައި ބުނެފައިވެ އެވެ.

އަދި މި ހަމަލާ ދިނީ ކްރައިމިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަލޫޕްކާގައި "ގްރޫޕް 13" ކިޔާ ޔުނިޓަކުން ކަމަށް ވެސް ބުންޏެވެ.

ހަަމަލާއަށް ފަހު 87 ފަޅުވެރިން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަން ކާމިޔާބު ނުވި ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.

އެމްފިބިއަސް ބޯޓުތައް އާންމުކޮށް ބޭނުންކުރަނީ ސިފައިން އަވަސް އަވަހަށް ތަންތަނަށް ގެންގޮސް ގެނައުމަށެވެ. އެކަމަކު ޔޫކްރޭންގައި އެ ބޯޓުތައް ބޭނުންކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. އެހެންވެ އެ ބޯޓުތައް ބޭނުން ކުރަމުންދަނީ އަސްކަރީ ސާމާނު އުފުލުމަށެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ފެށި ހަނގުރާމަ، އަންނަ ހަފްތާގައި ތިން ވަނަ އަހަރުގެ ތެރެއަށް ދާއިރު ޔޫކްރެއިންގެ ސިފައިންގެ ވެރިޔާ ވަނީ ހާލަތު ވަރަށް އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ކަމަށް ވިދާޅުވެފަ އެވެ.